ޚަބަރު

ފަހިރޯޅި ދޯނި ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުން ބޭރަށް ނުދޭ : ފަޅުވެރިއެއް

ފަތުރުވެރިންގެ ބަޔަކު އައްޑޫން ކުއްޔަށް ހިފައިގެން ދިވެހި ފަޅުވެރިންނާ އެކު އިއްޔެ ކަނޑަށް ނުކުތް 'ފަހިރޯޅި' ދޯންޏަށް އަނބުރާ އައުމަށް އެމްއެންޑީއެފް އިން އަންގާފައި ވަނީ، ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުން ބޭރުގައި ވަނިކޮށް ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށް، އެ ދޯނީގެ ވެރިފަރާތުން ބުނެފިއެވެ.

ބައެއް މީޑިޔާތަކުގައި ޚަބަރު ފަތުރާފައިވާ ގޮތުގައި 'ފަހިރޯޅި' ދޯނި އަނބުރާ އައުމަށް އަންގާފައިވަނީ، 200 މޭލަށް ވުރެ ބޭރަށް ގޮސްފައިވަނިކޮށެވެ. ނަމަވެސް މިކަން ދޯނީގެ ވެރި ފަރާތުން ވަނީ ދޮގުކޮށްފައެވެ.

ދޯނީގެ ވެރިފަރާތުން 'އައްޑޫލައިވް' އަށް މައުލޫމާތު ދިން ގޮތުގައި، ދޯނި މަރަދޫ ބަނދަރުން ފުރައިގެން ދަތުރުކޮށްފައި ވަނީ، 10 ނޯޓިކަލް މޭލު ބާރު މިނުގައި ކަމަށާއި، ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުން ބޭރަށް ދިއުމަށް ގަސްތުކޮށްފައި ނުވާކަމަށެވެ. އަދި އެމްއެންޑީއެފް ހެލިކޮޕްޓަރުން އަނބުރާ އައުމަށް އެންގި އިރު، އެމީހުން ތިބި ސަރަހައްދުން ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުން ބޭރަށް ދިއުމަށް 78 މޭލު ވަރު ހުންނާނެ ކަމަށް ވެސް ދޯނީގެ ފަރާތުން ވަނީ ބުނެފައެވެ.

ދޯނިން ދަތުރުކުރި ބިދޭސީ ފަތުރުވެރިޔާ ރޮސީ އައްޑޫލައިވް އަށް މައުލޫމާތު ދެމުން ބުނިގޮތުގައި، އޭނާ އަކީ ރާއްޖޭގައި ސަފާރީއެއް ގެންގުޅޭ މީހެއް ކަމަށާއި 'ފަހިރޯޅި' ދޯނިން ދިޔައީ މަސް ދަތުރެއްގައި ކަމަށެވެ. އެއީ އެއްވެސް ހާލެއްގައި ޑިއެގޯ ގާސިޔާ ސަރަހައްދަށް ވަނުމަށް ކުރި ދަތުރެއް ނޫންކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

މީގެ އިތުރުން ދޯނިން ދަތުރުކުރި މީހަކު ނަންހާމަނުކުރުމަށް ޝަރުތުކޮށް ބުނިގޮތުގައި، ދޯނީގައި ފިޝަރީޒް މިނިސްޓްރީގެ އެންގުމަށް ހަރުކޮށްފައި ހުރި، ވެސެލް ލޮކޭޓް ސިސްޓަމް އިން އެދޯނި ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުން ބޭރުވެފައި ނުވާކަން ފިޝަރީޒް މިނިސްޓްރީ އަށް ވެސް އެނގޭނެ ކަމަށެވެ. އަދި އެމްއެންޑީއެފް އިން ދައްކާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، އެއްވެސް ހާލެއްގައި ރާއްޖޭގެ ސަރަހައްދުން ބޭރަށް ދިއުމަށް ގަސްތުކޮށްފައި ނުވާކަމަށެވެ.

ނަމަވެސް މިއަދު ހަވީރު އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ މަރަދޫއިން އިއްޔެގެ 18:05 އެހާކަށްހާއިރު ފުރި ކަންނެލި ދޯންޏާ ގުޅޭ އޮޕަރޭޝަން ހިންގަން ޖެހުނީ ބައިނަލްއަގުވާމީ މަޝްރަހުގައި ރާއްޖޭގެ މަސްލަހަތު ގެއްލިދާނެ ފަދަ ގިނަ ކަންތައްތަކެއް ހިނގުމުގެ ފުރުސަތު ބޮޑު ކަމުން ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކޯސްޓާގާޑުގެ ކޮމާންޑަރު ކާނަލް މުހައްމަދު އިބުރާހިމް ވިދާޅުވީ އެ ދޯންޏާ ގުޅޭ މައުލޫމާތު އެމްއެންޑީއެފް ކޯސްޓުގާޑަށް ލިބުމާއެކު ކަނޑާއި ވައިގެ މަގުން ދޯނި ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ދޯނި ހޯދުމުގެ މަސައްކަތް ކޯސްޓު ގާޑުން ފެށީ ރާއްޖެއިން ފޯޅަވައްސަށް ދެވެން އޮތް އެންމެ ކުރު "ރޫޓު" ބެލުމަށް ފަހުގައި ކަމަށެވެ.

" މި މީހުން [ކަންނެލި ދޯނި] ހިފަހައްޓާފައި މި ވަނީ ރާއްޖޭގެ ސަރަހައްދުން އައްޑު އަތޮޅުން ދެކުނު ގާތްގަނޑަކަށް 54 މޭލުން. އަޅުގަނޑުމެން ބަލާލިއިރު އަޅުގަނޑުމެން ހަމަ ވަރަށް ބޮޑަށް ކަންބޮޑުވާ ކަންތައްތަކެއް ހުރި އިނގޭތޯ. އަޅުގަނޑުމެންނަށް އެންމެ ފުރަތަމަ ލިބުން މައުލޫމާތެއް ނޫން ދެން ލިބުނީ. ދެން ލިބުނު މައުލޫމާތެއް ނޫން އެއަށްފަހު ލިބުނީކީ އެއް،" ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކާނަލް މުހައްމަދު އިބުރާހިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަންނެލި ދޯނި ކޯސްޓު ގާޑަށް ފެނިފައި ވަނީ ރާއްޖޭގެ ސަރަހައްދުން ބޭރުން ކަމަށެވެ.

މަސްވެރިކަމާއި ބެހޭ ޤާނޫނުގެ ދަށުން 'ފަހިރޯޅި' ދޯންޏަށް ދޫކޮށްފައިވާ މަސްވެރިކަން ކުރުމުގެ ލައިސަންސްގައި ވަނީ މަސްވެރިކަން ކުރުން ފިޔަވައި އެހެން ބޭނުމަކަށް ލައިސަންސް ދޫކޮށްފައިވާ އުޅަނދުތައް ބޭނުން ކުރުމަކީ މަނާކަމަކެވެ.