ތަކުރާރުކޮށް ކުށް ކުރާ، ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން އިސްލާހު ކުރުމަށް އުތުރުތިލަފަޅުގައި ތަރައްގީ ކުރަން ނިންމާފައިވާ "ހޯޕް އައިލޭންޑް" ގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަން ހޯމް މިނިސްޓްރީ އިން އިއުލާނުކޮށްފި އެވެ.
ހޯމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ 15 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްގީ ކުރާ މި މަރުކަޒު ތަރައްގީ ކުރަނީ 700 މީހުންނަށް ދިރިއުޅެވޭ ގޮތަށް ކަމަށެވެ. އެގޮތުން ކުޑަކުދިން ބަންދު ކުރާނެ ތަންތަނާއި ދިރިއުޅޭނެ ތަންތަނާއި ޕާކުތަކާއި މިސްކިތަކާއި ސިނަމާއަކާއި ފުޓުބޯޅަ ކުޅޭ ތަނަކާއި ސްކޫލެއް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މަސައްކަތާ ހަވާލުވާ ބަޔަކު ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހު ހަ މަސްދުވަސް ތެރޭގައި ފަޅު ހިއްކައި ނިންމަންޖެހޭއިރު، ހަތް މަސްދުވަސް ތެރޭގައި މަސައްކަތް ފަށަންޖެހެ އެވެ. އެވެ. އަދި މުޅި ޕްރޮޖެކްޓު އޮކްޓޯބަރު، 2027، އަށް ނިންމައި ސަރުކާރާ ތަން ހަވާލު ކުރަންޖެހެ އެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) އަންނަ އާދީއްތަ ދުވަހުގެ ކުރިން ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.
ކުށުގެ މާހައުލަށް ހުށަހެޅޭ ކުދިން ރިހެބިލިޓޭޓް ކުރަން ދައުލަތުގެ ބެލުމުގެ ދަަށަށް ގެނައުމަށްފަހު އެ ކުދިން 18 އަހަރު ވުމުން ފުލުހުން ނުވަތަ ސިފައިންގެ ހިދުމަތުގައި މަސައްކަތް ކުރަންޖެހޭ ގޮތް ހަދާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ވިދާޅުވެފަ އެވެ.
މި ފެސިލިޓީގައި ކުދިން ތިބި ނަމަވެސް 18 އަހަރު ވަންދެއް ގެންގުޅޭނީ އާއިލާއާ ގުޅުން ބަދަހިކޮށްގެން ކަމަށާއި ރައީސްގެ މި ސިޔާސަތުގެ ދަށުން މިކަން މިގޮތަށް ކުރެވިއްޖެނަމަ، ގޭންގުތަކާ ގުޅޭ ކުޑަކުދިންނާއި މާރާމާރީގައި ބައިވެރިވާ ކުދިންނާއި މަގުމަތީގައި އަޅާ ނުލެވި ތިބޭ ކުދިންގެ މައްސަލަ އެއްކޮށް ހައްލުވާނެ ކަމަށްވެސް ވިދާޅުވި އެވެ.