Last Updated: May 2, 17:45
Friday, May 2, 2025
ޚަބަރު

މަސްވެރިންނަށް 470 މިލިއަން ރުފިޔާ ދޫކޮށްފި

މަސްވެރިންނަށް 470 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ރައްޔިތުންނާއެކު" ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް، 48 ގަޑިއިރު ތެރޭ ފައިސާ ދެވޭ ގޮތަށް ކުރެއްވި އިންތިޒާމުގެ ނަތީޖާއެއްގެ ގޮތުން، ކުރީގައި ދޯނިން ފޭބި ޒުވާނުން އަލުން މަސްވެރިކަމާ ގުޅިފައިވާ ކަމަށާއި ޤަވާއިދުން ފައިސާ ލިބޭނޭ ކަމުގެ އިތުބާރު ޒުވާނުންނަށް ލިބުމުން، ދިވެހި މަސްދޯނިތަކުގައި މަސައްކަތްކުރަނީ ދިވެހިން ކަމުގައި ހެދުމަށް ހިފާފައިވާ އަމާޒަށް ވާޞިލުވުމުގެ މަގުވެސް ތަނަވަސްވެގެންދާނެ ކަމަށެވެ.

މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުންފެށިގެން މިއަދާ ހަމައަށް، އެންމެ ދުވަހެއްވެސް ވައްޓާނުލައި މަސްވެރިންނަށް ފައިސާ ދެވެމުންދާ ކަމަށާއި، މި މުއްދަތުގެ ތެރޭގައި 470 މިލިޔަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މަސްވެރިންނަށް މާލީ ބާރުވެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި އުފެއްދެވި މަސްވެރިންގެ ދަފުތަރުގައި މަސްވެރި ދޯނިތަކުގެ 95 އިންސައްތަ މިހާތަނަށް ދަފުތަރުވެފައިވާކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ވަކި ވަކި މަސްވެރިން ދަފުތަރު ކުރެވެމުންދިއުމުން، މަސްވެރިކަމަކީ ދެމެހެއްޓެނިވި އާމްދަނީ ލިބޭ ކަމެއްގެ ގޮތުގައި ބޭންކުތަކުން ބަލައިގަންނާނޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މަސްވެރިކަމަށް ބޭނުންވާ ކަނދުފައްޗަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، މި ދައުރުގެ މިހާތަނަށް 18 ވަދު ކަނދުފަތި ޤާއިމުކުރެވިފައިވާކަމަށާއި، ކަނޑައިގެންދިޔަ 21 ކަނދުފަތިވެސް އަލުން ޤާއިމުކުރެވިފައިވާ ކަމަށެވެ. އަދި މަސްވެރިންގެ ރައްކާތެރިކަމަށްޓަކައި، ރެސްކިއު ޑައިވިންގ ކޯސްތައް ހިންގައި، 56 ދޯންޏަކުން 56 ރެސްކިއު ޑައިވަރުން ތަމްރީނުކުރެވިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.