ހައްޖަށް ދާން ކިއޫގައި 9،000 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.
ހައްޖާއި އުމްރާ އަށް މީހުން ގެންދާ ސަރުކާރުގެ ކުންފުނިން ބުނީ މިހާރުހައްޖަށް ދާން ކިޔޫގައި ތިބި ޖުމްލަ މީހުންގެ އަދަދު މިހާރު 9115 އަށް އަރާ ކަމަށެވެ. އޭގެ ތެރޭގައި 65 އަހަރުން ދަށުގެ 7،543 މީހުންނާއި 65-75 އަހަރާ ދެމެދުގެ 1،461 މީހުންގެ އިތުރުން 75 އަހަރުން މަތީގެ 111 މީހުން ހިމެނެ އެވެ.
ހައްޖު ކޯޕަރޭޝަނުން ނިނީ މިހާރު ކިޔޫގައި ތިބި މީހުންގެ ތެރެއިން 8،623 މީހުންންނަކީ އަލަށް ހައްޖަށް ދާން ބޭނުންވާ މީހުން ކަމަށެވެ. އެއީ 65 އަހަރުން ދަށުގެ 7،150 މީހަކާއި 65-75 އަހަރާ ދެމެދުގެ 1،370 މީހުންގެ އިތުރުން އަދި 75 އަހަރުން މަތީގެ 103 މީހެކެވެ.
ސަރުކާރުން މިހާރު ވަނީ އަލަށް ހައްޖުގެ އަޅުކަން އަދާކުރާ މީހުންނަށް އިސްކަން ދޭން ނިންމައިފަ އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ މި އަހަރު ޙައްޖަށް ދިއުމުގެ ފުރުޞަތު ލިބިފައިވާ މީހުންނަށް ޙައްޖުގެ ދައުވަތު ފޮނުވަން ފަށާފައިވާ ކަމަށެވެ. އެ ފުރުސަތު ދެނީ ޙައްޖު ކިއު ތަރުތީބުންނެވެ.
މިދިޔަ އަހަރު ރާއްޖެ 1،000 ހައްޖު ކޯޓާ ލިބުނު އިރު، ހުރިހާ އެންމެން ވެސް ހައްޖަށް ދިޔައީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ. އަމިއްލަ އެއްވެސް ކުންފުންޏަކަށް މިދިޔަ އަހަރު މީހުން ހައްޖަށް ގެންދިއުމުގެ ހުއްދައެއް ނުދެ އެވެ.
ސަރުކާރުން ވަނީ މިދިޔަ އަހަރުން ފެށިގެން 50 ފަގީރުންނަށް ވެސް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދޭން ފަށައިފަ އެވެ.