Last Updated: February 18, 21:05
Tuesday, February 18, 2025
ޚަބަރު

އައްޑޫގައި 1،100 ފްލެޓް އަޅާތީ ސައީދުގެ ޝުކުރު ސަރުކާރަށް

އައްޑޫ ސިޓީގައި 1،100 ހައުސިން ޔުނިޓް އަޅާތީ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު ސަރުކާރަށް ޝުކުރު އަދާކުރައްވައިފި އެވެ.

ރާއްޖޭގެ 57 ރަށެއްގައި 12،000 އަށްވުރެ ގިނަ ހައުސިން ޔުނިޓު އަޅާދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން މިދިޔަ މަހުގެ ފަހުކޮޅު ވަނީ އިއުލާންކޮށްފަ އެވެ.

މީގެތެރޭގައި އައްޑޫގައި 1،100 ހައުސިން ޔުނިޓް އެޅުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެއީ ހިތަދޫގައި 500 ހައުސިން ޔުނިޓް، މަރަދޫގައި 100 ހައުސިން ޔުނިޓް، މަރަދޫފޭދޫގައި 100 ހައުސިން ޔުނިޓް، ފޭދޫގައި 200 ހައުސިން ޔުނިޓް އަދި ހުޅުދޫގައި 100 ހައުސިން ޔުނިޓާއި މީދޫގައި 100 ހައުސިން ޔުނިޓެވެ.

އައްޑޫ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަމުން ސައީދު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ އައްޑޫ ރައްޔިތުންނަށް ވެސް ވަރަށް ބޭނުން ޖެހިފައިވާ ކަމެއް ކަމަށާއި ރައްޔިތުން އެންމެ ބޭނުން ޖެހިފައި ތިބި ކަންކަމަށް ސަރުކާރުން އިސްކަންދޭތީ އައްޑޫ ކައުންސިލް މެމްބަރެއްގެ ނަމުގައި ސަރުކާރަށް ޝުކުރު އަދާކުރާ ކަަމަށެވެ.

"އުއްމީދަކީ ވީހާވެސް އަވަހަކަށް މިކަމުގައި ކުލަޖެހި، ރައްޔިތުންނަށް މިކަމުގެ އުފާވެރިކަން ލިބިގެންދިޔުން،" ސައީދު ވިދާޅުވި އެވެ.

މީގެއިތުރުން އައްޑޫ އަށް މިވަގުތު ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދީ ލިންކްރޯޑުގެ މައްސަލަ އަށް އަވަސް ހައްލެއް ހޯދައިދޭން ސަރުކާރުން މަސައްކަތްކޮށްދިނުމަށް ވެސް ސައީދު ގޮވާލެއްވި އެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުގެ ދަށުން ރާއްޖޭގެ އުތުރުގައި 20،000 ހައުސިން ޔުނިޓާއި ދެކުނުގައި 20،000 ހައުސިން ޔުނިޓް އަޅަން ހަމަޖެހިފައިވެ އެވެ.

މި އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމާ ގުޅޭ މަސައްކަތްތަކަށް 2.5 ބިލިއަން ރުފިޔާ ވަނީ ހިމަނާފައިވާ އިރު، އޭގެ ތެރެއިން 1 ބިލިޔަން ރުފިޔާ ހާއްސަކޮށްފައި ވަނީ އުމްރާނީ ތަރައްގީއަށެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުގައި މި އަހަދުގެ ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓެކެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތަކުގެ މީގެ ކުރިން ވެސް އައްޑޫގައި ފްލެޓްތަކާއި ހައުސިން ޔުނިޓްތަކެއް އަޅާފައިވެ އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޭދޫގައި ހައުސިން ޔުނިޓްތަކެއް އަޅާފައިވާ އިރު، ކުރީފެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިތަދު އާއި ހުޅުމީދޫގައި ފްލެޓް އަޅާފައިވެ އެވެ.

އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފޭދޫގައި 75 ފްލެޓް އަޅަން ފެށި މަޝްރޫއު ދަނީ ކުރިއަށެވެ.