Last Updated: April 30, 05:48
Wednesday, April 30, 2025
ޚަބަރު

ބޭރު ގައުމެއްގައި ކިޔެވިޔަސް ދީނުގެ ހަމަތައް ދޫކޮށްނުލާތި

ރާއްޖެއިން ބޭރު ގައުމެއްގައި ކިޔެވިޔަސް އިސްލާމްދީނުގެ ހަމަތައް ދޫކޮށް ނުލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފި އެވެ.

މެލޭޝިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެގައުމުގައި ދިރިއުޅޭ ދިވެހިންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބޭރު ގައުމަކަށް އައިސް އުޅުނު ނަމަވެސް އަމިއްލަ އައިޑެންޓިޓީގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.

އެގޮތުން ބައެއް ކިޔަވާ ކުދިންނަށް ބޭރު ގައުމުތަކުގައި އުޅޭއިރު އެ ގައުމެއްގެ މުޖުތަމައުއެއްގެ ތެރޭގައި އޮންނަ ޓްރެންޑްތަކާ އެއްގޮތަށް އުޅެވި، ދީނުގެ ހަމަތައް ދޫކޮށްލެވޭ ގޮތްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންވިޔަ ނުދެއްވާށޭ. އަބަދުވެސް ހަނދާން ބަހައްޓައްޗޭ އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ މަތީގައި ތިބި ބައެއްކަން. އެކަން ފުރިހަމައަށް ހަނދާނުގައި ބަހައްޓައިގެން އަމަލުކުރަމުން ދައްޗޭ. އޭރުން ދެން ހުރި ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް. ބަރާބަރަށް ނަމާދު ކުރުމާއި ދެން ހުރި ހުރިހާ ކަމެއް ވެސް ކުރަމުންދާށޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ އެހެން ދިމާލަކުން ލިބޭނެ މޮޅެއް ނޯންނާނެ ކަމަށާއި ހުރިހާ މޮޅަކާއި ކާމިޔާބީއެއް ވެސް އޮތީ އިސްލާމްދީނުގައި ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި އުފާވެރިކަން ވެސް ހޯދަން ވާނީ ދީނުގައި އޮންނަ ހަމަތަކުގެ ތެރެއިން ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ބޭރު ގައުމުތަކުގައި އުޅޭއިރު އެންމެން އެއްބައިވަންތަކަމާއި އެކުވެރިކަމާ އެކު އުޅުމަށް ވެސް ރައީސް ވަނީ އިލްތިމާސްކުރައްވާފަ އެވެ.