Last Updated: May 3, 10:07
Saturday, May 3, 2025
ޚަބަރު

އައްމަޓީ ރާއްޖޭން ބޭރަށްދާން ހުއްދަ ދީފި

ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލައި، ރާއްޖޭން ބޭރަށް ދާން އޭނާ އަށް ކްރިމިނަލް ކޯޓުން މިއަދު ހުއްދަ ދީފި އެވެ.

ހައުސިން ޔުނިޓް އަޅަން ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ބުކިން ފީ ނެގުމަށް ފަހު، މަސައްކަތް ނުކޮށް ފިލި މައްސަލައިގައި އައްމަޓީގެ މައްޗަށް އުފުލާފައިވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާތަކެކެވެ. މި ދައުވާތަކާ ގުޅިގެން އައްމަޓީގެ ޕާސްޕޯޓް އޮތީ ހިފަހައްޓާފަ އެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ އެ އަމުރު ރިވިއުކޮށްދިނުމަށް އައްމަޓީގެ ފަރާތުން މިމަހުގެ ފަސްވަނަ ދުވަހު އެދިފައިވާ ކަމަށާއި އެދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ކަފާލާތުގެ ދަށުން މީހަކު ޖާމިނުކުރުމަށްފަހު އަދި ކޯޓުން ކަނޑައަޅާ ޝަރުތުތަކަކާއެކު 14 ދުވަހަށް ޕާސްޕޯޓް ދޫކޮށްދިނުމަށް އައްމަޓީ އެދިފައިވާ ކަމަށެވެ. އެކަމަށް ދައުލަތުން ދެކޮޅު ހަދާފައި ނުވާ ކަމަށް ކޯޓުން ބުނެފައިވެ އެވެ.

އެހެންކަމުން ކޯޓުން ވަނީ އައްމަޓީގެ ރާއްޖޭން ބޭރަށް ފުރުމަށް ހަމަޖެހޭ ދުވަހުން ފެށިގެން 14 ދުވަހަށް އައްމަޓީގެ ޕާސްޕޯޓް ދޫކޮށްލައި، މުއްދަތު ހަމަވުމުގެ ކުރިން އެނބުރި ރާއްޖެއަށް އައުމަށް އަމުރުކޮށްފަ އެވެ.

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ބުކިން ފީ ނެގުމަށް ފަހު، މަސައްކަތް ނުކޮށް ފިލައިގެން އުޅެނިކޮށް އަންމަޓީ ހައްޔަރުކުރީ ރާއްޖެއިން ބޭރުގައި އުޅެނިކޮށެވެ.

އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަަމަށް ތުހުމަތުކުރެވުނު މައްސަލައިގައި އައްމަޓީގެ މައްޗަށް ދައުވާ ކޮށްފައިވަނީ 2022 މޭ 30 ގަ އެވެ. މި މައްސަލައިގައި އައްމަޓީގެ މައްޗަށް ވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާ ކޮށްފައިވެ އެވެ.