Last Updated: February 18, 20:29
Tuesday, February 18, 2025
ޚަބަރު

ތިލަމާލެ ބްރިޖްގެ މަސައްކަތް އަވަސްކުރަން މަޝްވަރާކޮށްފި

ތިލަމާލެ ބްރިޖުގެ މަސައްކަތް އަވަސްކުރުމާ ގުޅޭގޮތުން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު، ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިންޑިއާގެ ސަފީރު ޖީ. ބާލާސުބްރަމަނިއަން މަޝްވަރާކުރައްވައިފި އެވެ.

މި ބައްދަލުވުމުގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކާ ބެހޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކޮށްފަ އެވެ. އެގޮތުން ތިލަމާލެ ބްރިޖުގެ މަސައްކަތް އަވަސްކުރުމާއި، ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ދާއިރާގައި ކުރިއަށް އޮތްތަނުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތުގެ 40 ޕަސެންޓަށް ވުރެ ގިނަ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.

އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ އިން ކުރިއަށް ގެންދާ ތިލަމާލެ ބްރިޖުގެ މި މަޝްރޫއުއަކީ 7 ބިލިއަން ރުފިޔާގެ ބޮޑު މަޝްރޫއުއެކެވެ. މި މަޝްރޫއު އަކީ އެ ގައުމުގެ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ދަށުންނާއި ބާކީ ބައި ސަރުކާރުން ހަރަދު ކުރާގޮތަށް ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.