Last Updated: May 16, 01:00
Thursday, May 15, 2025
ޚަބަރު

ޒަރޫރީ ކާބޯތަކެތީގެ ކޯޓާ އިންޑިއާއިން އާކޮށްދީފި

ފިޔާ ބަސްތާތަކެއް - ފޮޓޯ: އަވަސް

ރާއްޖެ އާއި އިންޑިއާއާ ދެމެދު ވެފައިވާ ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން 2025-26 ގައި ރާއްޖެއަށް ފޮނުވާ ބައެއް ޒަރޫރީ ކާބޯތަކެތީގެ ކޯޓާ އިންޑިއާއިން އައުކޮށްފި އެވެ.

ކޯޓާ އައުކުރިކަން އިއުލާންކުރީ އިންޑިއާގެ ޑިރެކްޓަރެޓް ޖެނެރަލް އޮފް ފޮރެއިން ޓްރޭޑްއިން، މި މަހު 1 ވަނަ ދުވަހު އެވެ.

ޒަރޫރީ ބައެއް ކާބޯތަކެތީގެ އިތުރުން ހިލަ އާއި ހިލަވެލި ވެސް ރާއްޖެ ފޮނުވުމަށް އިއުލާނުގައިވެ އެވެ. އެގޮތުން ހިލަ އާއި ހިލަވެލީގެ ކޯޓާ އިތުރުކޮށްދިނީ އިތުރު 30 ޕަސެންޓަށެވެ. އަދި ފިޔާ، އަލުވި، ބިސް އަދި ހަކުރާއި ފުށް ފަދަ ސާމާނުގެ ކޯޓާ ފަސް ޕަސެންޓަށް އިތުރުކޮށްދީފައިވާއިރު މުގު އެތެރެކުރެވޭ މިންވަރު 56 ޕަސެންޓަށް ވަނީ އިތުރުކޮށްފަ އެވެ.

އިންޑިއާއިން އައުކުރި ކޯޓާގައި ހިމެނެނީ:

ބިސް
އަލުވި
ފިޔާ
ތިން ބާވަތުގެ ކާޑު
މުގު
ހިލަވެލި
ހިލަ

މިއީ ހާއްސަ އުސޫލެއްގެ ދަށުން ރާއްޖެއަށް އެ ތަކެތި 1981 ގައި އެކްސްޕޯޓް ކުރަން ފެށި ފަހުން ކޯޓާ މިހާ ބޮޑަށް އިތުރު ކުރި ފުރަތަމަ ފަހަރެވެ.