ޒުވާނުންގެ މެދުގައި ޕާޓީ ކުރުން އާންމުވެފައި ވަނީ ކުރީ ސަރުކާރުގައި ކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ޗެއާޕާސަން ލުބުނާ މުހައްމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލުބްނާ ވިދާޅުވީ ޕާޓީ ކުރުން އާންމުވެފައިވަނީ 2018އިން ފެށިގެން 2023އަށް ކަމަށެވެ. އަދި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ޒުވާނުން ތިބީ ބިރަކާ ނުލައި ޕާޓީކޮށްކޮށް ކަމަށް ލުބްނާ ވިދާޅުވި އެވެ.
މިމަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހާދިސާ އަކީ ހިތާމަވެރި ހާދިސާއެއް ކަމަށާއި އެކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ ބިރަކާ ނުލައި މަޖާކުރުން ޕްރޮމޯޓް ކުރި ފަރާތްތައް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.
މި ހާދިސާއާ ގުޅިގެން އެންޑީއޭ އިން ނެރުނު ބަޔާނެއްގައި ވަނީ ޒުވާނުންގެ މެދުގައި މިފަހުން މަޝްހޫރުވެފައިވާ ޕާޓީކުރުމުގެ ސަގާފަތުގެ ސަބަބުން ގިނަ ބަޔަކު ޕާޓީ ޑްރަގުގެ ޝިކާރައަކަށްވެ ނުރައްކާތެރި ހާލަތަކަށް ވެއްޓިފައިވާ ކަމަށް ބުނެފަ އެވެ. އަދި ގިނަ މީހުން މިފަދަ މަސްތުވާތަކެތި ބޭނުންކުރަނީ ދޭތެރެ ދޭތެރެއިން ކަމަށް ދެކިގެން ނަމަވެސް، އެކަމުގެ ސަބަބުން މިފަދަ މީހުން މަސްތުވާތަކެއްޗަށް އަޅުވެ، ސިއްހީ އެތަކެއް މައްސަލަތަކެއް ދިމާވާކަން ވެސް އެންޑީއޭއިން ފާހަގަކޮށްފައިވެ އެވެ.
މާލޭ ސަރަހައްދުގައި ކަންބޮޑުވާ މިންވަރަށް މިހާރު ވެސް މަސްތުވާތަކެތި ބޭނުންކުރާ ކަމަށާއި މިކަމުގައި ޒުވާނުނާއި ކުޑަކުދިން ވެސް ހިމެނޭކަން އެންޑީއޭއިން މިއަހަރުގެ ފެބްރުވަރީ 25 އިން މާޗް 25 ވަނަ ދުވަހުގެ ނިޔަލަށް މާލޭ ސަރަހައްދުގައި ކުރިޔަށް ގެންދިޔަ އައުޓްރީޗް ޕްރޮގްރާމުން އެނގިފައިވާ ކަމަށް ބުނެފައިވެ އެވެ.