Last Updated: May 8, 23:17
Thursday, May 8, 2025
ޚަބަރު

ރަސްމީ ފާލަމުގެ މަރާމާތް ނިންމައި މި މަހު ހުޅުވާލަނީ

މި އަހަރުގެ ކުރީކޮޅު ބޮޑެތި ބަދަލުތަކަކާ އެކު މަރާމާތު ކުރަން ފެށި މާލޭގެ ރަސްމީ ފާލަމުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަބިލް ވިދާޅުވެއްޖެ އެވެ.

މާލޭގެ މޫނުމަތީގައި އޮތް ރަސްމީ ފާލަން އެމްޓީސީސީއާ ހަވާލުކޮށްގެން މަރާމާތު ކުރަން ފެށީ މެއި މަހުގެ ތެރޭގަ އެވެ.

އެ މަސައްކަތް ކުރިއަށްދާ ގޮތަށް މިނިސްޓަރު އިއްޔެ ބައްލަވާލެއްވުމަށް މީޑިއާތަކާ ވާހަކަ ދައްކަވަމުން ވިދާޅުވީ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާތީ އަމާޒަކީ މި މަހުގެ 21 ގައި ފާލަން އަލުން ހުޅުވައިލުން ކަމަށެވެ.

"މިއީ މާލޭގެ މަލަމަތިކަމަށްވެފައި، ފާލަން އެގޮތަށް ބަންދުކޮށްފައި ބޭއްވުމަކީ މިތަނަށް އަރަފައިބާ މީހުންނަށް ވެސް ފާހަގަކުރެވޭ ކަމަކަށްވެ މާލޭގެ ރީތިކަން ގެއްލިގެންދާނެ ފަދަ ކަމެއްކަމުން ސަރުކާރުން ވަރަށް ބޮޑަށް ބަރުއަޅައިގެން މަސައްކަތް ބާރަށް ކުރިއަށް އެބަދޭ،" މުއްތަލިބް ވިދާޅުވި އެވެ. "އުއްމީދު ކުރަނީ މަހެއްހާ ދުވަހުގެ ތެރޭގައި މިމަސައްކަތް ނިންމާ ފާލަން ހުޅުވާލެވޭނެ ކަމަށް."

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ރިޓަޔާޑް ޑީސީޕީ އަޙްމަދު ސަޢުދީ ވިދާޅުވީ ފާލަމުގެ މަސައްކަތް އަވަސްކުރަން ވަރަށް ބޮޑު އިސްކަމެއް ދެމުން އަންނަ ކަމަށެވެ.

"ޕްރޮޖެކްޓް އަވަސްކުރުމަށް އަޅުގަނޑުވެސް ބައެއް އެޑްމިނިސްޓްރޭޓިވް ކުދިކުދި ބަދަލު ގެނެސް. ޕްރޮޖެކްޓް މެނޭޖަރު ވެސް ވަކިކޮށް އެހެން މެނޭޖަރެއް ޢައްޔަންކޮށް، މެޓީރިއަލް ލިބުމުގައި ހުރި ދަތިތައް އަވަސްކުރުވާފައި،" އޭނަ ވިދާޅުވި އެވެ. "އަދި ހަމައެއާއެކު ބައެއް މެޓީރިއަލް ސަޕްލައިކުރުރުމަށް ސޯސްކޮށްފައި ހުރި ބައެއް ބޭރުގެ ކުންފުނިތަކުން ވެސް އެއްބަސްވެފައިވާ ގޮތަށް ޑެލިވަރ ނުކުރީމަ އެ ކުންފުނިތައް ވާނީ ބްލެކް ލިސްޓްކުރެވިފައި."

ސައުދީ ވިދާޅުވި ގޮތުގައި ފާލަމުގެ ހުރިހާ މަސައްކަތްތަކެއްކޮށް މި މަހުގެ ނިޔަލަށް ނިންމައިލަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރިޔާ ދޯންޏެއް ސިފަކޮށްދޭ ގޮތަށް އިއްޒުއްދީން ފާލަން ބަދަލުކުރީ ރާއްޖޭގެ މިނިވަންކަމުގެ ރަން ޔޫބީލް 2015 ގައި ފާހަގަކުރުމާ ދިނާކޮށެވެ. އޭރުގެ އެ ޑިޒައިނަކީ އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމްގެ ޑިޒައިނަަކަށް އެމްޓީސީސީން ކުރިއަށް ގއންދިޔަ މަސައްކަތެކެވެ.

މި ފާލަމުގެ ބޮޑު މަރާމާތެއް އެންމެ ފަހުން ކުރީ 2017 ގަ އެވެ.