Last Updated: April 30, 11:35
Wednesday, April 30, 2025
ޚަބަރު

ސަރުކާރުގެ ހަރަދުގައި ޔުމްނު ބޭސްފަރުވާއަށް މެލޭޝިއާއަށް

ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފްލޯ އިން މިދިޔަ ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) ވެއްޓި ލިބުނު އަނިޔާތަކާ ގުޅިގެން ސަރުކާރުގެ ހަރަދުގައި ބޭސް ފަރުވާއަށް މެލޭޝިއާއަށް ފޮނުވުމަށް ނިންމައިފި އެވެ.

ޔުމްނުގެ އާއިލާގެ ފަރާތުން މީޑިއާތަކަށް މައުލޫމާތުދެމުން ބުނީ ބޭސްފަރުވާގެ ކަންކަން ހަމަޖައްސާފައިވަނީ އެންސްޕާ މެދުވެރިކޮށް ކަމަށެވެ. އެންސްޕާއިން މިހާރު ދަނީ ޗާޓަރު ފުލައިޓެއް ހަމަޖެއްސުމުގެ މަސައްކަތްކުރަމުން ކަމަށް ޔުމްނުގެ އާއިލާއިން ބުންޏެވެ.

ފުރާޅުމައްޗަށް ޔުމްނު ވެއްޓުނު މައްސަލައިގައި އެރޭ އޭނާއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލް، ފުލުހުން ވަނީ އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހައިފަ އެވެ.

އެ މައްސަލައިގައި ރައުދު އާއި ޔުމްނު ހިމެނޭހެން ޖުމުލަ ހަތް މީހެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން މާންދޫގެ ޓެރެސް އާއި ދެވަނަ އަދި ހަތަރުވަނަ ފަންގިފިލާގެ އިތުރުން ކަށިވެލިގޭގެ ތިންވަނަ ފަންގިފިލާ ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ރައުދު މީގެ ކުރިންވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޔޫރީން ސާމްޕަލް ނަގައިފަ އެވެ. އޭރު އޭނާ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ވަނީ ޕޮޒިޓިވެފަ އެވެ.

ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ ރައުދު ދޫކޮށްލީ އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައިނުވާތީ ކަމަށެވެ.