ފުލުހުންގެ ކޮންސްޓަބަލް ވަޒީފާއަށް ފުރުސަތު ހުޅުވާލައިފި އެވެ.
ފުލުހުން ބުނީ މިކަމަށް އެޕްލައިކުރުމުގެ ފުރުސަތު އަންނަ މި މަހުގެ 20 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ވަޒީފާ އަށް އެދޭ ފޯމް ފުލުހުންގެ ވެބްސައިޓު www.police.gov.mv އިން ޑައުންލޯޑްކުރެވޭނެ އެވެ.
އެޕްލައިކުރާ މީހުންނަކީ އެސްއެސްސީ އިމްތިޙާނުން ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއިއެކު، ޖީސީއީ އޯ ލެވެލް އިމްތިޙާނުން މަދުވެގެން ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ހާސިލްކޮށްފައިވުން ނުވަތަ އެއާ އެއްވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ މީހަކަށް ވާންޖެހެ އެވެ.
އަދި އެ މީހަކީ 18-30 އަހަރާ ދެމެދުގެ މީހަކަށް ވެސް ވާން ޖެހެ އެވެ. އެގޮތުން ފިރިހެނެއް ނަމަ އިސްކޮޅު 5 ފޫޓް 3 އިންޗި އަދި އަންހެނެއް ނަމަ އިސްކޮޅު 5 ފޫޓަށް ވުރެ ކުރު ނުވުމާއި ވަޒީފާއަށް ކުރިމަތިލާ މީހަކީ އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެ އެވެ.
މީގެ އިތުރުން ކޮންސްޓަބަލް އަށް ކުރިމަތިލާ މީހުންނަކީ އެއްވެސް ސިޔާސީ ޕާޓީއެއް މެމްބަރަކަށްވެގެން ނުވާނެ އެވެ. މި މަގާމުގެ މުސާރަ އަކީ 15،500ރ. އެވެ.