Last Updated: April 18, 21:56
Thursday, April 18, 2024
ރިޕޯޓް

50 އަހަރު ކުރިން: ރާއްޖޭގެ ފުރަތަމަ ބޭންކް "ދަ ޕީޕަލްސް ބޭންކް އޮފް އައްޑު އެޓޯލް"

ދިވެހިރާއްޖޭގެ ކޮންމެ ދިމާއަކުންވެސް މިއަދު އިވޭ އެންމެ އާއްމު އެއްއަޑަކީ އިޤްތިޞާދީ ގޮތުން ދިވެހި ޤައުމު ކުރިއެރުވުމަށް މަސައްކަތް ކުރުމުގެ ވާހަކައެވެ. މިކަމުގައި ބޭންކް ތަކުގެ މުހިއްމު ދައުރެއް އޮތްވާހަކައެވެ.

ދިވެހިރާއްޖޭގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ ބަޔަކު ޤަބޫލު ކުރާގޮތުގައި ރާއްޖޭގައި ހުޅުވުނު ފުރަތަމަ ބޭންކަކީ ސްޓޭޓްބޭންކް އޮފް އިންޑިޔާގެ މާލޭގެ ގޮތްޕެވެ. ހުޅުވުނީ ފެބްރުއަރީ 1974 ގައެވެ. އެބޭންކްގެ ގޮތްޕެއް އައްޑޫގައި ހުޅުވުނީ 2008 ގައެވެ.

chq2

ޕާކިސްތާނުގެ ހަބީބް ބޭންކް އަކީ މާލޭގައި ދެވަނައަށް ބޭންކިންގ ގެ ޚިދުމަތް ދޭންފެށި ބޭންކެވެ. އެއީ 1976 ގެ އެޕްރީލް މަހު އެބޭންކްގެ ގޮތްޕެއް ހުޅުވުމާއެކީގައެވެ. މިލިސްޓުން ތިންވަނަ އަށް ޖާގަ ލިބެނީ 1981 ވަނަ އަހަރު މާލޭގައި އެބޭންކްގެ ގޮތްޕެއް ހުޅުވި ބޭންކް އޮފް ސިލޯނަށެވެ.

1982 ވަނަ އަހަރު ޖުމްހޫރީ ދުވަހަކީ ދިވެހިރާއްޖޭގެ ޤައުމީ ބޭންކް، ބޭންކްއޮފް މޯލްޑިވްސް މާލޭގައި ހުޅުވުނު ދުވަހެވެ. 1982 ވަނަ އަހަރުގެ ނޮވެމްބަރ 11 ވަނަ ދުވަހު ޚިދުމަތް ދޭންފެށި މި ބޭންކްގެ ދެވަނަ ގޮފި ބޭންކުގެ އުމުރުން އެއް އަހަރު ފަހުން އައްޑޫ އަތޮޅު ގަމުގައި ހުޅުވިއެވެ. 1 ޑިސެމްބަރ 1983 ގައެވެ. އޭގެ ގާތްގަނޑަކަށް ދިހަ އަހަރު ފަހުން އައްޑޫ އަތޮޅު ވެރިކަން ކުރާ ހިތަދޫގައި އެބޭންކުގެ 8 ވަނަ ގޮފި ހުޅުވިއެވެ. ތާރީޚަކީ 17 ޖެނުއަރީ 1994އެވެ. ބޭންކް އޮފްމޯލްޑިވްސްގެ ޚިދުމަތްތައް ފަސޭހަ ކަމާއެކު އައްޑޫއަތޮޅު ހުޅުދޫ އަދި މީދޫއަށް ލިބެންފެށީ ހިތަދޫގައި ބޭންކްގެ ގޮތްޕެއްހުޅުވިތާ 9 އަހަރު ފަހުން 12 އޮކްޓޯބަރ 2003 ގައި މީދޫ ގައި ބޭންކް އޮފް މޯލްޑިވްސްގެ ހުޅުމީދޫ ބްރާންޗް ހުޅުވި ހިސާބުންނެވެ.

ch4

2 އޮގަސްޓް 2010 އެއީ ދިވެހީންނަށް އުފާވެރި ދުވަހެކެވެ. ސައްތައިންސައްތަ މުސްލިމުން ދިރިއުޅޭ ދިވެހިރާއްޖޭގައި އިސްލާމީ އުޞޫލު ތަކާ އެއްގޮތަށް ހިނގާ ބޭންކެއް ހުޅުވުނު ތާރީޚީ ދުވަހެވެ. މޯލްޑިވްސް އިސްލާމިކް ބޭންކް ހުޅުވުނު ދުވަހެވެ. މިއަދު އައްޑޫ ރައްޔިތުންގެ ގިނަ ބަޔަކު އެދެމުންދަނީ އިސްލާމިކް ބޭންކުގެ ޚިދުމަތްތައް އައްޑޫއިން ލިބުމަށެވެ. އިންތިޒާރު ކުރެވެނީ އެދުވަހަށެވެ.

ތާރީޚަކީ އޮޅުވާލެވޭނެ ޙަޤީޤަތެއްނޫނެވެ. ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވުނު ބޭންކަކީ އައްޑޫ އަތޮޅު ހިތަދޫގައި 1961 ވަނައަހަރު ހުޅުވި ދަ ޕީޕަލްސް ބޭންކް އޮފް އައްޑޫ އެޓޯލް މިބޭންކެވެ. މާލޭގައި ސްޓޭޓްބޭންކް އޮފް އިންޑިޔާގެ ގޮތްޕެއް ހުޅުވުމުގެ 13 އަހަރު ކުރީން ހުޅުވި މި ބޭންކް ހިނގަމުންދިޔައީ އައްޑޫ އަތޮޅު ހިތަދޫ މެރިންޑްރައިވް ގައި ހުރި ޢިމާރާތެއްގައެވެ. މިހާރު ކޭބަލް ޓީވީގެ އޮފީސް ހުރި ޢިމާރާތުގައެވެ. ބޭންކުގައި މައިގަނޑު ގޮތެއްގައި މުޢާމަލާތު ކުރެވުނީ އެދުވަސްވަރު އައްޑޫގައި ބޭނުންކުރި ސްޓާލިންގ ޕައުންޑުންނެވެ. މި ބޭންކްގެ ޚިދުމަތްތައް އައްޑޫގައި ދެވެމުންގެންދެވުނު ދުވަސްވަރު އައްޑޫގެ ގިނަ ބަޔަކަށް އިޤްތިޞާދީ ގޮތުން ކުރިއެރުންތަކެއް ލިބުނެވެ.

އައްޑޫ ރައްޔިތުން އެމީހުންގެ އަމިއްލަ އިޤްތިޞާދު ކުރިއެރުވުމަށް ކުރި މަސައްކަތުގެ ފޮނިމޭވާ ދެމެހެއްޓެނިވި ގޮތަކަށް ނުލިބުނު މައިގަނޑު ސަބަބަކީ އޭރުގެ ދިވެހި ސަރުކާރުން ދަ ޕީޕަލްސް ބޭންކް އޮފް އައްޑޫ އެޓޯލް އުވާލުމެވެ. އެބޭންކު ގައި ހުރި ފައިސާ ތައް އޭގެ ޙައްޤުވެރީންނަށް ދިނުމަކާވެސް ނުމެލައެވެ. ބޭންކުގައި ހުރި ފައިސާ މާލެ ގެންދިޔައީ ކަމުގައި ބުނެވެއެވެ. އައްޑޫ ރައްޔިތުންގެ މުދާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ޢަނީމާ ކުރެވުނީއެވެ. ސަބަބަކީ އެދުވަސްވަރު އައްޑޫ މީހުންތިބީ ޢައިރު ޤާނޫނީ ސަރުކާރެއްގެ ބެލެނިވެރިކަމުގެ ދަށުގައި ކަމުގައިވާތީއެވެ. ބޭންކް ހިންގޭނީ ރައުސުލްމާލެއް އޮވެގެންކަން ޤަބޫލުކޮށް އޭރު އައްޑޫގައި ތިބި މުއްސަނދިން އެމީހުންގެ ގިނަ ޢަދަދެއްގެ ފައިސާ ޖަމަޢަ ކުރުމުން އެމީހުނަށް ލިބުނީ ބޭންކުން ފައިސާ ނަގަން ތައްޔާރު ކުރެވުނު ޗެކްފޮތެވެ. އެއިންޗެކަކަށް ފައިސާ ދޭނެ ބަޔަކު ނެތެވެ. ހައްޤު ހޯދަން ދާނެ ތަނެއްވެސް ނެތް ދުނިޔޭގައެވެ.

ނޯޓް: މިލިއުމަކީ 28 ޖެނުއަރީ 2013 ވަނަ ދުވަހު "އައްޑޫލައިވް"ގައި ޝާޢިރު ކުރެވިފައިވާ ލިއުމެކެވެ. މިނިވަންކަމަށް 50 އަހަރު ފުރޭ މުނާސަބަތާއި ގުޅުވައިގެން "އައްޑޫލައިވް"ގެ ކިއުންތެރިންނާއި ދެވަނަ ފަހަރަށް ހިއްސާކޮށްލީމެވެ.