މުދަލު ޒަކާތް ދައްކާ މީހުން އަދިވެސް ރާއްޖޭގައި ނިސްބަތުން މަދު ކަމަށާއި އެހެންވެ އެކަމާ ގުޅޭ ދިރާސާއެއް އަންނަ އަހަރު ހަދަން ޒަކާތު ހައުސް އިން ނިންމައިފި އެވެ.
އެތަނުގެ ޑިރެކްޓަ ޖެނެރަލް އިއްޒައްދީން އަދުނާން ދައުލަތުފެ މީޑިއާ ޕީއެސްއެމްގައި ވިދާޅުވީ ފިތުރު ޒަކާތް ދައްކާ މީހުން އިތުރު ނަމަވެސް މުދަލު ޒަކާތް ދައްކާ މީހުންގެ އަދަދު ދަށް ކަމަށެވެ. ނަމަވެސް މުދަލު ޒަކާތް ނުދައްކާ ސީދާ ސަބަބުތައް އަދި މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށާއި އެ ސަބަބުތައް ދެނެގަތުމަށް އަންނަ އަހަރު ދިރާސާއެއް ކުރާނެ ކަމަށް ވިދާޅުވި އެވެ.
ޢިއްޒައްދީން ވިދާޅުވީ މިހާތަނަށް ޒަކާތު ހައުސްއިން ހިންގި އެކި ހަރަކާތްތަކުގެ ތެރެއިން މުދަލު ޒަކާތް ދައްކާ މީހުންގެ އަދަދު މަދު ބައެއް ސަބަބުތައް ދެނެގަނެވިފައިވާ ކަމަށެވެ. އެގޮތުން އެކަމުގެ ހޭލުންތެރިކަން ކުޑަވުމަކީ މުހިއްމު ސަބަބެއް ކަމަށް ވިދާޅުވި އެވެ.
"މުދަލުގެ މިލްކުވެރިފަރާތަކީ މާތް ﷲ. ދީނީ ގޮތުން މީހުންނަށް މިއީ ކިހާ ވަރެއްގެ ކަމެއްކަން ނޭނގުން މިއީ އެންމެ ބޮޑު އެއް ކަންތައް ކަންނޭނގެ." ޢިއްޒައްދީން ވިދާޅުވި އެވެ.
އޭނަ ވިދާޅުވި ގޮތުގައި ބައެއް މީހުން މުދަލުގެ ޒަކާތް ނުދައްކަނީ އަތުގައި ހުންނަ މުދާ މަދުވާނެ ކަމަށް ދެކޭތީ ކަމަށެވެ. ނަމަވެސް މިހާތަނަށް މުސްލިމް ޤައުމުތަކުގައި ހަދާފައިވާ ދިރާސާތަކުންވެސް މުދަލުގެ ޒަކާތް ދައްކާ ފަރާތްތަކުގެ މުދަލުގައި ބަރަކާތްލައްވައި މުދާ އިތުރުވަމުންދާކަން ސާބިތުވެފައިވާ ކަމަށް ވިދާޅުވި އެވެ. އެހެންވެ ކުރިއަށް އޮތް ތަނުގައި ޒަކާތު ހައުސްގެ ފަރާތުން ޒަކާތުގެ އެކި ކަންކަމަށް އާންމުން ހޭލުންތެރިކުރުމުގެ ގިނަ ޕްރޮގްރާމުތައް ކުރިއަށް ގެންދާނެ ކަމަށް އިއްޒައްދީން ވިދާޅުވި އެވެ.
ރާއްޖޭގައި މިދިޔަ އަހަރު އަލަށް ޒަކާތު ހައުސްއެއް އުފައްދައި، ޒަކާތަށް ހޭލުންތެރި ކުރުމާއި ޒަކާތުގެ ކަންކަން ބެލެހެއްޓުމަށް މިހާރު އަންނަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެ. އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޒަކާތު ހައުސް އިފުތިތާހުކުރީ މި އަހަރުގެ ޖެނުއަރީ 2 ގަ އެވެ.
މި އަހަރުގެ މިހާތަނަށް 98 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޒަކާތު ފަންޑަށް ލިބިފައިވާ އިރު އެ ފަންޑަށް ލިބޭ އަދަދު އަހަރަކު 100 މިލިޔަން ރުފިޔާއަށް އެރުވުމަކީ ސަރުކާރުގެ އަމާޒެކެވެ.