އެމްޓީސީސީ އަށް 10 ލޯންޗް ބަނދެ ދޭނެ ބަޔަކު ހޯދަން ހުޅުވާލައިފި އެވެ.
އެ ކުންފުނިން ބުނީ 10 ލޯންޗް ޑިޒައިންކޮށް، އެ ބަނދެ އެ އެއްޗެހި ސަޕްލައިކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 20 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދޭން ބާއްވާ ސެޝަނެއް އަންނަ މަހުގެ 7 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ޒޮނެއިރިޔާ ބިލްޑިންގުގެ ތިން ވަނަ ބުރީގައި ހުންނަ ކުންފުނީ ޕްރޮކިއުމަންޓް ޑިވިޝަންގެ މީޓިން ރޫމްގައި އޮންނާނެ އެވެ.
ލޯންޗްތަކެއް ބަނދެ ދޭނެ ބަޔަކު ހޯދަން އެމްޓީސީސީން ހުޅުވައިލި އިރު، އެ ކުންފުނިން އަންނަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ދަށުން މިހާރު އެކި އަތޮޅުތަކަށް ފެރީގެ ހިދުމަތް ދެމުންނެވެ.
އެ ހިދުމަތް އަންނަ އަހަރު ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް ފުޅާކުރަން ނިންމާފައިވާ އިރު، ދާދި ފަހުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސަޢުދީ ވިދާޅުވީ ހިދުމަތް ފުޅާކުރަން އިތުރު 56 ފެރީ ބޭނުންވާ ކަމަށެވެ. އަދި އެ އަދަދަކީ އާރްޓީއެލްގެ ހިދުމަތަށް މިހާރު ބަނދެފައި ހުރި އުޅަނދުތަކުގެ އަގަށް ބަލާ އިރު ގާތްގަނޑަކަށް 508 މިލިއަން ރުފިޔާ ކަމަށް ވިދާޅުވި އެވެ.