ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރި ދޯންޏެއް ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
ފުލުހުން ބުނީ އާދީއްތަ ދުވަހުގެ ރޭ 8:00 ހާއިރު ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރި "ބްރިލިއަންޓް ކެރިއާ" ނަމަކަށް ކިޔާ ދޯންޏެއް ގެއްލިފައިވާ ކަމަށާއި މި ދޯނީގައި ތިބީ 5 މީހުން ކަމަށެވެ. އެއީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ.
މި ދޯންޏާއި އެންމެ ފަހުން ގުޅިފައިވަނީ ރޭ ދަންވަރު 2:40 ގައި ކަމަށާއި އެއިރު ހުވަދުއަތޮޅަށް ވަންނަން ކައިރިވެފައިވާ ކަމަށް ކެޕްޓަން ބުނެފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. އޭގެ ފަހުން ދޯންޏާއި ގުޅިފައި ނުވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.
މި މައްސަލަ މިއަދު ހަވީރު 6:00 ގައި ގައްދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓުކުރެވި، އެމްއެންޑީއެފްގެ ސަދަން ރީޖަން ކޮމާންޑަށް މައުލޫމާތު ދީފައިވާ ކަމަށާއި ދޯނި ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ވަނީ މި ދޯންޏާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ނެޝަނަލް އިމަޖެންސީ ނަންބަރު 911 އަށް ނުވަތަ އެންމެ ކައިރި ފުލުހުންގެ މަރުކަޒަކަށް އަންގައިދިނުމަށް އެދިފަ އެވެ.