މި އަހަރުގެ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން، އެމީހުންގެ ހައްގުތައް ހޯދުމަށް ގޮވާލައި ހިނގާލުމެއް މިއަދު މާލޭގައި ބާއްވައިފި އެވެ.
ރާއްޖޭގެ އެކި ސިނާއަތްތައް ތަމްސީލުކުރާ ޔޫނިއަންތަކާއި އެސޯސިއޭޝަންތަކުން ބައިވެރިވި މި ހިނގާލުން ގެންދަން ނިންމާފައި އޮތީ ރަސްފަންނު ސަރަހައްދުން ފަށައި މަޖީދީ މަގުން އިރަށްގޮސް އާޓިފިޝަލް ބީޗަށް ނިންމާލާ ގޮތަށެވެ. ނަމަވެސް، ފުލުހުން ވަނީ ހިނގާލުން ފެށުމާއެކު ބޮޑުތަކުރުފާނުމަގާއި މަޖީދީމަގު ގުޅުނު ސަރަޙައްދުގައި ބެރިކޭޑު ޖަހައި ހިނގާލުމަށް ހުރަސް އަޅާފަ އެވެ.
މި ހިނގާލުން އަމީނީ މަގުން ކުރިއަށް ގެންދިއުމުގެ ހުއްދަ ފުލުހުން ފަހުން ދީފައިވާއިރު، ހިނގާލުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ މަސައްކަތްތެރިންނަށް އަދުލު އިންސާފު ނުލިބޭ ކަމަށް ބުނެ އަޑު އުފުލާފަ އެވެ. އަދި ހިނގާލުމުގައި ބައިވެރިވި ޑްރައިވާސް އެސޯސިއޭޝަނުން ވަނީ ސަރުކާރުން ޓެކްސީ ޑްރައިވަރުން ނިކަމެތިކޮށްލާފައިވާ ކަމަށް ބުނެ އަޑު އުފުލައިފަ އެވެ.
މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން މިއަދު ހަވީރު އެއްވުމެއް ބާއްވާފައިވާއިރު، މި ދުވަހާއި ގުޅިގެން އިދިކޮޅު އެމްޑީޕީގެ ފަރާތުން މާލޭގައި މިރޭ އެއްވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ކޮންމެ އަހަރަކު ވެސް މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ މޭ 1 އެވެ.