އިސްލާމީ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މެލޭޝިއާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިޔާ (އައިއައިޔޫއެމް) އިން މިއަދު ވަނީ 'އިސްލާމިކް ލީޑަޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް'ގެ ދާއިރާއިން އެ މަނިކުފާނަށް ޑޮކްޓާ އޮފް ފިލޯސޮފީގެ އޮނަރަރީ ޑިގްރީއެއް އަރުވާފަ އެވެ.
އެ ޑިގްރީއާ ހަވާލުވެވަޑައިގަތުމަށް ފަހު 'އިންޓެލެކްޗުއަލް ރެނޭސަންސް: އަންވެއިލިން ދަ ސައިންޓިފިކް އެންޑް މޮޑާން ޑިވެލޮޕްމަންޓް އޮފް ދަ އިސްލާމިކް ސިވިލައިޒޭޝަން' މައުލޫއުއަށް ދެއްވި ތަގުރީރުގައި ރައީސް ވަނީ އިސްލާމީ އުންމަތުގެ ފަޚުރުވެރި، ސައިންސްވެރިކަމުގެ މީރާސް ދިރުވައި އާލާކުރެއްވުމަށް ގޮވާލައްވާފަ އެވެ.
އިސްލާމީ ޙަޟާރަތުގެ ރަން ޒަމާނުގެ ގޮތުގައި ސިފަކުރެވޭ އަށްވަނަ ޤަރުނާއި ސާދަވަނަ ޤަރުނާ ދެމެދުގެ ދުވަސްވަރު، ބައިނަލްއަޤުވާމީ އުފެއްދުންތެރިކަމާއި ޢިލްމުގައި ނަގާކިޔާފައިވަނީ އިސްލާމީ ޙަޞާރާތުން ކަމަށާއި އަދި އޭރު، ޢިލްމު އުނގެނުމަކީ މުޤައްދަސް ޒިންމާއެއްކަމަށް ދެކިގެން، އެކަމަށް ބާރުދޭ މިސްކިތްތަކާއި، ކުތުބުޚާނާތަކާއި ހަސްފަތާލުތަކާއި ޔުނިވާސިޓީތަކުގެ ވިއުގަތައް ޤާއިމުކޮށްފައި ހުރި ކަމަށް ރައީސް ވިދާޅުވި އެވެ.
އެގޮތުން ޒަމާނީ، ފިކުރީ ނަހަޟާއެއް (ރެނޭސަންސް)ގެ ހުޅުކޮޅު ރޯކުރެވޭނީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ޒުވާނުން ބާރުވެރިކޮށް، ޒުވާނުންގެ ބައިވެރިވުމާ އެކުގަ އެވެ. މިކަން ކުރުމަށްޓަކައި، ދުނިޔޭގެ ފެންވަރުގެ ޔުނިވާސިޓީތަކާއި، ދިރާސާކުރާ މުއައްސަސާތަކާއި، ޑިޖިޓަލް މަންސަތައް ޤާއިމުކުރުމަށް ވުނަކުރަންޖެހޭކަން ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، އިސްލާމީ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވި އެވެ. އެގޮތުން، އެއް ޤައުމަށް ވުރެ ގިނަ ޤައުމުން ބައިވެރިވާ ރިސާޗް ހަބްތަކާއި، އިނޮވޭޝަން އިންކިއުބޭޓާތަކާއި، ބައިވެރިވުން އޮންނަ އެފަދަ އެނޫންވެސް މަންސަތައް ޤާއިމުވެފައި ހުރުން މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.