Last Updated: May 9, 05:45
Friday, May 9, 2025
ޚަބަރު

އުކުޅަހު އިސް މެޖިސްޓްރޭޓް ވަކިކޮށްފި

އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު މުއާވިޔަތު ގާސިމް، ސާބިތު ދަރަންޏެއް ކޯޓުގެ ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީ މަގާމުން ވަކިކޮށްފި އެވެ.

މަގާމުން ވަކިކުރީ މިދިޔަ މަހުގެ 27 ގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނަ ސަސްޕެންޑް ވެސް ކުރުމަށް ފަހު އެވެ. ޖޭއެސްސީން އިއްޔެ ބުނީ ސާބިތު ދަރަނީގެ ފައިސާ ނުދައްކާ ކަމަށް އެތަނުން ކުރިއަށް ގެންދިޔަ ތަހުގީގުގައި ވެސް ގާސިމު އިއުތިރާވެފައިވާ ކަމަށެވެ.

ގާސިމް ސަސްޕެންޑްކުރީ އޭނައާ ގުޅޭ މައްސަލައެއްގެ ތަހުގީގު ނިމެންދެން ކަމަށް ޖޭއެސްސީން އޭރު ބުނެފައި އެވެ.

އޭނަ ސަސްޕެންޑް ކުރަން ނިންމީ ތަހުގީގަށް ހުށަހަޅާފައިވާ ހެކިތަކަށް ބެލުމަށް ފަހު ކަމަށާއި މަގާމުގައި ދެމިހުރެއްޖެ ނަމަ މައްސަލަ ތަހުގީގު ކުރުމަށް ހުރަސްތަކެއް އެޅިދާނެ ކަމަށް ބެލުމަށް ފަހު ކަމަށެވެ.