Last Updated: April 26, 10:52
Friday, April 26, 2024
ރިޕޯޓް

ދެޔޯގެ ކުޅިވަރަކީ ހަގީގަތެއް ނޫނެވެ..

ސ.ހިތަދޫގެ މަތިން ނަގާފައިވާ ފޮޓޯ އެއް. ފޮޓޯ: ޝަރަފް

ހިތަދޫ ފަޅުވުން

އައްޑުއަތޮޅު ހިތަދޫއަކީ ހަތް ފަހަރު ފަޅުވެފައި އަލުން އާބާދުވެފައިވާ
ރަށެއް ކަމަށް ބުނެވެއެވެ. މީގެ ތެރެއިން އެންމެ ފަހުން ފަޅުވި ހާދިސާއާ
މެދުގައި ނޫނީ އެއްވެސް ކަހަލަ މައުލޫމާތެއް ނެތެވެ. އެފަހަރު ފަޅުވި
ކަމަށް ހިތަދޫ މީހުން ލިޔެ އުޅެނީ ބޮޑު ރަސްގެފާނުގެ ރަސްކަމުގެ
ދުވަސްވަރު ކަމުގައެވެ. އެފަހަރު ފަޅުވެފައި އަށާރަ އަހަރު އޮތް ކަމަށް
ވެސް ލިޔައެވެ.

އެދުވަސްވަރު ހިތަދޫ ފަޅުވުމާއި ބެހޭ ގޮތުން ދޫދޫމަތިން ދެކެވެމުން
އަަންނަ ވާހަކަތައް އަސްލަކަށް ބައްލަވައިގެން މުހައްމަދު އިބްރާހިމް
ލުތުފީ އާއި ސިއްކަގޭ އަބްދުލްމަޖީދު ސަލީމާއި އިބްރާހިމް ފިރާގު ފަދަ
ބޭފުޅުން ލިޔުންތައް ލިޔުއްވާފައިވެއެވެ. އެ ބޭފުޅުންގެ
ލިޔުއްވުންތަކުގައި ހިތަދޫ ފަޅުވުން ސިފަކުރައްވާފައި ވަނީ ތިރީގައި
ބަޔާންކުރާ ފަދައިންނެވެ.

އައްޑުއަތޮޅުގެ ޖައްވު ގަދަ ރީނދޫ ކުލައަށް ބަދަލުވެއްޖެއެވެ.
މަސްވެރިންނާއި ދަނޑުވެރިން ވެސް ގޭގެ އަށް ވަދެ ނިވާވެއްޖެއެވެ.
ބިރުވެރިކަމާއި ނާމާންކަން އެންމެންވެސް އިހުސާސް ކުރަން ފަށައިފިއެވެ.
ކަނޑު މަސްވެރިކަމެއް ފަރު މަސްވެރި ކަމެއް ނެތި ދެ މަހެއްހާ ދުވަސް
ފާއިތުވެގެން ހިނގާއްޖެއެވެ. އޮއްސޭ އިރާއެކު ނާމާން އަޑުތައް އިވެން
ފަށައެވެ. ފަންޑިތަވެރިންގެ ހޯދުންތަކުން މިއީ ނުރައްކާތެރި ފުރޭތައެއްގެ
ސަބަބުން ވާ ކަމެއްކަމަށް ފެނިއްޖެއެވެ. އެކަމަކު ފަންޑިތައިން
ނަތީޖާއެއް ނުނެރެވެއެވެ.

ހިތަދޫ އަށް ދެޔޯގެ ކުޅިވަރު އެރީއެވެ. ކަށްބޯހެރަ ކިޔުނު ރަށުގައި
ދެޔޯގެ ރާގުތައް ކުޅެވޭ އަޑު މީސްތަކުންނަށް އިވި ލޯބީގެ ފުން
އަސަރުތަކުން ހިތްތައް ފުރެނީއެވެ. އަޑު އަންނަ ދިމާލަށް އެންމެން
ދުވަނީއެވެ. މިއުޒިކުގައި ހުރީ ދަމާބާރެކެވެ. މީސްތަކުން ނަަލަވެ ގަހަނާ
އަޅައިގެން ކައްބޯހެރައަށް އާދެއެެވެ. އެބަޔަކުވެސް އަދި ހޯދަންދާ
ބަޔަކުވެސް އެނބުރި ގެއަކަށް ނާދެއެވެ. މި ހިސާބަށް ދިޔުމުން ބާކީތިބި
ބަޔަކު ރަށުން ފައިބައިގެން އޮޑި ދޯނި ފަހަރުގައި އަތޮޅުގެ އެހެން
ރަށްރަށާއި ފުވައްމުލަކާއި ހުވަދު އަތޮޅަށް ފުރައިގެން ހިގާއްޖެއެވެ.
ފަންޑިތަވެރިންވެސް މަސް ދޯނިތަކުގައި ރަށުން ބޭރުވެއްޖެއެވެ.

ފަޅުވި ދުވަސްވަރާއި މެދު ތަފާތު ޚިޔާލެއް

ހިތަދޫ ފަޅުވެފައިވަނީ ބޮޑުރަސްގެފާނުގެ ދައުރުގައި ކަމަށް ބައެއް މީހުން
ލިޔުނަސް އެއީ ބޮޑުރަސްގެފާނުގެ ދައުރުގައި ހިގި ކަމެއްކަމަށް ތާރީޚުގެ
އެއްވެސް ސަފުހާއަކުން އެނގޭކަށް ނެތެވެ. އަދި އެއީ ބޮޑުރަސްގެފާނުގެ
ދައުރުގައި ނުހިނގާ ކަމެއްކަންވެސް ސާބިތު ކުރެވޭކަށް ނެތެވެ. އެކަމަކު
ހިތަދޫ އަލުން އާބާދުވީ ބޮޑުރަސްގެފާނުގެ ދައުރުގައި ކަމާއި އާބާދު
ކުރުމުގެ އިޒުނަ ދެއްވީ ބޮޑުރަސްގެފާނުކަން ޝައްކަކާއި ނުލައި ގަބޫލު
ކުރެވޭ ވަރަށް ސަރީހަކޮށް އެނގެން އެބައޮތެވެ. ފަޅުރަށެއްގެ ގޮތުގައި
ހިތަދޫ ދެމިއޮތީ 18 އަހަރަށްކަމީ ވެސް ސާބިތުކުރެވެން އޮތް ވާހަކައެއް
ނޫނެވެ.

ކްރިސްޓިއަން ދީނަށް ވެދެވަޑައިގެން ރާއްޖެ ދޫކުރައްވައި ގޯވާއަށް
ވަޑައިގެންނެވި ނުވަ ވަނަ ހަސަން ރަސްގެފާނުގެ ރަސްކަމުގައި ހިތަދޫގައި
މީހުން އުޅުނުކަން ދިވެހި ތާރީޚުން ސާބިތުވެއެވެ. އެއީ ބޮޑުރަސްގެފާނުގެ
ރަސްކަމުގެ 68 އަހަރު ކުރިއެވެ. މީލާދީ ސަނަތުން 1552 އެވެ. ދިވެހި
ތާރީޚުގައި މަޝްހޫރު ބުރަކި ރަނިން އާއި ކަޅުއޮނބުޝޭމާއި ކާންޒީ ކަމަނާ
ހިތަދޫގައި ޒަމާންތަކެއް ވަންދެން އުޅުއްވިކަންވެސް ވަރަށް ސަރީހަކޮށް
ތާރީޚުގައި ބަޔާން ކުރެވިގެންވެއެވެ. ހިތަދޫ ކޯއްޓޭ ސަރަހައްދުގައި
އޮންނަ ރަނިޔަ ފެންގަނޑަކީ ބުރަކި ރަނިންއަށް ނިސްބަތްކޮށް ދެވިފައިވާ
ނަމެކެވެ. ބުރާރު މުހައްމަދުފުޅުގެ ވާހަކައިގައި ކިޔާގޮތުން އަނދިރި
އަނދިރިންނަކީ ކާންޒީ ކަމަނާގެ މުހައްމަދެވެ. މި މުހައްމަދު އުފަންވީވެސް
ހިތަދޫގައި ކަމަށް ބަޔާންވެގެންވެއެވެ.

ތާރީޚުގެ ސަފުހާތަކަށް ވިސްނައިލީމާ ހިތަދޫ ފަޅުވެފައިވާ ކަމަށް ގަބޫލު
ކުރަން ފަސޭހައީ ނުވަ ވަނަ ހަސަން ރަސްގެފާނަށް ފަހު 1554 ގައި ތަޚުތަށް
ވަޑައިގެންނެވި އަބޫބަކުރު ދެވަނަ އާއި 1620 ގައި އަވަހާރަވި ސުލްތާން
ހުސައިން ފާމުލަދޭރިކިލެގެ ރަސްކަމާއި ދެމެދުގެ ތާރީޚެއްގައެވެ. އެއީ
ގާތްގަޑަކަށް 66 އަހަރުގެ މުއްދަތެކެވެ. އެ މުއްދަތުގައި ވެރިކަން
ކުރެއްވީ ސުލްތާން އަބޫބަކުރާއި އަލި ރަސްގެފާނާއި އަނދިރި އަނދިރިންނާއި
އުތީމު މުހައްމަދު ތަކުރުފާނާއި ކަލާފާނާއި ސުލްތާން ހުސައިން
ފާމުލަދޭރިކިލެގެ އެވެ. މި މުއްދަތުގެ ތެރެއިން ހިތަދޫ ފަޅުވެފައި އޮތީ
ކިތައް އަހަރަށްކަން އެނގޭކަށް ނެތެވެ. އެއީ 18 އަހަރު ކަމަށް
ވެދާނެއެވެ. އެއަށްވުރެ ގިނަވެސް ވެދާނެއެވެ. އެކަމަކު ތިރީހަށްވުރެ
ގިނަވީ ކަމަށް ނުބެލެވެއެވެ.

ދުވަސްވަރު އަންދާޒާކޮށްލުން

ދުވަސްވަރަކީ ބޮޑުރަސްގެފާނުގެ ދުވަސްވަރު ނުވަތަ އެދުވަސްވަރާއި
ގާތްކުރާ ދުވަސްވަރެކެވެ. ހަމަޔަގީނުންވެސް އަލުން އާބާދުވީ
ބޮޑުރަސްގެފާނުގެ ދައުރުގައެވެ. ބޮޑުރަސްގެފާނަކީ އައްސުލްތާނު
މުހައްމަދު އިމާދުއްދީން އެއްވަނައެވެ. ރަސްކަން ކުރެއްވީ މީލާދީ
ސަނަތުން 1620 ވަނަ އަހަރުން ފެށިގެން 1648 އަށެވެ. އެދުވަސްވަރު ނުވަތަ
އެއަށްވުރެ ކުޑަތަންކޮޅެއް ކުރީގައި ހިތަދޫ ފަޅުވެފައިވާނަމަ އެކަމެއް
ހިނގާފައި އޮތީ މީގެ 395 އަހަރާއި 461 އަހަރު ކުރިއާ ދޭތެރޭގައެވެ.
ތާރީޚީ ނަޒަރަކުން ވިސްނާއިރު މިއީ ވަރަށް ފަހެވެ. އޮޅުން ބޮޅުންވެގެން
އުޅޭހާ އެވޭލާ ޒަމާނެއް ނޫނެވެ.

އެޒަމާނުގެ ރާއްޖޭގެ ތާރީޚާއި ދުނިޔޭގެ ތާރީޚު ވަރަށް ތަފްސީލުކޮށް ވަނީ
ބަޔާންވެގެންނެވެ. އެހެންވީމާ އެއްކަން އަނެއްކަމާއި ގުޅުވައި އޭރުގެ
ވަޔާއި އޮއި ހުރިނެތްގޮތަށް ރިއާޔަތްކޮށް ތަހުލީލު ކުރުމުގެ ތިލަފަތަކުން
ކިރައިފިނަމަ ހިތަދޫ ފަޅުވުމަށް މެދުވެރިވި ހަގީގީ ސަބަބު
ދެނެގަނެވިދާނެއެވެ.

ރަސްކަމަށް ވަޑައިގަތުމުގެ ކުރިން ބޮޑުރަސްގެފާނުގެ ނަންފުޅަކީ
ކަޅުތުއްކަލާއެވެ. އެއީ އުތީމު ބަންޑާރައިންގެ ބޭބޭފުޅު އަލި
ތަކުރުފާނަށް މުނިކާފަ ވިދާޅުވާ ބޭފުޅެކެވެ. ރަސްކަމަށް
ވަޑައިގަތުމަށްފަހު ރާއްޖޭގެ ދިފާއަށްޓަކައި ވަރަށް ގިނަ ކަންކަން
ކުރެއްވިއެވެ. އޭގެ ތެރޭގައި މާލެ ވަށައި ބޮޑު ފާރެއް ރޭނުއްވުމާއި
ކޯއްޓޭތައް ހެއްދެވުން ހިމެނެއެވެ. އަދި އަސޭ އާއި ކޮއްޗެއިން ބޮޑުބަޑި
ގެންނެވުންވެސް ހިމެނެއެވެ.

އެދުވަސްވަރަކީ ދޭތެރެ ދޭތެރެއިން ޕޯޗުގީޒުންގެ ނައުފަހަރާއި
މަލާބާރީންގެ ގުރާބުތައް ރާއްޖެއާ ތޮޅެން އައި ދުވަސްވަރެކެވެ.
އެހެންވީމާ މާލޭގެ ދިފާއު ވަރުގަދަ ކުރަން މަޖުބޫރުވެސްވީއެވެ. އެއިން
ކޮންމެ ފަހަރަކު ބޮޑުރަސްގެފާނު ވަނީ ވަރަށް ހިކުމަތްތެރިކަމާއި އެކު
މާލެ ދިފާއު ކުރައްވައިފައެވެ. މާލޭގައި މިހާރު އެހެރަ ސިފައިންގެ އެންމެ
ބޮޑު ކިއްލާއަށް ކަޅުތުއްކަލާ ކޮށި ކިޔަނީވެސް ބޮޑުރަސްގެފާނުގެ ދިފާއީ
ރޭވުންތެރިކަމުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.

ކަޅުތުއްކަލާއަކީ މަލާބާރީންގެ ބަޔަކު 1609 ގައި ރާއްޖެއައިސް އޭރުގެ
ރަސްގެފާނު ކަލާފާނު ޝަހީދުކޮށް މާލޭގެ ގަޑުވަރު އަންދާލައި ޝާހީ ބައެއް
ބޭފުޅުން ކަނޑުފައްތައި އަނެއްބަޔަކު ރަހީނުކޮށްގެން ކަންނަންނޫރަށް
ގެންދިޔައިރު އޭގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. ކޯބިންއޭ
ކިޔުނު ފަރަންސޭސި މަނަވަރެއް 1602 ގައި ގޮއިފުޅަފެހެންދޫ ފަރަށް އުރި
އޭގެ ތެރެއިން ޕިރާޑު ނަމަކަށް ކިޔުނު ފަރަންސޭސިއަކު މާލޭގައި އުޅުނީ
ކަޅުތުއްކަލާގެ ޒުވާން ދުވަސްވަރުއެވެ.

ކޮންމެއަކަސް ކަލާފާނު ޝަހީދުކޮށްލައި ކަޅުތުއްކަލާ ރަހީނުކޮށްގެން
ކަންނަންނޫރުގައި އަހަރުތަކެއް ގެންގުޅުމަށްފަހު އެމަނިކުފާނު
މިނިވަންކުރީމާ ލަސްނުކުރައްވައި ވަޑައިގަތީ ރާއްޖެއަށެވެ. ރާއްޖެ
ވަޑައިގެންނެވިތާ ދުވަސްތަކެއް ނުވެ ސުލްތާނު ހުސައިން ފާމުލަދޭރިކިލެގެ
އަވަހާރަވެއްޖެއެވެ. އެއީ ކަލާފާނަށް ފަހު ރަސްކަން ކުރެއްވި ރަދުންނެވެ.
ސުލްތާނު ހުސައިން ތަޚުތުގައި ހޭދަކުރެއްވީ 11 އަހަރެވެ. މިއަށްފަހު
އައްސުލްތާނު މުހައްމަދު އިމާދުއްދީން އެއްވަނައިގެ ނަމުގައި
ކަޅުތުއްކަލާ ތަޚުތުގައި ވަޑުވައިފިއެވެ.

ބޮޑުރަސްގެފާނާއި އައްޑުއަތޮޅު

ދިވެހި ތާރީޚުގައި މަޝްހޫރު އައްޑޫ ބޮޑުފަނޑިޔާރުތަކުރުފާނު ނުވަތަ
ޝަމްސުއްދީނުލް ކަބީރު ފަނޑިޔާރުކަން ކުރެއްވީ ބޮޑުރަސްގެފާނުގެ
ރަސްކަމުގެ ދައުރުގައެވެ. އޭނާއަކީ އައްޑޫ މީދޫ ބެއިކަލެކެވެ. ރާއްޖޭގެ
ފަނޑިޔާރުކަން ކުރެއްވި ފުރަތަމަ އައްޑޫ މީހަކީ އެއީއެވެ. ގަމާއި
ހިތަދޫއާއި ދޭތެރޭގައި މިހާރު އެވާ ބޮޑު މަގަށް ޝަމްސުއްދީން
ފަނޑިޔާރުތަކުރުފާނުގެ ނަން ދިނީ އެ ތަކުރުފާނަށް ނިސްބަތްކޮށްފައެވެ.

އައްޑޫ ބޮޑުފަނޑިޔާރު އެންމެ ފުރަތަމަ ފަނޑިޔާރު ކަމަށް އައްޔަން
ކުރެއްވީ ބޮޑުރަސްގެފާނުގެ ކުރިން ތަޚުތުގައި ހުންނެވި ސުލްތާން ހުސެން
ފާމުލަދެރި ކިލެގެއެވެ. ފަނޑިޔާރު ކަމަށް އޭނާ އިސްކުރެވުނީ 1609 ވަނަ
އަހަރު ކަމަށް ހީކުރެވެއެވެ. ބޮޑުރަސްގެފާނު ތަޚުތުގައި
އިށީންނެވުމަށްފަހު ވެސް އައްޑޫ ބޮޑުފަނޑިޔާރު މަގާމުގައި
ބެހެއްޓެވިއެވެ. މިތަކުރުފާނު ފަނޑިޔާރުކަމުން ވަކިކުރެވުނީ އެއްދުވަހަކު
ކިޔުއްވި ޚުތުބާ އެއްގައި ބޮޑުރަސްގެފާނަށް ދުއާ ކުރެއްވުމުގައި އެންމެ
ކަލިމައެއް ވައްޓާލެއްވި ކަމަށްޓަކައެވެ.

ރަސްގެފާނަށް ތައުރީފު ކުރެއްވުމުގައި މަލިކުލް ބައްރު ވަލް ބަހުރު
(އެއްގަމާއި ކަނޑުގެ ވެރި ރަސްގެފާނު) ވިދާޅުނުވެ ވިދާޅުވީ މަލިކުލް
ބައްރު (އެއްގަމުގެ ވެރި ރަސްގެފާނު) މިހެންނެވެ. މި ސަބަބާއި ހުރެ
ބޮޑުރަސްގެފާނު ކޯފާވީއެވެ. ކޯފާވެގެން އޭނާގެ އުފަން ރަށް އައްޑޫ
މީދޫއަށް އަރުވާ ލެއްވީއެވެ. މިތަކުރުފާނު ދިވެހިރާއްޖޭގެ ފަނޑިޔާރުކަން
39 އަހަރު ކުރެއްވިއެވެ. ފަނޑިޔާރުކަމުގެ މުއްދަތަށް ބަލާއިރު މި
ވަކިކުރެއްވުމެއް އައީ ބޮޑުރަސްގެފާނުގެ ރަސްކަމުގެ ވެސް އެންމެ ފަހު
އަހަރު ކަމަށް ޔަގީން ކުރެވެއެވެ. ބޮޑުރަސްގެފާނުގެ ގާތްގަޑަކަށް މުޅި
ރަސްކަމުގައި ރާއްޖޭގެ ފަނޑިޔާރުކަމުގައި ހުންނެވީ އައްޑޫ ބޮޑުފަނޑިޔާރު
ތަކުރުފާނެވެ. ތާރީޚު ލިޔުމަކީ ފަނޑިޔާރު މީހާ ކުރަން ޖެހޭ ކަމަކަށްވީ
މާފަހުން ހަސަން ތާޖުއްދީނުގެ ފަނޑިޔާރުކަމުގައި 1692 ވަނަ އަހަރު އެވެ.

އެދުވަސްވަރުގެ ރަސްކަމުގައި އައްޑޫ މީހުންގެ ނުފޫޒު

ސުލްތާނު ހުސައިން ފާމުލަދޭރިކިލެގެ ރަސްކަމާއި ބޮޑުރަސްގެފާނުގެ
ރަސްކަމުގައި މުޅިއެކު 39 އަހަރަށް މީދޫ ޝަމްސުއްދީން ބޮޑުފަނޑިޔާރު
ތަކުރުފާނު ފަނޑިޔާރުކަން ކުރެއްވި ވާހަކަ އިސްވެ ހިނގާއްޖެއެވެ.
އެތަކުރުފާނު އޮތީ މާލޭގައި އައްޑޫގެ ނުފޫޒުގެ އޮށްތަކެއް
އިންދަވައިފައެވެ. ޝަމްސުއްދީން ބޮޑު ފަނޑިޔާރުތަކުރުފާނަށް ފަހު
އެތަކުރުފާނުގެ ދަރީންގެ ތެރެއިން ގާޒީ ހުސައިން ގުތުބުއްދީނާއި
ކާފަދަރިންގެ ތެރެއިން ގާޒީ ހަސަން އާއި ގާޒީ މުހައްމަދު ވަނީ
ފަނޑިޔާރުކަން ކުރައްވައިފައެވެ. މީގެ ތެރެއިން ގާޒީ މުހައްމަދު ފަހުން
ސުލްތާން މުހައްމަދު ހަތަރެއްގެ ނަމުގައި ރަސްކަންވެސް ކުރެއްވިއެވެ.
މަޝްހޫރު ދެއްވަދޫ ރަސްގެފާނަކީ އެއީ އެވެ.

ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނުގެ ދަރީންގެ ތެރެއިން ނާއިބު
އަހުމަދު ޝިހާބުއްދީނަކީ މާލޭގެ ނާއިބެކެވެ. ޚަތީބެކެވެ. އިސްކަންދަރު
ރަސްގެފާނުގެ ދައުރުގައި ހުކުރުމިސްކިތުގައި ފުރަތަމަ މަދަރުސާ
ހިންގެވީވެސް މި އަހުމަދު ޝިހާބުއްދީނެވެ. ޝަމްސުއްދީނުގެ ދަރިވަރުންގެ
ތެރެއިން މީދޫ މަހުމޫދު ރަންފުތު ފަނޑިޔާރުމަނިކުފާނާއި ނާއިބު މީދޫ
މުހައްމަދު ސިރާޖުއްދީނަކީ ވެސް އޭރު ދަރުބާރުގައި ބަސްވިކޭ ނުފޫޒު ހުރި
މީހުންނެވެ. މީގެ ތެރެއިން ސިރާޖުއްދީނަކީ ފަހުން ރަސްކަންދޭން އުޅުމުން
އެކަމަށް އިންކާރު ކުރައްވައި ފިއްލަވައިގެން ފުނަދޫއަށް ވަޑައިގެންނެވި
އާލިމެވެ. ފަހުން ފުނަދޫ ޚަތީބު ސިރާޖުއްދީނުގެ ނަމުން މަޝްހޫރުވީ މި
ތަކުރުފާނެވެ. ދިވެހި ތާރީޚު އެންމެ ފުރަތަމަ ލިޔުއްވާން ފެއްޓެވި ހަސަން
ތާޖުއްދީނަކީ މި ސިރާޖުއްދީނުގެ ދަރިވަރެކެވެ.

ބޮޑުރަސްގެފާނުގެ ދައުރުގައި ހަނދެއިގިރި ނުވަތަ މިޒަމާނުގެ ބަހުން
ލިޔާނަމަ ދާޚިލީ ވަޒީރަކީވެސް އައްޑޫ މީދޫ މީހެކެވެ. އެއީ ޝަމްސުއްދީނު
ބޮޑު ފަނޑިޔާރުތަކުރުފާނުގެ ބޮޑުބޭބެ ހަނދެއިގިރި ތަކުރެވެ. އެހެންކަމުން
އޮޅުމެއް ނެތި އެނގެނީ ސުލްތާނު ހުސައިން ފާމުލަދޭރިކިލެގެ ރަސްކަން 1609
ގައި ފެށުނު ހިސާބުން ގޮސް ސުލްތާނު މުހައްމަދު ހަތަރެއްގެ ނަމުގައި
ރަސްކަން ކުރެއްވި ދެއްވަދޫ ރަސްގެފާނުގެ ދައުރު 1701 ގައި ނިމެންދެން
ގާތްގަޑަކަށް ސަތޭކަ އަހަރާއި ކައިރިކުރާ މުއްދަތަކަށް ރަސްކަމުގެ
ތެރޭގައި އައްޑޫ ނުފޫޒު ވަރަށް ގަދަ ކަމެވެ. މި ދެއްވަދޫ ރަސްގެފާނަކީ
އިސްދޫ ޑައިނާސްޓީ ނުވަތަ އިސްދޫ ދަރިކޮޅުގެ ރަސްކަމުގެ ސިލްސިލާގެ
ފެށުމެވެ. މި ރަދުންގެ ރަސްކަމުގައި މީދޫ ވަރަށް ގިނަ ބަޔަކަށް ތަފާތު
ކަންކަމަށް ކޮލިލެވުނެވެ.

އެވޭލާ ޒަމާނުގެ ދިވެހި މަޝްހޫރު ޝާއިރު ބަނޑޭރި ހަސަން މަނިކުފާނަކީ
ހިތަދޫއަށް އުފަން ހިތަދޫ ބޭފުޅެކެވެ. މި ހަސަން މަނިކުފާނަކީ ހިތަދޫ
އަލުން އާބާދުކުރެއްވި ބޭފުޅުންގެ ތެރެއިން ޝަމްސުއްދީން ބޮޑުފަނޑިޔާރު
ތަކުރުފާނުގެ ދަރި ފާތުމާފާނުގެ އައުލާދެވެ. ބަނޑޭރި ހަސަން މަނިކުފާނު
އުފަންވީ 1746 ގައެވެ. ހިތަދޫ ފަޅުވީ ބަނޑޭރި ހަސަން މަނިކުފާނު
އުފަންވުމުގެ ސަތޭކަ އެތައް އަހަރެއް ކުރިންނެވެ. އެއީ އެކެއްގެ
އަނގައިން އަނެކެއްގެ އަނގައިން ތަވާތުރުކޮށް ހިތަދޫ ފަޅުވިގޮތް
ތާޒާކަމާއެކު އެނގޭހާ ކައިރި ދުވަސްވަރެކެވެ. މި ހަސަން މަނިކުފާނުފާނަކީ
ވެސް ފަހުން ރަސްކަމުގެ ކޮއިލުގެ ތެރޭގައި ވަރަށް ނުފޫޒުގަދަކޮށް
އުޅުއްވި ބޭފުޅެކެވެ.

ބަނޑޭރި ހަސަން މަނިކުފާނުގެ އެއްވެސް ލިޔުއްވުމެއް އަދި
ރައިވަރެއްގައިވެސް ހިތަދޫ ފަޅުވި ހާދިސާއަށް އަލި އަޅުއްވާފައި
ނުވެއެވެ. ހަސަން މަނިކުފާނު ލިޔުއްވި އެންމެ މަޝްހޫރު ދޭއްޗަކީ ދިޔޯގެ
ރައިވަރާއި އަރިއަތޮޅު އަރުމާދެވެ.

އެދުވަސްވަރު ރާއްޖޭގެ ހާލަތު

ކަލާފާނު ޝަހީދުކޮށްލެވުނު ވާހަކަ އިސްވެ ހިނގާއްޖެއެވެ. ކަލާފާނަކީ
އުތީމު ބަންޑާރައިންގެ ދަރިކަލުންނެވެ. އުތީމު ބަންޑާރައިންނަކީ
ޕޯޗުގީޒުން މާލެއަރައި އަލިރަސްގެފާނު ޝަހީދުކޮށް ދިވެހިރާއްޖެ
އަޅުވެތިކޮށްގެން އުޅެނިކޮށް އެއުރެންގެ ކިބައިން ދިވެހިރާއްޖެ އާއި
ދިވެހިން ސަލާމަތްކުރެއްވި ބަތަލެވެ. އެހެންވީމާ އެދުވަސްވަރަކީ
ޕޯޗުގީޒުންގެ ނައުފަހަރު ދިވެހިރާއްޖެއަށް އާއްމުކޮށް އައިސް ދިވެހިންނާ
ތޮޅެމުން ދިޔަ ދުވަސްވަރެއްކަން އޮޅުމެއް ނެތި ސާބިތުވެއެވެ.

ހަމައެކަނި ޕޯޗުގީޒުންނެއް ނޫނެވެ. ކަންނަންނޫރުގައި ހުންނަވާ އަލިރާޖާގެ
ފަރާތުންވެސް ދޭތެރެ ދޭތެރެއިން ގުރާބުތައް އާދެއެވެ. ކަލާފާނުގެ
ދައުރުގައި މުހައްމަދު ރަންނަބަނޑޭރި ތަކުރު ފާދިއްޕޮޅު މާފިލާފުށީގައި
ވަކި ރަސްކަމެއް ގާއިމްކުރައްވައިގެން ބޮޑުތިލަދުންމަތިވެސް ކޮންޓްރޯލް
ކުރައްވައިގެން އުޅުއްވީ އަލިރާޖާގެ އެހީތެރިކަމާއެކުގައެވެ. ފަހުން
ބޮޑުރަސްގެފާނުގެ ދައުރުގައި ލަޝްކަރެއް ފޮނުއްވައިގެން އޭނާ
ބަލިކުރެއްވީއެވެ.

އޭގެ ފަހުންވެސް އަލިރާޖާގެ ތުރާތައް ދޭތެރެ ދޭތެރޭން އަންނާތީ
ބޮޑުރަސްގެފާނު އަވަހާރަވުމަށްފަހު ދެން ރަސްކަމަށް ވަޑައިގެންނެވި
އެމަނިކުފާނުގެ ދަރިކަލުން އިސްކަންދަރު ރަސްގެފާނު އެންމެ ފުރަތަމަވެސް
ކުރެއްވި އެއްކަމަކީ އަލިރާޖާގެ ދަށުގައި އޮންނަ މަލިކަށް ލަޝްކަރެއް
ފޮނުއްވައިގެން މަލިކު ފަތަހަ ކުރެއްވީއެވެ. އެފަހުން ޒަމާންތަކަކަށް
އަލިރާޖާގެ އުނދަގޫ ފޯރުން ހުއްޓުނެވެ.

ބޮޑުރަސްގެފާނުގެ ކާފަދަރިކަލުން ސުލްތާން ކުޑަ މުހައްމަދުގެ
ރަސްކަމުގައި ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ބޭރުގެ ގުރާބުތަކެއް ވަދެ
ދިވެހިންނަށް އުނދަގޫކުރާތީ އެމީހުން ފައްސައިލުމަށް ލަޝްކަރެއް
ފޮނުއްވިއެވެ. ބިދޭސީން ފައްސައިލުމަށްފަހު އެނބުރި މާލެ އައި
އޮޑިފަހަރާއި އިސްތިގުބާލު ކުރެއްވުމަށް ކުޑަ މުހައްމަދު ރަސްގެފާނުގެ
މައިކަނބަލުން މަރިޔަމް ކަނބާ ފްލީޓެއް ތައްޔާރު ކުރައްވައިގެން މާލެ
އަތޮޅު އެތެރެވަރިއަށް ނިކުމެވަޑައިގެން ބޮޑު ބަޑި ޖައްސަވައި ހަވާގެ
ކުޅިވަރުތައް ދައްކަވައި ނާޗަރަނގީ ކުޅުއްވަނިކޮށް 1691 ގައި އޮޑީގައި
އަލިފާން ރޯވެ މަރިޔަމް ކަނބާ އަވަހާރަވެ އެނދި މަރިޔަނބުގެ ނަމުން
މަޝްހޫރުވިއެވެ. ސުލްތާން ކުޑަ މުހައްމަދު ވެސް ވަރަށް ބޮޑަށް
ފިހިވަޑައިގެން ދުވަސްކޮޅެއްގެ ތެރޭގައި އަވަހާރަވީއެވެ.

ތިލަދުންމަތީ ދޮނަކުޅީގައި ބޭރުގެ ގުރާބުތަކުން އައި ބަޔަކާއި ދިވެހިންނާ
ދެމެދު އެއްފަހަރަށް ވުރެ ގިނަފަހަރު ހަނގުރާމަ ކުރެވުނުކަން ތާރީޚުން
އެނގެއެވެ. ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް އާއްމު ގޮތެއްގައި ވަދެ
އުޅުނީ މަލަބާރީންގެ ގުރާބުތަކެވެ. ދެން ޕޯޗުގީޒުންގެ ނައު ފަހަރެވެ.
ރާއްޖޭގެ ދެކުނަކަށް މަލަބާރީންގެ ތުރާތަކެއް ނުފޯރައެވެ. އެކަމަކު
ރާއްޖޭގެ ދެކުނުގެ ރަށްރަށަށް ޕޯޗުގީޒުން ލަފައި އުޅުނެވެ.
އެދުވަސްވަރުގެ ޕޯޗުގީޒް ލިޔެކިޔުންތަކުންވެސް މިކަން ކަށަވަރުވެއެވެ.

މަތީގައި ބަޔާން ކުރެވުނީ އެދުވަސްވަރު ރާއްޖޭގެ ހާލަތެވެ. ރާއްޖޭގެ
ސަރަހައްދަށް ބޭރުގެ ނައުފަހަރާއި ގުރާބުތައް ވަދެ އުޅުނު މިންވަރާއި
ރާއްޖޭގެ ރަށްތަކާއި ބެހިފައި ހުރި މިންވަރެވެ. މިކަންކަމާއި ދޭތެރޭ
ވިސްނާ ފިކުރުކުރާއިރު ރާއްޖޭގެ ކިތަންމެ ކިތަންމެ ރަށެއް މިކަހަލަ
ނައުފަހަރާއި ގުރާބުތަކުގެ ދުއްޕާނާއި ހެދި ފަޅުވެފައި ވުމަކީ ވަރަށްވެސް
އެކަށީގެންވާ ކަމެކެވެ. އައްޑުއަތޮޅު ހިތަދޫއަށް އެރި ދެޔޯ އާއި އެރަށު
މީހުންނަށް ފެނުނު ކުޅިވަރަކީ ހަގީގަތުގައި ބިދޭސީ އަރުމާޒެއްގެ
ހަރަކާތްތަކެއްކަމުގައި ވުމަކީ ވަރަށްވެސް އެކަށީގެންވާ ކަމެކެވެ.

އެޒަމާނުގެ ދުނިޔެއާއި އިންޑިޔާ ކަނޑު

ބޮޑުރަސްގެފާނުގެ ދައުރަކީ އިންޑިޔާ ކަނޑުގެ ކޮންޓްރޯލް ހޯދުމަށް
ޕޯޗުގީޒުންނާއި ޑަޗް މީހުން ހޭބޯނާރައި އުޅުނު ދުވަސްވަރެވެ. އިންޑިޔާގެ
ގޯއާ އާއި ސިލޯނާއި ޗައިނާގެ މަކާއޫ އާއި މިނޫންވެސް ކިތަންމެ ތަނެއްގައި
އޮތީ ޕޯޗުގީޒުންގެ ބާރެވެ. ޕޯޗުގީޒުން މަޝްހޫރުވެފައި އޮތީ ކަނޑުގެ
ބާޒުގެ ނަމުންނެވެ. ހޮލެންޑު މީހުންގެ ކަމަކީ ޕޯޗުގީޒު ކޮލޮނީތަކަށް
ހަމަލަދީ އެތަންތަން ފޭރުމެވެ. މިކަމުގައި އިނގިރޭސިންވެސް ހޮލެންޑަށް
ވާގިވެރިވެ އުޅުނެވެ. އިންޑިޔާ ކަނޑުގައި އިނގިރޭސިންގެ ބާރުގަދަވީ
މާފަހުންނެވެ.

ކޮލޮނީތަކުގެ ކޮންޓްރޯލް ހޯދުމަށް ޕޯޗުގީޒުންނާއި ޑަޗުމީހުންނާއި ދެމެދު
1601 ވަނަ އަހަރުން ފެށިގެން 80 އަހަރުގެ ދިގު ހަނގުރާމައެއް ކުރެވުނެވެ.
މިހަނގުރާމައިގެ ބާވަތަކީ ކަނޑުމަތިން އެއްބަޔަކު އަނެއް ބަޔަކާ
ދިމާވެއްޖެނަމަ ތަޅައިފޮޅައި ނައުތައް ފައްތާލުމާއި އެއްބަޔަކު
އަނެއްބައެއްގެ ކޮލޮނީތަކަށް އަރަން އުޅުމެވެ. މިހަނގުރާމައިގެ
އެއްމައިދާނަކީ އިންޑިޔާ ކަނޑެވެ.

އެދުވަސްވަރު ޕޯޗުގަލްގެ ވެރިރަށް ލިޒްބަނުން އިންޑިޔާގެ ގޯއާ އަށާއި
ޗައިނާގެ މަކާއޫއަށް އަހަރަކު ދެފަހަރު ބޮޑު ދެ އަރުމާޒު ފޮނުވައެވެ. މި
އަރުމާޒުތައް އެކުލެވިގެންވަނީ އެކިފަހަރު އެކި އަދަދުގެ ނަވުގެ
މައްޗަށެވެ. ބައެއްފަހަރު ވިއްސަކަށް ނައު ހިމެނިދާނެއެވެ.
އަނެއްބައިފަހަރު ހަތަރު ފަސް ނައުވެސް ހިމެނިދާނެއެވެ. އެދުވަސްވަރު
ނައުތަކުގެ ސައިޒަށް ބަލާއިރު އެންމެ ބޮޑުވެގެންވެސް އެއްޗެއް ވާނީ
ހަސަތޭކަ ޓަނެވެ. މިނައުތަކުގައި އެކިވަރުގެ ބޮޑު ބަޑި ހުރެއެވެ. އަދި
އަތުބަޑި އާއި ކަނޑި އާއި ލޮންސި ވެސް ހުރެއެވެ.

ޕޯޗުގީޒު އަރުމާޒުތަކުގައި އެންމެ އިސް ކޮމާންޑަރަކަށް އަބަދުވެސް
ހުންނަވާނީ ރަސްމަތިފުށުގެ ކޮންމެވެސް ބޭފުޅެކެވެ. އޭނާގެ ދަށުން ދެތިން
ވައިސް އެޑްމިރަލުން ތިބޭނެއެވެ. ކޮންމެ ނަވެއްގައި މަދުވެގެން
ފަސްދޮޅަހަކަށް ފިރިހެނުން ތިބޭނެއެވެ. ދެން މިއަރުމާޒު ދަތުރުކުރާނީ ދެ
ގްރޫޕު ނުވަތަ ތިން ގްރޫޕަކަށް ބަހާލައިގެން ވަކިންނެވެ. ލިޒްބަނުން
ފުރައިގެން އެފްރިކާގެ ހުޅަނގުބިތުގެ ބަނޑު ދޮށުން ދަތުރުކޮށްފައި ގޮސް
އިންޑިޔާ ކަނޑަށް ނުކުންނާނީ ކޭޕް އޮފް ގުޑް ހޯޕް ވަށާލައިފައެވެ.

ކޭޕު ވަށާލުމަށްފަހު ދެން އަނެއްކާވެސް އެފްރިކާގެ އިރުމަތީ ބިތުގެ
ބަނޑުދޮށުން އުތުރަށް ގޮސް މަޑަގަސްކަރަ އާއި މޮޒަމްބީކާއި ދޭތެރެއިން
މަޑަގަސްކަރަ ނިމެންދެން ދަތުރު ކުރާނެއެވެ. ބައެއްފަހަރު
މަޑަގަސްކަރަައިގެ އިރުމަތީބިތުން ގޮސް ސިޝެލްސް އާއި ރިޔުނިއަން އަދި
ކޮމޯރޯސްއާ ހިސާބަށް ދާނެއެވެ. އިންޑިޔާ އާއި ޗައިނާ އާ ދިމާލަށް
އިރުމައްޗަށް މިސްރާބު ޖަހާނީ މިހިސާބަށް ދެވުމުންނެވެ. މިއީ
ވަސްކޮޑަގާމާގެ ކާމިޔާބު ދަތުރަށްފަހު 1497 ގައި ޕޯޗުގީޒުންނަށް ދަސްވި
މަގެކެވެ.

މިހިސާބުން ދެން އޮންނަނީ އެއްވެސް ރަށެއް ނުފެނި އެތައް މަހަކަށް ކުރަން
ޖެހޭ ދަތުރެކެވެ. އިންޑިޔާއަށް ދާއިރު ވަރަށް ގިނަފަހަރަށް ރާއްޖެ
ހުރަސްކުރަން ޖެހެއެވެ. ގިނަ ފަހަރަށް ރާއްޖޭގެ އުތުރުންނެވެ. ވައި
ހުންނަ ގޮތަކުން މަދުފަހަރަކު ރާއްޖޭގެ ދެކުނުންނެވެ. މިހެންދާއިރު ޑަޗް
އަރުމާޒަކާ ދިމާވާގޮތް ވެއްޖެނަމަ ފިލުންވެސް އޮވެއެވެ. އަދި މޫސުން
ތަންނުދޭނަމަ އެންމެ ކައިރިން ލައްވާލާ ބަނދަރެއްގައި ދެތިންމަހު
ތިބޭގޮތްވެސް މެދުވެރިވެއެވެ. މި އަރުމާޒު އެނބުރި ޕޯޗުގަލްއަށް
ދާއިރުވެސް ބޭނުންކުރާނީ ހަމަ މިމަގެވެ. އެހެންވީމާ އައްޑޫ ހިތަދޫގައި
ޕޯޗުގީޒް އަރުމާޒެއް ބަނދަރުކޮށްގެން ދެތިން މަހަކަށް ތިބުމަކީ ހަމަ
ވަރަށް ގާތްކަމެކެވެ. އެމީހުންގެ ކުޅިވަރުތައް އެއީ ދެޔޯގެ
ކުޅިވަރުކަމުގައި ހީވުމަކީވެސް ގާތްކަމެކެވެ.

ދެޔޯގެ ކުޅިވަރު ތަހުލީލުކުރުން

އެވޭލާ ޒަމާނުގައި ހިތަދޫގެ ބޭރު ބަނދަރަކީ ކޯއްޓޭ ގޮނޑެވެ. އެތެރޭ
ބަނދަރަކީ މިހާރު ވެސް ބޭނުން ކުރާ އެތެރެ މާކޮލެވެ. އެހެންވީމާ
އެފްރިކާގެ އައްސޭރީގައި ތިބެފައި ރާއްޖޭގެ ހުޅަނގުބިތުން ވަދެގެން
އަންނަބަޔަކަށް ކޯޓޭ ގޮނޑު ފެނުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ޑަޗު
މީހުންނަށް ފިލަން ޕޯޗުގީޒް މީހުން އަޔަސް އަދި ޕޯޗުގީޒުންނަށް ފިލަން
ޑަޗް މީހުން އަޔަސް އެތަނަށް ވަދެފާނެއެވެ. ހަމައެގޮތަށް މޫސުން
ތަންނުދިނުމުގެ ސަބަބުން ވަގުތީ ހިޔަލެއްގެ ގޮތުގައި ވެސް ދުވަސްކޮޅަކު
ތިބެދާނެއެވެ. އެއީ މުސްތަހީލު ކަމެއް ނޫނެވެ.

މިޒާތުގެ އަރުމާޒެއްގައި މަދުވެގެން ހަތަރު ފަސް ނަވެއް ހިމެނޭނެއެވެ.
ގިނަފަހަރަށް ތިބޭނީ މުޅިންވެސް ފިރިހެނުންނެވެ. އެދުވަސްވަރު ރާއްޖޭގެ
އުތުރުގެ އަތޮޅުތަކުގެ މީހުންނަށް ދޮން ފަރަންޖީން ގިނަގިނައިން ފެނުނަސް
ދެކުނުގެ މީހުންނަށް ޚާއްސަކޮށް އައްޑޫ މީހުންނަށް ދޮން މީހުން އެހާ
ގިނައިން ފެނިފައި ނެތުން އެކަށީގެންވެއެވެ. މިކަހަލަ އަރުމާޒެއްގެ
މީހުން ބަނދަރުކޮށްގެން މޫސުމަށް އިންތިޒާރުކުރާއިރު އެވަގުތަކު ހިތަށް
އެރި ހުރިހާ ކަމެއްވެސް ކުރާނެއެވެ. މުނިފޫހި ފިލުވުމާއި ވަރުބަލިވެ
ލޮޑުވެފައި ތިބޭ ފަޅުވެރިން އަރާމު ކުރުމަށް ދިވެހިން އޭރު ހިތަށްވެސް
ނާރާ ކަންތައް ކުރާނެއެވެ.

ބޮޑެތި އަރުމާޒުތަކުގައި ބޭންޖަހާ މީހުންވެސް ތިބެއެވެ. ބެރުދުންމާރި
ތާޅަފިލިވެސް ހުރެއެވެ. ހަވާގެ ކުޅިވަރު ދެއްކުމުގެ ސާމާނުވެސް ހުރެއެވެ.
މިކަން ޔަގީންވަނީ ޕޯޗުގީޒް އެޑްމިރަލްޓީގެ ލިޔެކިޔުންތަކުގައި
ހަވާއަރުވަނިކޮށް ބައެއް ނައު އަނދައި ހުލިވި ވާހަކަ އާއި އިނގިރޭސި
މަޝްހޫރު ލިޔުންތެރިޔާ ޝެކްސްޕިއާގެ ލިޔުންތަކުގައި ވިލާތު އަރުމާޒުގެ
މީހުން އެފްރިކާގެ ރަށްތަކަށް ފައިބައި ބެރުދުންމާރިން މިއުޒިކް ކުޅެ
ނަށައި ލަވަކިޔައި ރާބޮއެ ހަވާއެރުވުން ފަދަ ކަންކަން ކުރާ ކަމަށް
ލިޔެފައި ވުމުންނެވެ. ޝެކްސްޕިއަރ މަރުވެފައިވަނީ 1616 ގައެވެ.

މޮޒަމްބީގުގެ އައްސޭރީގައި 1639 ގައި ހަވާއެރުވުމުގެ ތެރޭގައި ޕޯޗުގީޒް
ނައުތަކެއް އެނދިވާހަކަ ލިޔެފައި އެބަހުއްޓެވެ. އަދި އީރާނުގެ
ރަސްކަލެއްގެ ޝަރަފުގައި ހަމައެދުވަސްވަރު ހޮރްމޫޒު ކަނޑުއޮޅި ހިމެނޭ
ސަރަހައްދުގައި ޕޯޗުގީޒު އަރުމާޒަކުން ހަވާގެ ކުޅިވަރާއި ބެރުދުންމާރީގެ
ކުޅިވަރު ދެއްކިކަމަށް ޕޯޗުގީޒް އެވޭލާ ލިޔުންތަކުގައި
ބަޔާންކޮށްފައިވެއެވެ.

ހަވާއެރުވުމުގެ ކުޅިވަރަކީ ވަރަށް ކުރީއްސުރެ ތައާރަފުވެފައިވާ
ކުޅިވަރެކެވެ. އޭރު ތަފާތު ކުލަކުލައިގެ ތަރިތަކާއި މާމެލާމެލީގެ
ވައްތަރުތަކާއި ތަފާތު ޕެޓަރންތަކަށް ހަވާއެރުވުމެއް ނޯންނާނެއެވެ. އޭރު
އެކަންކުރަނީ މައްޗަށް ބަޑިބޭސް ޖަހައިގެން ވިއްސަކަށް މީޓަރު މަތީގައި
ގޮވުންތަކެއް ގޮވާ ގޮތަށެވެ. ދެން ޒާތެއްގެ ރީނދޫ ކުލަޔަކުން އުދަރެސް
ވަރަށް ބޮޑަށް އަލިވާނެއެވެ. ހިތަދޫ ފަޅުވިއިރު އުދަރެސް ރީނދޫވާ
ވާހަކައަށް މިއިން ޖަވާބު އެބަލިބެއެވެ.

ކަށްބޯހެރައަކީ ކޯއްޓޭ ގޮނޑުގައި ތިބޭ ބަޔަކާއި ނުހަނު ގާތުގައިވާ
ރަށެކެވެ. ބިންގަނޑު ތިރި ވިނަހެދުން މަދު ރަށެކެވެ. އެހެންވީމާ ބާބިކިއު
ހެދުމާއި ކުޅިވަރު ކުޅުމާއި އެފަދަ އެނޫންވެސް ކަންކަމަށް އެންމެ
ގާތުގައި އޮންނާނެ ރީތި ތަންކޮޅަކީ ކަށްބޯހެރައެވެ. އެތަނުގައި ތިބެގެން
ރާބޮއެ މިއުޒިކް ކުޅެ ލަވަކިޔައި ސަކަރާތް ޖަހާތަން ބަލަން ހިތަދޫ މީހުން
ދާނެއެވެ. އަންހެންވެރިންވެސް ނަލަހެދިގެން ދާނެއެވެ. އެދާދިއުމުގައި
ޖާޒުބީ އަސަރުވެސް ހުންނާނެއެވެ. ފަރަންޖީންގެ މިއުޒިކުގައި ދަމާބާރުވެސް
ހުންނާނެއެވެ. ކަނޑުމަތީގައި އެތައް ދުވަހަކު ތިބި ފަރަންޖީ
ފިރިހެނުންނަށް އަންހެން ސޫރައެއް ފެނިއްޖެނަމަ ކޮށްފައި ނުކުރާކަށް
ކަމެއް ނޯންނާނެއެވެ. އެވާހަކަތައް ކޮންމެހެން ދެއްކުމުގެ ބޭނުމެއް
ނެތެވެ.

މިކަމާއި ނުރުހި ދެކޮޅުވެރިވާ ކޮންމެ މީހަކު މަރައިލާނެއެވެ. މީހަކު
ނުވަތަ ބަޔަކު މަރައިލުމަކީ އެމީހުން ޖެހިލުންވާނެ ކަމެއް ނޫނެވެ.
ރައްޔިތުންނަށް ފަރަންޖީންގެ އުނދަގޫ ބޮޑުވީމާ ބަޔަކު ނުކުމެ އެމީހުން
ފައްސައިލަންވެސް އުޅެފާނެއެވެ. ޒާތްޒާތުގެ ބަޑި އާއި ބަޑިބޭހާއި
ކަނޑިއާއި ލޮންސި ހުރި ބަޔަކާ ދެކޮޅަށް ހުސްއަތާ ނުކުންނަ ދިވެހިންނަށް
ސަލާމަތުން ގޭގެއަށް އެނބުރި އާދެވޭނެ ގޮތެއްވެސް ނޯންނާނެއެވެ. ދޮން
ފަރަންޖީން އަވީގައި ތިބެ ގިނަ ދުވަސްވީމާ ފަރަންޖީން ނުދެކޭ ބަޔަކަށް
އެމީހުން ފެންނާނީ ރަތްކުލައިގައެވެ. ފަރަންޖީންތައް ރަށުތެރެއަށް ވެސް
އަރާނެއެވެ. މީސްމީހުންގެ އޮޑި ދޯނިފަހަރުވެސް ފޭރޭނެއެވެ. އެކަހަލަ
ކިތަންމެ ކަމެއް ކުރާނެއެވެ. އެހެންވީމާ މިޒާތުގެ ވޭނާއި ކެކުޅުމުގައި
ދެމަހެއްވާއިރަށް ރަށުން ފައިބައިގެން ދިއުން ނޫން ގޮތެއް އެރަށުގެ
ވަޒަންވެރީންނަކަށް ނޯންނާނެއެވެ.

ފަންޑިތަ ހަދަން ކިތަންމެ މޮޅުބަޔަކަސް އެފަންޑިތައެއްގެ ބާރު ވިލާތު
އަރުމާޒަކަށް ނުފޯރާނެއެވެ. އަރުމާޒުގެ ފަރަންޖީންގެ އުޅުމަކަށްވެސް
ބަދަލެއް ނުގެނެވޭނެއެވެ. އެހެންވީމާ އެއީ ދެޔޯއިންގެ ތެރެއިންވެސް
ވަރުގަދަ ދެޔޯއަކަށް ބަލައިފައި ފަންޑިތަވެރިންވެސް އެންމެފަހުން
ރަށްދޫކޮށް ދާނީއެވެ. ރަށުން ފައިބައިގެން އެހެން ރަށަކަށްދާ ކޮންމެ
މީހަކުވެސް ކިޔައިދޭނީ އެއް ވާހަކައެކެވެ. ކަށްބޯހެރައިގައި މިއުޒިކް
ކުޅެނީއެވެ. ޖައްވު އޮންނަނީ ރީނދޫވެފައެވެ. އެތަން ބަލަންދާ މީހަކު
ސަލާމަތެއް ނުވެއެވެ. އެކެއްގެ އަނގައިން އަނެކެއްގެ އަނގައިން މިވާހަކަ
ނަގުލުވަމުން އައިސް ދެތިން ޖީލަކަށްފަހު މިކަން އޮންނާނީ މީސްތަކުންގެ
އީމާނާއިވެސް ގުޅިފައެވެ.

ހިތަދޫ އަލުން އާބާދުވުން

ހިތަދޫ އަލުން އާބާދުވީ ގޮތުގެ ވާހަކަ ދިވެހި ތާރީޚުގައި ވަނީ ބަޔާން
ވެގެންނެވެ. އެއާ ދޭތެރޭ ވަހުމްތައް އުފެއްދުމުގެ ޖާގައެއް ނެތެވެ.
ބޮޑުރަސްގެފާނުގެ ދައުރުގައި މާލެ ދިފާއު ކުރުމަށް ބޮޑުފާރު ރޭނުއްވި
ވާހަކަ އާއި ބަޑިބުރުޒުތައް ހެއްދެވި ވާހަކަ އިސްވެ ހިނގާއްޖެއެވެ.
ހިތަދޫ އަލުން އާބާދުކުރުމުގެ ވިސްނުމެއް އައީ އެމަސައްކަތުގެ
ތެރެއިންނެވެ.

މާލޭގެ ދިފާއުގައި ރޭނުއްވީ ހަމައެކަނި ބޮޑުފާރެއް ނޫނެވެ.
ބަޑިބުރުޒުތަކެއް ވެސް ނޫނެވެ. ފަންޑިތަވެރިން މާލެއަށް ގެންނަވައި
ފަންޑިތަވެސް ހެއްދެވިއެވެ. މިފަންޑިތައެއްގެ ބޭނުމަކީ ރާއްޖެއާ ތޮޅެން
އަންނަ ނައުތަކާއި ގުރާބުތައް ފަރުފަރަށް އުރުވާލުމާއި އެނައުތަކުން
ގެންނަ ބަޑި އާއި ބަޑިބޭސް ދިވެހިންނަށް މިލްކުވުމަށް މަގުފަހި ކުރުމެވެ.
މިގޮތަށް ފަންޑިތަ ހަދައިގެން ދެތިން ހަތަރު ނަވެއް ރާއްޖޭގެ ފަރުތަކަށް
އުރުނު ވާހަކަ ދިވެހި ތާރީޚުގައި ލިޔެވިގެންވެއެވެ.

ބޮޑުރަސްގެފާނުގެ ފަންޑިތަ ޓީމުގެ އިސް ދެމީހުންނަކީ އައްޑޫ މީދޫ ދޮން
އުމަރާއި ދޮން ހުސައިން ކަލޭގެ އެވެ. މިއީ އެއްބަނޑު އެއްބަފާ
ދެބެއިންނެވެ. މި ދެބެއިން މާލެ ގެންނެވީ ޝަމްސުއްދީން
ބޮޑުފަނޑިޔާރުތަކުރުފާނުގެ ވިދާޅުވުމަކަށެވެ. މި ފަންޑިތައެއް ހެދުމުގެ
އަގަކަށް އެދެބެއިން ބޮޑުރަސްގެފާނަށް ހުށައެޅީ ހިތަދޫ ފަޅުވެފައި
އޮންނާތީ އެރަށް އެދެބެއިންނަށް ދެއްވުމާއި އެރަށް އަލުން އާބާދު
ކުރުމުގެ އިޒުނަ ދެއްވުމެވެ. މި އަޑު އައްސަވާން ހުންނަވާފައި
ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނު އެދިވަޑައިގެންނެވީ ދޮން އުމަރާއި
ދޮން ހުސައިން ކަލޭގެ އާއެކު ހަމައެވަރަށް ހައްގުތައް ދެއްވާފައި
ބޮޑުފަނޑިޔާރުތަކުރުފާނުގެ އަންހެން ދަރި ބޮޑު ފާތުމާފާނު ވެސް މި
ޓީމުގައި ހިމެނުއްވުމަށެވެ. އެކަމަށް ބޮޑުރަސްގެފާނު ރުހިވަޑައިގެން
އިޒުނަ ދެއްވައިފިއެވެ.

ހިތަދޫ އަލުން އާބާދު ކުރުމުގެ ކަންކަމުގެ މޭސްތިރިއަކަށް ބޮޑުރަސްގެފާނު
އައްޔަން ކުރެއްވީ މީދޫ ހަނދެއިގިރި ތަކުރެވެ. އޭނާއަކީ ދައުލަތުގެ
ދާޚިލީ ވަޒީރެވެ. މީނާގެ ބެލުމުގެ ދަށުން މި އާބާދުކުރުމެއްގެ އިސް ތިން
މީހުންނަކީ ދޮން އުމަރާއި ދޮން ހުސައިން ކަލޭގެ އާއި ބޮޑުފަނޑިޔާރު
ތަކުރުފާނުގެ ދަރި ބޮޑު ފާތުމާފާނެވެ. ހިތަދޫ އާބާދުކޮށްފައި މި ތިން
މީހުން ތާރީޚީ ތިން މިސްކިތެއް ބިނާކުރިއެވެ. ބޮޑު ފާތުމާފާނު ބިނާކުރީ
ހިތަދޫ ހުކުރު މިސްކިތެވެ. ދޮން އުމަރު ކަލޭގެ ބިނާކުރީ ހިތަދޫ މެދު
މިސްކިތެވެ. ދޮން ހުސައިން ކަލޭގެ ބިނާކުރީ މެދުވަލު މިސްކިތެވެ. ފަހުން
އެއީ މަސްޖިދު ޒިއްނޫރައިނި އެވެ.

ހިތަދޫ ފަޅުވުމާއި ދެޔޯގެ ކުޅިވަރާއި ބެހޭ ގޮތުން ހިތަދޫ އިބްރާހިމް
ފިރާގު ލިޔުއްވާފައިވާ ލިޔުއްވުންތަކުގައި ވަރަށް ބޮޑު އޮޅުމެއް
އޮވެއެވެ. އެއޮޅުމަކީ ދޮން އުމަރު ކަލޭގެ އާއި ދޮން ހުސައިން ކަލޭގެއަކީ
ހިތަދޫ މީހުން ކަމަށް ބަޔާން ކުރުމާއި އެމީހުންނަކީ ދެޔޯގެ ކުޅިވަރު
ފެށުމުން ރަށްދޫކޮށްފައި އެންމެ ފަހުން ފޭބި ފަންޑިތަވެރިން ކަމުގައި
ބަޔާން ކުރުމެވެ. އެއީ ގޯހެކެވެ. ދޮން އުމަރާއި ދޮން ހުސައިން ކަލޭގެ
އަކީ މީދޫ މީހުންނެވެ. ބޮޑުފަނޑިޔާރު ތަކުރުފާނުގެ ބޮޑު ފާތުމާފާނާއި
އެކު މި ދެމީހުން ހިތަދޫގައި ވަޒަންވެރިވީ ހިތަދޫ އަލުން އާބާދު ކުރުމުގެ
ގޮތުންނެވެ. ބޮޑު ފާތުމާފާނު ވެސް އަދި ދޮން އުމަރާއި ދޮން ހުސައިންވެސް
ހިތަދޫގައި ވަޒަންވެރިވީ އަނބީންނާއި ފިރިންނާއި ހުރިހާ
ދަރިންނާއެކުގައެވެ. މިއީ ދިވެހި ތާރީޚުގައި އޮޅުމެއް ނެތް ވަރަށް މިކަން
ބަޔާން ކުރެވި ލިޔެވިގެންވާ ގޮތެވެ.

ނިންމައިލުން

ހިތަދޫ ފަޅުވުމަށް މެދުވެރިވީ ފަރަންޖީންގެ އަރުމާޒެއް ކަމަށް އަޅުގަނޑު
ނިންމަނީއެއް ނޫނެވެ. އެކަމަކު މިހާރު ކިޔައި އެއުޅޭ ޖިންނި ޝައިތާނުންގެ
ވާހަކައަށްވުރެ މިއީ ހަގީގަތެއްކަމަށް ވުން އެތައްހާސްތަނެއް ކައިރި
ގޮތެކެވެ. މިއީ ބުއްދިއަށް ގަބޫލުކުރަން އެންމެ ފަސޭހަ ގޮތެވެ. އެންމެ
އެކަށީގެންވާ ގޮތެވެ. މަތީގައި ބަޔާން ކުރެވިފައިވާ ވާހަކަތަކުން
އެކަމަށް ބާރު ލިބެއެވެ. ވިލާތު އަރުމާޒުތައް ވެސްޓް އިންޑީޒްގެ
ރަށްތަކާއި އީސްޓް އިންޑީޒްގެ ރަށްތަކުގައި އަދި އެފްރިކާގެ އައްސޭރީގެ
ރަށްތަކުގައި ބަނދަރުކޮށް ބައެއް ރަށްތައް ދޮވެލައި ފަޅުކުރި ގޮތްގޮތުގެ
ވާހަކަ އެގައުމުތަކުގެ ތާރީޚުގައި ލިޔެވިގެންވެއެވެ.

އެހެންވީމާ ނިކަމެތި ދިވެހިންގެ ބަޔަކާއި ދޭތެރޭ އެގޮތަށް އަމަލު
ނުކުރާނެ ކަމަށް ހީކުރުމުގެ ޖާގައެއް ނެތެވެ. ހިތަދޫ ފަޅުވީ ދެޔޯގެ
ކުޅިވަރުން ކަމަށް ގަބޫލުކުރާ މީހުންގެ ކިބައިގައި އެއީ އަސްލީ ދެޔޯއެއް
ކަމާއި އެއީ އިންސާނުންގެ ކަމެއް ނޫންކަން ސާބިތުކޮށްދެވޭނެ ހެކި
އެބަހުރިބާވައެވެ. ޔަގީނުންވެސް ނެތެވެ. ނުވެސް ހޯދޭނެއެވެ.

ހަގީގަތް ފޮރުވިފައިވާ ކޮންމެ ކަމެއް ޖިންނި ޝައިތާނުންނާއި ގުޅުވުމަކީ
ދިވެހިންގެ ތެރޭގައި އަބަދުވެސް އޮންނަ އާދައެއްކަމުން ހިތަދޫ މީހުންނަށް
ކުރިމަތިވި އާފާތްތަކާއި ރަށް ދޫކޮށްފައިދާން ޖެހުން ވެސް ކޮންމެވެސް
ދެޔޯއަކާއި ގުޅުވައިފައިވަނީއެވެ. މިއީ އަޅުގަނޑުގެ ޚިޔާލެވެ. މިޚިޔާލަށް
ބާރުލިބެނީ ދެޔޯގެ ކުޅިވަރުން އެހެން ރަށެއް ފަޅުވެފައިވާކަން ސާބިތުވާން
ނެތުމާއި އައްޑޫއާއި ގާތްވެގެން އުޅޭ ދެޔޯއެއް ނަމަ އެހެން ރަށްރަށަށް
ވެސް އެކުޅިވަރު ދެއްކުން ގާތްކަމާއި ފަހުން ހިތަދޫ އާބާދުވުމަށްފަހު
ވެސް އެދެޔޯ އައްޑޫ ދޫކޮށްފައި ދާން ޖެހޭ ސަބަބެއްވެސް ނެތުމުންނެވެ.
ދެޔޯގެ ކުޅިވަރަކީ އިލްމާއި ހުއްޖަތުގެ ދުރުމިއަކުން ފެންނަ އަދި
ފެންނާނެ އެއްޗަކަށްވެސް ނުވާކަމުންނެވެ.