Last Updated: May 8, 23:17
Thursday, May 8, 2025
ޚަބަރު

ވެލާނާ އެއާޕޯޓް ޖެޓްތަކުން ފުރިފައި

އާ އަހަރާ ދިމާކޮށް ރާއްޖެ އަންނަ ބޭރުގެ ޖެޓްތައް އިތުރުވެ، ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ޖެޓްތަކުން ފުރިއްޖެ އެވެ.

އެ އެއާޕޯޓް ހިންގާ ކުންފުނި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލް) އިން ބުނީ މި މަހުގެ ތެރޭގައި އެކަނި މިހާތަނަށް 148 ޖެޓް އައިސްފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 8 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް ވެސް ބުންޏެވެ. މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ގެ ނިޔަލަށް ވީއައިއޭ އަށް ރެކޯޑްކުރީ 137 ޖެޓެވެ.

އެމްއޭސީއެލުން ބުނީ މި އަހަރަކީ ޖެޓްތަކުގެ މޫވްމަންޓް ޖުމްލަކޮށް އިތުރު ވެސް ވި އަހަރެއް ކަމަށެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް 2،326 ޖެޓު މޫވްމަންޓު ރެކޯޑުކުރެވިފައިވާ އިރު މިއީ 10 ޕަސެންޓް އިތުރުވުމެކެވެ. މިދިޔަ އަހަރުގރ ޑިސެމްބަރު 28 ގެ ނިޔަލަށް ރެކޯޑް ކުރެވުނީ 2،107 މޫވްމަންޓެވެ.

އަބަދު ވެސް އާ އަހަރާ ދިމާކޮށް ޖެޓު އަންނަ މިންވަރު އިތުރުވާތީ، ވީއައިއޭގެ ތިން ސަރަހައްދެއްގައި ޖެޓް ޕާކުކުރެވޭނެ އިންތިޒާމު މި ފަހަރު ވެސް އޮތީ ހަމަޖައްސައިފައި އެވެ. އެގޮތުން އެއާޕޯޓުގެ އުތުރާއި، އިރު، އަދި ދެކުނުން ޖުމްލަ 68 ޖާގަ ޖެޓު ޕާކިންއަށް ޚާއްސަކޮށްފައިވެ އެވެ.