ރާއްޖޭގައި އުފެދިފައިވާ ވިޔަފާރީގެ އާ ފުރުޞަތުތަކުގެ ބޭނުން ހިފައި، ރާއްޖެއަކީ މިހާރަށް ވުރެ ވަރުގަދަ، ވިޔާފާރިތަކަށް ފަހި އަދި މުސްތަޤުބަލަށް ތައްޔާރުވެފައިވާ ޤައުމަކަށް ހެދުމަށް ގެންގުޅޭ ތަސައްވުރުގައި ބައިވެރިވުމަށް، މެލޭޝިއާގެ ވިޔަފާރިތަކަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ދަޢުވަތު ދެއްވައިފި އެވެ.
މެލޭޝިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރިއަށްގެންދިޔަ މޯލްޑިވްސް- މެލޭޝިއާ ބިޒްނަސް ފޯރަމް 2025 ގައި ތަޤުރީރުކުރައްވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ކުރިއަށްދަނީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވައިދިނުމުގެ ޢަޒުމުގައި ކަމަށާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށާއި މުވައްސަސާތައް ހަރުދަނާކުރުމަށާއި ދިވެހި ޖަޒީރާތަކަށް ލިބިފައިވާ ވަޞީލަތްތަކުގެ ފުރިހަމަ ބޭނުން ހިފޭނޭ މަގުފަހިކުރުމަށް މި ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުތަކަކީ އެމަނިކުފާނު ޚާއްޞަ އަހަންމިއްޔަތުކަން ދެއްވާ ކަންތައްތަކެއް ކަމަށެވެ.
ރާއްޖޭގެ މިނިވަންކަމަށް 75 އަހަރު ފުރޭ 2040 ވަނަ އަހަރާ ރާއްޖެ ބައްދަލުކުރާނީ ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައިކަމަށް ހެދުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް، މެލޭޝިއާގެ ވިޔަފާރިތަކަށް ރައީސް ދައުވަތު ދެއްވި އެވެ. އަދި ރާއްޖެއިން މި ތަސައްވަރުކުރާ ބަދަލަކީ އެކަނި ގެނެވޭނޭ ބަދަލެއް ނޫން ކަމަށާއި އެހީތެރިކަން ބޭނުންވާ ދާއިރާތަކުން އެއް ޤައުމުން އަނެއް ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވި އެވެ.
މީގެއިތުރުން ރާއްޖޭގެ އިޤްތިޞާދީ ޚާއްޞަ ސަރަޙައްދު (އީއީޒެޑް) ގައި ވުނަކުރުމަށް ޝަޢުޤުވެރިކަން ހުރި ފަރާތްތަކަށް ހުޅުވިފައިވާ ފުރުޞަތުތައްވެސް ފާހަގަކުރައްވާފައިވެ އެވެ. އަދިރާއްޖެއިން ޝަޢުޤުވެރިވަނީ، ދެ ފަރާތަށްވެސް ފައިދާކުރަނިވި، އިތުބާރު ހިފޭ ފަދަ، ހަރުދަނާ ތަރައްޤީގެ ބައިވެރީން ހޯދުމަށް ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި ހުރި އިސްތިރާޖީ ފައިދާތަކަށް އިޝާރާތްކުރައްވަމުން ރައީސް ވަނީ، ޖޯގްރަފީ ގޮތުން ރާއްޖެ އޮންނަނީ ކަނޑުދަތުރުފަތުރުގެ މުހިންމު ސަރަޙައްދެއްގައި ކަމަށް ވާތީ، ކަނޑުދަތުރުފަތުރާއި ކަނޑުދަތުރުފަތުރާ ގުޅުންހުރި ދާއިރާތަކުގައި ވުނަކުރެވިދާނޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ދުނިޔެއަށް ނަން މަޝްހޫރު، ދިވެހި ފަތުރުވެރިކަމުގެ ދާއިރާގައި، ޚާއްޞަކޮށް އިކޯ-ޓޫރިޒަމުގެ ދާއިރާގައި ހުރި ފުރުޞަތުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވި އެވެ.