އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި، އ.ދ. އާއި، އެހެނިހެން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި، އެހެން ޤައުމުތަކުން ތިބުމާއި، އެ ބިންތަކުގައި އެފަރާތްތަކުން ހިންގާ ޙަރަކާތްތަކާ ގުޅިގެން އިސްރާއީލުގެ އިލްތިޒާމްތަކާ ގުޅޭގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއިން ބައިވެރިވެ، މިއަދު އެ ކޯޓުގައި ބޭއްވި އަޑުއެހުމުގައި ބަޔާނެއް ދީފި އެވެ.
މި މައްސަލައަކީ ބައިނަލްއަޤްވާމީ ޖަމާއަތްތަކުން ފަލަސްތީނުގެ އާއްމު ރައްޔިތުންނަށް ދެމުންގެންދާ އިންސާނީ އެހީތެރިކަމަށް ހުރަސްއަޅައި، ފަލަސްތީނުގެ ރެފިއުޖީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އދ ގެ ޖަމިއްޔާ ޔޫއެންޑީއާރުޑަބްލިއުއޭ ގެ މަސައްކަތްތައް ހުއްޓުވާލުމަށްޓަކައި އިސްރާއީލްގެ ޤާނޫނު ހަދާ މަޖިލީހުން ނިންމުމާއި، ޢައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހަރަކާތްތެރިވަމުންދާ ފަރާތްތަކަށް އިސްރާއީލުން ހަމަލާތައް ދެމުންދާތީވެ، އެޤައުމުން އުފުލަންޖެހޭ ޒިއްމާތަކާ ގުޅޭގޮތުން އައިސީޖޭއަށް އިޝްތިސާރީ ލަފައަކަށް އެދިހުށަހެޅުމަށް އދ ގެ އާންމު މަޖިލީހުން މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 19 ވަނަ ދުވަހު ފާސްކުރުމަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
އައިސީޖޭ ގައި މިއަދު ބޭއްވި އަޑުއެހުމުގައި ރާއްޖެ ތަމްޞީލު ކުރައްވަމުން ބަންޑާރަނައިބު އުޝާމް ވަނީ، ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުގައި ރާއްޖެއިން ކެނޑިނޭޅި ވަކާލާތުކުރާނެކަން ފާހަގަކުރައްވައި، އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭކަން ކަށަވަރުކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވައި ލައްވާފަ އެވެ. އަދި އަންރުވާ ރޫޅާލުމަށްޓަކައި އިސްރާއީލުން ގަސްދުގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި، ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ އިންސާނީ ޙައްޤުތައް ހޯދުމަށް ކުރަމުންދާ މަސައްކަތަށް ދިވެހި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދޭނެކަން ފާހަގަކުރައްވާފައިވެ އެވެ.
މިއަދުގެ އަޑުއެހުމުގައި ރާއްޖެ ތަމްސީލުކުރެއްވި ބައިނަލްއަޤްވާމީ ވަކީލުން ހުށަހެޅުއްވި ބަޔާންތަކުގައި، ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ދަށުން އިސްރާއީލުގެ ޒިންމާތަކުން ރެކުމަށްޓަކައި ޤައުމީ ސަލާމަތް އަދި ހަނގުރާމަވެރި ބޭނުންތެރިކަން ސަބަބެއްގެ ގޮތުގައި ދައްކަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށްކަން ފާހަގަކުރައްވައި، އިސްރާއީލާއި އަންރުވާއާ ދެމެދު ސޮއިކޮށްފައިވާ 1967 ގެ އެކްސްޗޭންޖް އޮފް ލެޓަރސް އިން އިސްރާއީލު ނިކުތުމުގެ ޤާނޫނީ ނަތީޖާތަކަށްވަނީ އަލިއަޅުއްވައި ލައްވާފަ އެވެ.
ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް އޮތް ހަމަ އެކަނި ދެމެހެއްޓެނިވި ޙައްލަކީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަޙައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރުންކަމަށްވާއިރު، މިކަން މިއަދުގެ އަޑުއެހުމުގައިވެސް ދިވެހިރާއްޖެއިން ވަނީ ތަކުރާރުކޮށްފަ އެވެ.