Last Updated: February 18, 20:43
Tuesday, February 18, 2025
ޚަބަރު

ފްލެޓްތައް ހަވާލުކުރުން ލަސްވާތީ އެފްޑީސީގެ ވެރިން މަޖިލީހަށް

އެފްޑީސީން އަޅާ ފްލެޓުތައް ފްލެޓުތައް /ފޮޓޯ: މިހާރު

ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ ސްކީމް" ގެ ދަށުން ފަހި ދިރުއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން އަޅައިފައިވާ ފުލެޓުތައް ހަވާލުކުރުން ލަސްވާ މައްސަލައިގައި އެ ކުންފުނީގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ގެދޮރުވެރިކަމުގެ ކޮމިޓީއަށް ހާޒިރުކޮށް ދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ކުޑޫ ފޮނުއްވި ސިޓީގައި ވިދާޅުވީ، އެ ކުންފުނިން ތަރައްގީ ކުރާ 4000 ފްލެޓުގެ ތެރެއިން މިހާރު 744 ފްލެޓް މުޅިން ނިމިފައިވާ ކަމަށާއި އަދި އެ ޓަވަރުތަކުގެ ކޮމާޝަލް އޭރިޔާ ވެސް ބޭނުން ކުރެވޭނެ ކަމަށާއި ނިމިފައިވާ ފްލެޓުތަކުންނާއި ކޮމާޝަލް އޭރިޔާ އިން މަހަކު 10.78 މިލިއަން ރުފިޔާ ކުއްޔާއި ފީގެ ގޮތުގައި ހޯދޭނެ ކަމަށެވެ.

މި މަސައްކަތައް އިންޑިއާ އިން ނަގާފައިވާ ލޯނަށް ކޮންމެ މަހަކު ފައިސާ ދައްކަމުންދާ ކަމަށާއި އެ ގޮތުން ލޯނު ރީޕޭ ކުރުމަށް ކޮންމެ މަހަކު 23.39 މިލިއަން ރުފިޔާ ދައްކަމުންދާކަން ފާހަގަކޮށްފައިވެ އެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން ގެ މުސާރަ އާއި ހިންގުމުގެ ޚަރަދަށް މަހަކު 3.2 މިލިއަން ހޭދަވާ ކަމަށް ވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ.

ކުޑޫ ވިދާޅުވީ ނިމިފައިވާ ފްލެޓުތަކުގެ ހައްގުވެރިން ކަނޑައެޅި، އެގްރީމެންޓު ހެދިފައިވާއިރު އޭގެ ހައްގުވެރިންނަށް ފްލެޓު ލިބުން ލަސްވެފައިވަނީ ސަރުކާރުގެ ސަބަބުން ކަމަށާއި އެކަމުގެ ސަބަބުން ދައުލަތައް ލިބެން ޖެހޭ އާމްދަނީވެސް ގެއްލިގެންދާ ކަމަށެވެ.

"ގަސްދުގައި ދައުލަތައް ގެއްލުންވާ ގޮތައް އެންމެހާ ރައްޔިތުންގެ ފައިސާ އިން މިތަންތަނަށް ލޯނު ދައްކަވަމުން ގެންދަވަނީ ސަރުކާރުގެ ވަރަށް ބޮޑު އިހުމާލެއް އޮވެގެން ކަމަށް ގަބޫލު ކުރެވެއެވެ." ކުޑޫގެ ސިޓީގައި ވިދާޅުވި އެވެ.

އެހެން ކަމުން މިކަން މިހެން ހިނގަމުންދަނީ ކީއްވެތޯ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އިސް ފަރާތްތައް މަޖިލީހުގެ "ގެދޮރުވެރި ކަމާ ބެހޭ ކޮމިޓީ" އަށް ހާޒިރު ކޮށް ބަލައިދިނުން އެދިވަޑައިގަންނަވާ ކަމަށް ކުޑޫ ވަނީ އެދިފަ އެވެ.