ފުލުހުން ތެދުވެރިކަމާއި އިންޓެގްރިޓީއާއެކު މަސައްކަތް ކުރުމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އިލްތިމާސް ކުރައްވައިފި އެވެ.
އައްޑޫގައި މަސައްކަތްކުރަމުން އަންނަ ސައުތު ޕޮލިސްގެ ސްޕެޝަލިސްޓް ޓީމުތަކުގެ ފުލުހުން މިދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވި ސްޓާފް އެޕްރިސިއޭޝަން ނައިޓްގައި ވާހަކަދައްކަމުން ސީޕީ ވިދާޅުވީ ފުލުހުންގެ މަސައްކަތްތަކަކީ ވަރަށް މާތް މަސައްކަތެއް ކަމަށެވެ. އެހެންކަމުން ތެދުވެރިކަމާއި އިންޓެގްރިޓީއާއެކު މަސައްކަތްކުރުމަށް ހުރިހާ ފުލުހުންނަށް ސީޕީ އިލްތިމާސްކުރެއްވި އެވެ.
ފުލުހުންގެ މަސައްކަތުގެ އަގުވަޒަންކުރުމަކީ ގިނަ ފަހަރަށް ނުކުރެވި ދޫކޮށްލެވޭ ކަމެއް ކަމަށާއި ނަމަވެސް މިފަދަ ހަފުލާއަކުން، ސައުތު ޕޮލިސްގެ ހުރިހާ ފުލުހުންނާ ބައްދަލުވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ގޮސްފައިވާ ކަމަށް ސީޕީ ވިދާޅުވި އެވެ. އަދި ސައުތު ޕޮލިސްގެ މުވައްޒަފުންނަކީ ވަރަށް ނަމޫނާ މަސައްކަތްތަކެއް ކުރަމުން އަންނަ މުވައްޒަފުންތަކެއް ކަމަށްވެސް ސީޕީ ވިދާޅުވި އެވެ.
ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަޙުމަދު ޝަމީމް ދެއްކެވި ވާހަކަފުޅުގައި ސައުތު ޕޮލިސްގެ ތަރައްގީއަށް ކުރެވިފައިވާ މުހިންމު މަސައްކަތްތަކުގެ މައްޗަށް ބައްލަވާލެއްވި އެވެ. އަދި ރީޖަންގެ ތެރޭގައި ހަމަޖެހިފައިވާ އެކިއެކި ނިޒާމުތަކުގެ ސަބަބުން މަސައްކަތަށް ލިބިފައިވާ ފަސޭހަކަމާއި ކުރިއެރުންތައް ހިއްސާކުރެއްވި އެވެ.
މި ހަފުލާގައި، އައްޑޫގައި މަސައްކަތްކުރާ ފުލުހުންނާއި ސައުތު ޕޮލިސްގެ އެކި ޔުނިޓުތަކުގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން އެންމެ ރަނގަޅަށް މަސައްކަތްކޮށްފައިވާ ފުލުހުންނަށާއި އެންމެ ރަނގަޅަށް މަސައްކަތްކޮށްފައިވާ އާއްމު މުވައްޒަފުން އަދި ޓެކްނިކަލް މުވައްޒަފުންގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ދީފައިވެ އެވެ. އަދި ޑިޕާޓްމަންޓުތަކާއި ޔުނިޓުތަކުން ކޮށްފައިވާ މަސައްކަތުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ދީފައިވެ އެވެ.