މާލޭގައި ސިލްސިލާ ގޮތެއްގައި ޒުވާނުން ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން ރޭ ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ތިން ދުވަސް ޖަހައިފި އެވެ.
މާލޭގައި ސިލްސިލާ ގޮތެއްގައި ޒުވާނުން ކުރަމުންދާ އިހުތިޖާޖު ރޭ ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން ރޫޅާލާފަ އެވެ. އަދި މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި ދެ ޒުވާނަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ މަޙްޒޫމް މާޖިދު (28އ) އާއި ޢާއިޝަތު ޝިމަން އަޙްމަދު (19އ) އެވެ.
މަހްޒޫމް އާއި ޝިމަންގެ ތިން ދުވަހަށް ބަންދުކުރަން އަމުރުކުރިއިރު، މިއަދު އޮތް މުއްދަތު މަޖިލީހުގައި ފުލުހުންގެ ފަރާތުން އެދުނީ އެ ދެމީހުން 15 ދުވަހަށް ބަންދުކޮށްދިނުމަށެވެ.
ފުލުހުން ބުނީ މަޙްޒޫމް ހައްޔަރުކުރީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި ޝިމަން ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެ.
ސިލްސިލާ ގޮތެއްގައި ޒުވާނުން މާލޭގައި ކުރަމުންދާ މުޒާހަރާ އަކީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އުސް އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ކުރަމުންދާ މުޒާހަރާތަކެކެވެ.