މި މަހުގެ ކުރީކޮޅު ތިން މިނިސްޓްރީއެއް ހިންގަމުންދިޔަ އިމާރާތްތަކެއް ރޯވެ ހުލުވި ހާދިސާގެ ތަހުގީގަށް ގެނައި އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމު ދެ ދުވަސް ފަހުން ފުރައިފި އެވެ.
ފުލުހުން ބުނީ މި މަހު 20 ގައި ރާއްޖެ އައި އެ ޓީމު ފުލުހުންނާ ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ފަހު ފުރީ މި މަހުހގެ 22 ގައި ކަމަށެވެ. ނަމަވެސް އެ ޓީމާ އެކު ތަހުގީގެއް ލިބުނު އެއްވެސް ކުރިއެރުމެއްގެ ވާހަކަ ފުލުހުން މިހާތަނަށް ހިއްސާކޮށްފައެއް ނުވެ އެވެ.
ތަހުގީގަށް އިންޑިއާގެ ޓީމު ރާއްޖެ އައި އިރު ވެސް ރޯވި އިމާރާތްތައް ހުރި ސަރަހައްދުގެ ބޮޑު ބައެއް ސާފުކޮށްފައިވާތީ އެކަމުން ތަހުގީގަށް ވަރަށް ބޮޑަށް ހުރަސް އެޅޭނެ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް އޮތީ ސަރުކާރަށް އަމާޒުވެފަ އެވެ.
މި މަހު 12 ގެ ވަނަ ދުވަހު ހެނދުނު ރޯވި ތިން މިނިސްޓްރީ އަކީ ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިތުރުން އެންވަޔަމަންޓް މިނިސްޓްރީ އެވެ. މި ތިން މިނިސްޓްރީގެ ތެރެއިން ފުރަތަމަ ރޯވީ ހައުސިންގަ އެވެ. އަދި އަލިގާންގަނޑު ކޮންޓްރޯލް ނުވެ އަނެއް ދެ މިނިސްޓްރީ ވެސް އަނދައި ހުލިވީ އެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އަދި ހޯދިފައެއް ނުވެ އެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ އިމާރާތް އެއްކޮށް އަނދައި ހުލިވެ، އެ އިމާރާތްތަކުގައި ހުރި މުހިންމު ބައެއް ލިޔުންތަކާއި ބައެއް ސާވާތައް ސަލާމަތް ކުރެވިފައެއް ނުވެ އެވެ.
އެނދި މިނިސްޓްރީތަކުގެ މަސައްކަތްތައް މިހާރު ވަގުތީ ގޮތުން ދެމުން އަންނަނީ ދަރުބާރުގޭގަ އެވެ.