Last Updated: May 8, 20:49
Thursday, May 8, 2025
ޚަބަރު

އުމްރާ އަށް ގެންދާ 19 ކުންފުންޏެއް ޖޫރިމަނާކޮށްފި

އުސޫލުތަކާ ހިލާފުވުމާ ގުޅިގެން ރާއްޖެ އިން އުމްރާ އަށް މީހުން ގެންދާ 19 ކުންފުންޏެއް އިސްލާމިކް މިނިސްޓްރީން ޖޫރިމަނާކޮށްފި އެވެ

އެ މިނިސްޓްރީން ބުނީ އުމްރާ އަށް މީހުން ގެންދިއުމުގެ އުސޫލާ ހިލާފުވި 19 ކުންފުންޏެއް 5،000ރ. އިން މިއަދު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. މިނިސްޓްރީން ބުނީ ޖޫރިމަނާކުރީ މައްސަލައިގެ ކުޑަބޮޑު މިނަށް ބެލުމަށް ފަހު ކަމަށެވެ.

އުމްރާއަށް މީހުން ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ދީފައިވާ ރަސްމީ ލައިންސަންސް ދައްކައިގެން އުމްރާއަށް ފުރަން ކަމަށް ހަދައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޑޮަލަރު ނަގައި، އުމްރާއަށް ނުދިޔަ ކުންފުންޏެއް ވެސް ފާހަގަކުރެވިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެހެންވެ އެކަން އިތުރަށް ބަލައި، މިނިސްޓްރީއަށް އެކަން ސާބިތުވެއްޖެ ނަމަ އެ ކުންފުނި 30،000ރ. އިން ރުފިޔާއިން ޖޫރިމަނާކޮށް ހުއްދަ ހިފެހެއްޓުމުގެ އިތުރުން މައްސަލަ ތަހުގީގު ކުރަން ފުލުހުންނަށް ފޮނުވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

"އެއީ ޑޮލަރު ދޫކުރާނީ ފުރުމުގެ ޓިކެޓާއި ޑޮކިއުމެންޓްސް ހުށަހެޅުމުން ކަމުގައި ވެފައި ފޭކު ޑޮކިއުމެންޓް ހުށަހެޅިކަމަށް ތުހުމަތު ކުރެވޭތީ," މިނިސްޓްރީން ބުންޏެވެ.

ރާއްޖެ އިން އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކުގެ އަދަދު 50 އަށް އަރަ އެވެެ. މިފަދަ ބައެއް ކުންފުނިތަކުގެ މަކަރާއި އިހުމާލުތަކުން މިހާތަނަށް އުމްރާ އަށް ދިޔަ އެތައް ބަޔަކަށް ގިނަ ތަކުލީފުތަކެއް އުފުލަން ޖެހިފައިވެ އެވެ.