Last Updated: April 30, 14:02
Wednesday, April 30, 2025
ޚަބަރު

ފުލުހުން ރައްޔިތުންނަށް ދޮގެއް ނުހަދާނެ: ރައީސް

ފުލުހުން ރައްޔިތުންނަށް ދޮގެއް ނުހަދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ ފަރާތުން ރައްޔިތުންނަށް ދޮގެއް ނުހަދާނެ ކަމަށާއި އެއީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ.

"ފުލުހުން ރައްޔިތުންނަށް ދޮގު ހަދައިގެން ފުލުހުންނަށް ލިބޭނެ ފައިދާއެއް އަދި ފުލުހުން ކުރައްވާނެ ކަމެއް ވެސް ނޫން އެއިކީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ އަގުވައްޓާލަން މަސައްކަތް ކުރަނީ ދިވެހިންގެ ތެރޭގައި ބައިބައިވުން އުފައްދާ އަދި އެކި ކަހަލަ ފިތުނަތައް އުފައްދަން އުޅޭ ފަރާތްތަކުން ކަމަށެވެ.

"އަޅުގަނޑުމެން ވާންޖެހޭނީ ކެތްތެރިކަމާއެކީގައި ފުލުހުންގެ ހިދުމަތް، ފުލުހުން އަދާކުރަން ފުރުސަތު ދޭން. އަޅުގަނޑު ދޭ ޔަގީންކަމަކީ މި ސަރުކާރުގައި ފުލުހުންގެ ފަރާތުން ލިބިގެންދާނީ ދެފުށް ފެންނަ، ޒިންމާދާރު، ތެދުވެރި، އަމާނާތްތެރި ހިދުމަތެއްކަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ސިޔާސީ ގޮތުން އެކި ކަހަލަ ކަންކަން ހިންގަން އުޅޭ ފަރާތްތަކަށް ފުރުސަތު ދިނުމުގެ ބޭނުމެއް ނެތް ކަމަށާއި އެންމެން އެކަކު އަނެކަކަށްޓަކާ މިކަމުގައި އެކަތިގަނޑަކަށް ވާންޖެހޭ ކަމަށްވެސް ވިދާޅުވެފަ އެވެ.

މީގެއިތުރުން މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ފުލުހުންނަށް މުހިއްމު އިލްތިމާސްތަކެއް ވެސް ކުރައްވާފަ އެވެ. އެގޮތުން ފުލުހުންގެ މުއައްސަސާ އިން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި އަވަސްވުމަށާއި އޭރުން އެއީ ފުލުހުންގެ މުއައްސަސާގެ އަގުވައްޓާލަން ކުރާ މަސައްކަތަށް ވެސް އެޅޭނެ ހުރަހެއް ކަމަށް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު މިދިޔަ ހުކުރު ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އަންހެން ކުއްޖަކު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ތަހުގީގު ކުރިއަށްގެންދާ ގޮތާއި މެދު އާންމުންގެ ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.