Last Updated: April 30, 05:48
Wednesday, April 30, 2025
ޚަބަރު

ޓޫރިޒަމް ދާއިރާގެ ކޮރަޕްޝަނާ ދެކޮޅަށް ފޯރަމެއް ބާއްވަނީ

އޭސީސީގެ ރައީސް އާދަމް ޝާމިލް - ފޮޓޯ: ދިޔަރެސް

އެންޓި-ކޮރަޕްޝަން ކޮމިޝަނާއި (އޭސީސީ) އާއި ސައުދީ އަރަބިއްޔާގެ އޯވަރސައިޓް އެންޑް އެންޓި-ކޮރަޕްޝަން އޮތޯރިޓީ (ނަޒާހާ) ގުޅިގެން "ސައުދީ-މޯލްޑިވްސް އިންޓަނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ" ގެ ނަމުގައި ބައިނަލްއަގުވާމީ ފޯރަމެއް ރާއްޖޭގައި ބޭއްވުމަށް ނިންމައިފި އެވެ.

މެއި މަހުގެ 6 އަދި 7 ގައި މި ފޯރަމް ބާއްވާއިރު، ފޯރަމު އިންތިޒާމުކުރަނީ އޯގަނައިޒޭޝަން އޮފް ދަ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރު ގައުމުތަކުގެ އެންޓި-ކޮރަޕްޝަން ލޯ އެންފޯސްމެންޓް އެޖެންސީތަކުގެ ދެވަނަ މިނިސްޓީރިއަލް ބައްދަލުވުމުގައި ނިންމި ނިންމުމާ އެއްގޮތަށް އޯއައިސީގެ މެންބަރު ގައުމުތަކުގެ ފަތުރުވެރިކަމުގެ ދާއިރާގެ ހިންގުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަން ކުރިއަރުވައި، ކޮރަޕްޝަނުން ސަލާމަތްވެފައިވާ ނަޒަހަތްތެރި ސިނާއަތަކަށް ހެދުމުގެ މަގްސަދުގަ އެވެ.

އޭސީސީން ބުނީ މި ފޯރަމުގައި ކަމާބެހޭ އިދާރާތަކާއި ޖަމުއިއްޔާ ޖަމާއަތްތަކުން ބައިވެރިވެ، ފަތުރުވެރިކަމުގެ ސިނާއަތުގައި ކޮރަޕްޝަނުގެ ސަބަބުން ދިމާވާ ހުރަސްތަކާއި ގޮންޖެހުންތަކާމެދު މަޝްވަރާކުރާނެ ކަމަަށެވެ. އަދި އަދި ދެފުށްފެންނަ ނިޒާމެއްގެ ދަށުން މި ދާއިރާ ހިންގުމަށް ހުރި ގޮންޖެހުންތަކާއި، ޖަވާބުދާރީ ކުރުވުމުގެ ނިޒާމު ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވޭނެ ކަމަަށްވެސް އޭސީސީން ބުނެ އެވެ.

މި ފޯރަމުގައި އޯއައިސީގެ 40 އަށްވުރެ ގިނަ މެންބަރު ގައުމުތަކުގެ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ އަދި ފަތުރުވެރިކަމާބެހޭ އިދާރާތަކާއި، ބައިނަލްއަޤުވާމީ އިދާރާތައް ހިމެނޭހެން 180 އަށްވުރެ ގިނަ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި އޯއައިސީގެ މެންބަރު ގައުމުތަކުގެ މަތީ ފެންވަރުގެ ޕްލިނަރީއެއް ބޭއްވުމަށް ރާވާފައިވާއިރު، މި ޕްލިނަރީގައި އޯއައިސީގެ މެންބަރު ޤައުމުތަކުގެ ފަތުރުވެރިކަމާބެހޭ ދާއިރާގެ އިސްވެރިންނާއި ކޮރަޕްޝަން ހުއްޓުވުމުގެ އިދާރާތަކުގެ އިސްވެރިން ވާހަކަފުޅު ދައްކަވާނެ އެވެ.

މީގެއިތުރުން، ފޯރަމުގެ ޕެނަލް މަޝްވަރާތަކުގައި ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެ، ފަތުރުވެރިކަމުގެ ދާއިރާގައި ކޮރަޕްޝަނުގެ ހިރާސް ކުޑަކުރުމަށާއި، ނަޒާހަތްތެރިކަން އިތުރުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާމެދު މަޝްވަރާކުރައްވާނެ އެވެ.