މާލޭގައި މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ހައްޔަރުކޮށްފައި ވަނީ ހ. ފޯސީޒަން އަހްމަދު އާހިލް މުނާޒް، 18، އާއި ގދ. ތިނަދޫ ގުލްބަކާގެ އަބްދުالله އިސްރާގް، 18، އެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުުރުމުން ތަހުގީގު މަރުހަލާ އާއިި ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވެ އެވެ. ކޯޓު އަމުރުގައިވާ ގޮތުން ދެ މީހުންގެ މައްޗަށް ވެސް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވެ އެވެ.
މުނާޒާއި އިސްރާގް ބަންދުގައި ބަހައްޓަން ޖެހޭ ހާލަތެއް ކަމަށް ބުނެފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް ރިއާޔަތްކޮށް މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަަކައި ކަމަށެވެ. އެ މީހުން ހިންގި މާރާމާރީއާ ގުޅޭ ގޮތުން އަމުރުގައި ބުނެފައިވަނީ ސީސީޓީވީ ފުޓޭޖް ހުށަހަޅާފައިވާ ކަމަށާއި އެތަނުން އެކަކު ލަކުޑި ފަތިބުރިއެއް އެއްލާލާ މަންޒަރު ފުޓޭޖުން ފެންނަ ކަމަށެވެ.
އެއީ ގްރޫޕް ހަދައިގެން ހިންގާފައިވާ ނުރައްކާތެރި އަމަލެއްކަން ފާހަގަކޮށް ބުނެފައި ވަނީ މީގެ ކުރީގެ މައްސަލައެއްގެ ބަންދުން ދޫކޮށްލި ޝަރުތާ ހިލާފްުވެފައިވާ ކަމަށެވެ. އެގޮތުން އައިއޯއާ ހަވާލާދީ އަމުރުގައި ބުނެފައިވަނީ އަނިޔާ ލިބުނު ފަރާތްތަކަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ބިރުދައްކާ އަނިޔާކޮށްފައިވާ ކަމަށެވެ.
މުނާޒާއި އިސްރާގަކީ ވެސް ކުށުގެ ރެކޯޑްތަކެއް އޮތް ދެ މީހުންނެވެ.