ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ މައުލޫމާތު އެއްކުރަން ކުރިއަށްް ގެންދާ "ކުރަނގި" އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 18،000 އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފި އެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މި މަސައްކަތުގެ ދަށުން މިހާތަނަށް 194 ރަށެއްގައި މަސައްކަތް ފަށައި 18،919 ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުންޏެވެ. އެގޮތުން މިހާތަނަށް 50 ރަށެއްގައި އެ މަސައްކަތް ވަނީ ނިންމައިފަ އެވެ. ނިންމާފައިވާ ކަމަށެވެ.
މި އޮޕަރޭޝަންގައި ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި އެ މީހުން ބިދޭސީ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައި ހުރި ޤަނޫނާއި ޤަވާއިދުގެ ދަށުންތޯ މި އޮޕަރޭޝަނުގެ ތެރެއިން ޔަގީންކުރާނެ އެވެ.
މި އޮޕަރޭޝަނަށް ބޭނުންވާ މަޢުލޫމާތު އެއްކުރަނީ ކައުންސިލް އިދާރާތަކުގައި ބިދޭސީންގެ ބަޔޯ މެޓްރިކްސް ނެގުމުގެ އިންތިޒާމު ޤާއިމްކޮށްގެންނެވެ. އެ މައުލޫމާތުގެ އަލީގައި ބިދޭސީންގެ މައި ދަފްތަރެއް އެކުލަވާލާނެ އެވެ.
މަރުހަލާތަކަކަށް ބަހާލައިގެން، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް 3 އަހަރު ދުވަހުގެ ތެރޭގައި ހައްލު ހޯދުމުގެ މަގުސަދުގައި ފެށި މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގައި، ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރި ނަމަވެސް އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ފަހިކޮށްދެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ފުރަތަމަ މަރުހަލާ ނިމުމަށް ފަހު ރަސްމީ ލިޔެކިޔުން ނެތި، ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، ގައުމުތަކުގެ އެމްބަސީތަކާ ގުޅިގެން އެމީހުން އަނބުރާ ގައުމަށް ފޮނުވައިލާނެ އެވެ.
"ކުރަނގިި" އޮޕަރޭޝަން ފެށީ މި އަހަރުގެ ޖޫން 2 ގަ އެވެ.