މެރިޓައިމް ދާއިރާ ކިޔަވަން ސްލޮލަޝިޕްތަކަކަށް މޯލްޑިވްސް ސްޓޭޓް ޝިޕިން އެމްއެސްއެސް) އިން ހުޅުވާލައިފި އެވެ.
އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގަމުން އަންނަ ކުންފުނިން ހުޅުވައިލީ ސްކޮލަޝިޕްގެ ދެ ފުރުސަތަކަށެވެ.
އެމްއެސްއެސްގެ ސްކޮލަޝިޕް ޕްރޮގްރާމް 'ކަލާސީން' ގެ ދަށުން ހުޅުވައިލި މި ދެ ފުރުސަތަކީ މެލޭޝިއާގައި ޑިޕްލޮމާ ފެންވަރަށް ކިޔެވުމުގެ ފުރުސަތެވެ. އެއީ ޑިޕްލޮމާ އިން މެރިން އިންޖީއަރިން އާއި ޑިޕްލޮމާ އިން ނޯޓިކަލް ސްޓަޑީސް އެވެ.
މި ކޯސްތަކަށް ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި އޯ ލެވެލްގެ 5 މާއްދާއިން ފާސްވެފައިވުމާއި، ސިއްހީ އެއްވެސް މައްސަލައެއް ނެތުމާއި، ލޮލުގެ ފެނުމުގައި އެއްވެސް މައްސަލައެއް ނެތުން ހިމެނެއެވެ.
އެމްއެސްއެސްއިން ބުނީ ސްކޮލަރޝިޕްގެ މުއްދަތަކީ 3-4 މަސް ދުވަސް ކަމަށެވެ. ކޯސް ފުރިހަމަ ކުރުމަށް ފަހު އެ ކުންފުނީގައި 18 މަސް ދުވަސް ވަންދެން މަސައްކަތްކުރަން ޖެހޭނެ އެވެ.
ސްކޮލަޝިޕްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 21 އާ ހަމައަށެވެ.
މެރިޓައިމް ދާއިރާ އިން މެލޭޝިއާގައި ކިޔެވުމުގެ ފުރުސަތުތަކަކަށް އެމްއެސްއެސް އިން ހުޅުވައިލި އިރު، އެ ދާއިރާ އިން ކުންފުނީގެ މުވައްޒަފުންނަށް މެލޭޝިއާ އިން ތަމްރީނު ހޯދުމުގެ އެއްބަސްވުމެއްގައި ޝިޕިން މެލޭޝިއާގެ މެރިޓައިމް އެކަޑަމީއާ އެކު މިދިޔަ މަހުގެ 4 ގައި ސޮއި ވެސް ކޮށްފައިވެ އެވެ.