މިމަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު 21،ގެ ފަރާތުން ކުރިއެރުންތަކެއް ފެންނަމުންދާ ކަމަށް ޔުމްނުގެ އާއިލާ އިން ބުނެފި އެވެ.
ޔުމްނުގެ އާއިލާގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދޭ މުހައްމަދު މުއުމިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޔުމްނުގެ ފަރާތުން ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ފެނިފައިވާ ކަމަށާއި މިއީ އަނދިރި ދުވަސްތަކެއްގެ ފަހުން ކުޑަ އަލިކަމެއް ލިބުނު ދުވަހެއް ކަމަށެވެ.
ޔުމްނު ވަނީ އެއްވެސް މީހަކު ތަޙައްމަލުކުރަންޖެހޭ ވަރަށް ވުރެ ގިނަ ކަންތައްތަކެއް ތަޙައްމަލުކޮށްފައި ކަމަށާއި ނަމަވެސް އަދިވެސް ހަނގުރާމަ ކުރަމުންދާ ކަމަށް މުއުމިން ބުންޏެވެ. އަދި މިކަމުން އޭނާ އަރައިގަންނާނެ ކަމަށްވެސް ބުނެފައިވެ އެވެ.
ޔުމްނުއަށް ލިބިފައިވާ އަނިޔާތަކާއި ގުޅިގެން އިތުރު ފަރުވާ އަށް މެލޭޝިއާގައި މިހާރު އަންނަނީ ފަރުވާ ހޯދަމުންނެވެ. އެގޮތުން ޔުމްނުގެ ކަނދުރާއާ ދިމާލުން މައިބަދައިގެ ސީ-7 ކަށިގަނޑުގައި ރެނދެއް ލާފައިވާ ކަމަށާއި އެކަމާ ގުޅިގެން އިއްޔެ ކުރި ސާޖަރީ ވަރަށް ކާމިޔާބު ކަމަށް އާއިލާ އިން ބުނެ އެވެ.
ފުރާޅުމައްޗަށް ޔުމްނު ވެއްޓުނު މައްސަލައިގައި އެރޭ އޭނާއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލް، ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ބަންދަށް 10 ދުވަސް ވަނީ ޖަހައިފަ އެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، ޔުމްނު ވެއްޓުމުގެ ކުރިން ރައުދުއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގި ކަމަށް ރައުދު ބުނެފައިވާ ކަމަށް ފުލުހުން ކޯޓުގައި ވަނީ ބުނެފަ އެވެ. ނަމަވެސް އެއީ ކޮން ކަމަކާއި ގުޅިގެން ހިނގި ހަމަނުޖެހުންތަކެއް ކަމެއް ބުނެފައެއް ނުވެ އެވެ.
އަދި މި ހާދިސާއަށް ފަހު، އޭގެ މާ ގިނަ އިރުތަކެއް ނުވަނީސް ޔުމްނު ކޮބައިތޯ ސުވާލު ކުރުމުން ވީތަނެއް ނޭނގޭ ކަމަށާއި، ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ރައުދު މިހެން ބުނެފައިވަނީ ކާކު ގާތު ކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ.