Last Updated: April 30, 05:48
Wednesday, April 30, 2025
ޚަބަރު

ޔުމްނު ވެއްޓުނު މައްސަލަ: ރިޔާސީ ކޮމިޝަނަށް ބަދަލުތަކެއް

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް- ފޮޓޯ: ރައީސް އޮފީސް

މިމަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނަށް ބަދަލުތަކެއް ގެންނަވައިފި އެވެ.

ރައީސް އެ ކޮމިޝަން އުފެއްދެވީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުންނެވެ.

މިމަހުގެ 27 ވަނަ ދުވަހު އެންމެ ފުރަތަމަ ކޮމިޝަން އުފެއްދެވީ ތިން މެންބަރުން އެކުލެވޭ ގޮތަށެވެ. އެގޮތުން ކޮމިޝަންގައި އޭރު ހިމެނުއްވި ބޭފުޅުންނަކީ ކުރީގެ ބަންޑާރަނައިބް ޑރ. މުހައްމަދު މުނައްވަރާއި، މަޝްހޫރު ކަށީގެ ޑޮކްޓަރު މުހައްމަދު ހަބީބުގެ އިތުރުން ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދު އެވެ.

ކޮމިޝަނަށް މިއަދު ބަދަލުތަކެއް ގެންނަވާފައި މިވަނީ ކޮމިޝަންގެ މެންބަރު ކަމުން ޑރ. ހަބީބް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ކޮމިޝަނަށް މިއަދު ބަދަލު ގެންނެވިއިރު ޑރ. މުހައްމަދު މުނައްވަރާއި، ބްރިގޭޑިއަ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދާ އެކު އިތުރު ތިން ބޭފުޅުން ވަނީ ކޮމިޝަންގައި ހިމަނުއްވާފަ އެވެ.

ކޮމިޝަންގައި މިހާރު ހިމެނޭ ބޭފުޅުން

– ޑރ. މުހައްމަދު މުނައްވަރު – ގ. ހަސަންކާރިގެ
– ބްރިގޭޑިއަ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދު – ވ. އަލްމާން
– ޑޮކްޓަރ މޫސާ މުރާދު – ދަފްތަރު ނަންބަރު ރސ 641
– ޖަބީން މުހައްމަދު – ތ. ވޭމަންޑޫ، މޫނިމާގެ
– އާމިނަތު އީނާސް – ހ. ހަބަރުގެ

ރައީސްގެ ގަރާރުގައި އެ ކޮމިޝަންގެ މަސްއޫލިއްޔަތުތައް ވެސް ވަނީ ފާހަގަކުރައްވައިފައެވެ. އެގޮތުން ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގުތަކަށް ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން ހިމެނެއެވެ.

ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައްޔާއި ތަހުގީގުތަކުގައި އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި، ރާއްޖެއިން ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުން އަދި ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ، ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން ވެސް ކޮމިޝަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ހައްޔަރު އަމުރާއި، ޖިނާއީ ތަހުގީގުތަކާ ގުޅޭ އެންމެހާ ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން ވެސް ހިމެނެއެވެ.

އޭގެ އިތުރުން ހާޒިރުކުރަންޖެހޭ ކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެން ސުވާލުކުރުމާއި، މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެނޫން ވެސް ހެކި ހޯދުމާއި، އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން ވެސް ހިމެނެއެވެ. އަދި ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަހުގީގެއް ކޮށްފައިވާ ނަމަ، އެ ތަހުގީގަކުން ނުވަތަ އެނޫންވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި، އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި، ހެއްކާއި، ގަރީނާތަކާއި، އެނޫން ވެސް މައުލޫމާތު ހޯދުން ވެސް ކޮމިޝަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.

އެ ކޮމިޝަނަކީ، ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސް ކަނޑައެޅުމާ ހަމައަށް ދެމިއޮންނާނޭ ކޮމިޝަނެއް ކަމަށް އެ މަނިކުފާނުގެ ގަރާރުގައި ވަނީ ވިދާޅުވެފަ އެވެ.

އެ މައްސަލައިގެ ތަހުގީގަށް ރައީސް ކޮމިޝަނެއް އުފައްދަވާފައި މިވަނީ، ފުލުހުންގެ ތަހުގީގުގައި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ.