Last Updated: April 30, 05:48
Wednesday, April 30, 2025
ޚަބަރު

ޝަމްއާން ބަންދުކުރި މައްސަލައިގެ އިސްތިއުނާފް ހުކުމް މާދަމާ

ކުރީގެ ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ހައްޔަރުކޮށް ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފް މައްސަލައިގެ ހުކުމް މާދަމާ އިއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.

މި މައްސަލައިގައި ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން އޮންނާނީ މާދަމާ މެންދުރު 13:15 ގަ އެވެ.

ކޮރަޕްޝަންގެ ތުހުމަތުކޮށް ޝަމްއާން މަގާމުން ވަކިކޮށް އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ ތެރޭގައި ކަމަށްވާއިރު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ ޖެހީ 15 ދުވަހެވެ. އެ މުއްދަތު ހަމަވުމުން، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މި އަމުރުތައް ޝަމްއާންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު، އެ މައްސަލައިގައި އެންމެފަހުން ބޭއްވި އަޑުއެހުމުގައި ދެ ފަރާތުން ވެސް ދިގު ބަހުސްތަކެއް ކޮށްފައިވެ އެވެ. އެ އަޑުއެހުން ނިންމާލުމުގެ ކުރިން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ މި މައްސަލައިގައި ހުކުމް ކުރުން ކަމަށް އިއުލާންކޮށްފަ އެވެ.

ޝަމްއާން މަގާމުން ވަކިކޮށް އޭނާ ހައްޔަރުކުރީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ.

ޝަމްއާންގެ އިތުރުން އިތުރު ހަތަރު މީހަކު ވެސް އެ މައްސަލާގައި ހައްޔަރުކުރި އެވެ. އަދި އެ މައްސަލާގައި ޝަމްއާންގެ އަނބިކަނބަލުންގެ ފޯނު ވެސް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފަ އެވެ.

ޝަމްއާން އަދި އެ ހިދުމަތުގެ އިތުރު އޮފިސަރުންތަކަކަށް ތުހުމަތުކޮށް ބަލަމުންދަނީ ބަންދުކުރި ބިދޭސީއަކު ދޫކޮށްލައި، އޭނާގެ އަތުން 530،000ރ. ނެގި މައްސަލަ އެވެ.