ގއ. ގެމަނަފުށި ސްކޫލު ޕްރިންސިޕަލް އަހްމަދު ހަބީބުގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކާ ގުޅިގެން އޭނަ މަގާމުން ވަކިކުރަން ސްކޫލްގެ ބެލެނިވެރިންތަކެއް އެޑިއުކޭޝަން މިނިސްޓްރީ އަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
މިދިޔަ މަހުގެ ތެރޭގައި ހުށަހެޅި އެ ޕެޓިޝަންގައި 100 ބެލެނިވެރިން ސޮއިކޮށްފައިވެ އެވެ.
ހަބީބުގެ މައްޗަށް ބެލެނިވެރިން ކުރާ ތުހުމަތުތަކުގެ ތެރޭގައި އޭނަ ސްކޫލާ 2023 ގައި ހަވާލުވެވަޑައިގަތްލާ ފަހުން ކިޔެވުމަށް ވުރެ ބޮޑަށް ކުޅިވަރަށް އިސްކަންދޭތީ، ދަރިވަރުންގެ ކިޔެވުން ދުވަހަކަށް ވުރެ ދުވަހެއް ދަށްވެފައިވެ އެވެ. އެގޮތުން ފާއިތުވި 15 އަހަރު ތެރޭގައި ސްކޫލްގެ ދަރިވަރުންގެ ދަށްނުވާ ވަރަށް ދަށްވެފައިވެ އެވެ.
"ހަބީބް ސްކޫލާއި ހަވާލުވިފަހުން ކިޔެވުމަށްވުރެ ބޮޑަށް ކުޅިވަރަށް އިސްކަންދޭކަން ފާހަގަކުރެވޭ. އެގޮތުން އަހަރަކު ތިންހަތަރު ފަހަރު އެކި ނަންނަމުގައި ސްކޫލުގެ ދަރިވަރުން ގޮވައިގެން އައްޑޫ ފަދަ ތަންތަނަށް ދަތުރު ކުރޭ." ޕެޓިޝަންގައިވެ އެވެ.
އަދި ދަތުރުތަކަށް ބެލެނިވެރިން އަތުން ހަރަދު ހޯދުމަށް އެދި ބެލެނިވެރިން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް، އެފަދަ ދަތުރުތަކަށް ހަރަދު ނުކުރެވޭ ކަމަށް ބުނެ ބެލެނިވެރިން ޝަކުވާ ކުރުމުން އެފަދަ ބެލެނިވެރިންގެ ދަރިވަރުން ބާކީކޮށްލާނެ ކަމަށް އިންޒާރު ވެސް ދޭ ކަމަށްޕެޓިޝަންގައި ބުންޏެވެ.
އޭގައި ފާހަގަކޮށްފައިވާ ގޮތުގައި ކުޅިވަރުގެ އެކި ހަރަކާތްތައް ރާވަނީ ވެސް ހަބީބު ނިސްބަތްވާ އައްޑޫގައި ބާއްވާ ގޮތަށެވެ. އަދި އެފަދަ ދަތުރުތަކުގައި އެކި މުއައްސަސާތަކުން އެހީގެ ގޮތުގައި ހޯދާ ފައިސާ އަށް ވާނުވާ ނޭނގުމާއި ޕްރިންސިޕަލް އެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމަށް ވެސް ޕެޓިޝަންގައި ބެލެނިވެރިން ތުހުމަތުކޮށްފައިވެ އެވެ.
"ސްކޫލް ޓީޗަރުންނާއި ބެލެނިވެރިންގެ މެދުގައި ދޭތެރެ ޖެއްސުމާއި ފިތުނަވެރި ވާހަކަ ދެއްކުން އިންތިހާއަށް ވަނީ ބޮޑުވެފައި،" ޕެޓިޝަންގައިވެ އެވެ. "ދަރިވަރުން ކައިރީގައި ޓީޗަރުންގެ ވާހަކަ ދެއްކުމާއި، ޓީޗަރުން ކައިރީގައި ދަރިވަރުންގެ ވާހަކަ ދައްކައި ފިތުނަ އުފެއްދުން ވަނީ އާންމު ކަމަކަށްވެފައި."
ބެލެނިވެރިން ފާހަގަކޮށްފައިވާ ގޮތުގައި ބެލެނިވެރިންނަށް ސްކޫލް ބަންދު ގަޑީގައި އާއި ދަންވަރު ގަޑިތަކުގައި ހަބީބް ގުޅައި ބޭއަދަބީ ވާހަކަ ވެސް ދައްކަވަ އެވެ. އަދި އޭގެ ސަބަބުން ދަރިވަރުން ސްކޫލުގައި ދަރިވަރުންނާއި ދިމާކުރުމާއި، ދަރިވަރުންގެ ބެލެނިވެރިންނާއި ޕްރިންސިޕަލާ އަޅުވާކިޔުން އާންމުވެފައިވާ ކަމަށް ޕެޓިޝަންގައި ބުނެފައިވެ އެވެ.
ޕެޓިޝަން ހުށަހެޅީ މިދިޔަ ޑިސެމްބަރުގައި ނަމަވެސް އެކަމާ ގުޅޭ ގޮތުން މިނިސްޓްރީން އަދި މިހާތަނަށް އެއްވެސް ފިޔަވަޅެއް ނާޅާތީ ބެލެނިވެރިން މިހާރު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ޕެޓިޝަނާ ގުޅިގެން ބެލެނިވެރިންނަށް ދިން ޖަވާބުގައި ބުނެފައ ވަނީ އޭގައި ހުރި ކަންކަން ބަލައި، ހަބީބު އެހެން ސްކޫލަކަށްކުރާނެ ކަމަށެވެ.
ނަމަވެސް މިކަމުގައި ލަސްތަކެއް އުޅޭތީ ކަންްބޮޑުވުން ފާޅުކޮށް ބެލެނިވެރިން ގުނީ މައްސަލަ އަށް ހައްލެއް ނުގެނެސްދޭ ނަމަ ކުރިއަށް އޮތް ދުވަސްތަކުގައި އިހުތިޖާޖަށް ވެސް ނުކުންނާނެ ކަމަށެވެ.
ހަބީބަކީ އައްޑު ހިތަދު އަށް ނިސްބަތްވާ ބޭފުޅެކެވެ. އަދި އޭނަ އަކީ ކުރީގެ ސަރުކާރުން ރާއްޖެ އިން ބޭރުން ޕްރިންސިޕަލުން ތަމްރީނު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ތެރެއިން މެލޭޝިއާގައި ތަމްރީނުވި ޕްރިންސިޕަލެކެވެ.