މާލެ ސަރަހައްދުގައި ހުއްދަ ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެއުޅުން ހުއްދަ ސަރަހައްދުތަކެއް ހޯމް މިނިސްޓްރީން ކަނޑައަޅައިފި އެވެ.
މީގެކުރިން މާލޭގައި ހުއްދަ ނެތި މުޒާހަރާ ކުރެވެނީ ކާނިވާ ސަރަހައްދުގައި އެކަންޏެވެ.
ހޯމް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ މީގެ ކުރިން ސުލްހަވެރި މުޒާހާރާތައް ކުރެވޭނީ އެންމެ ސަރަހައްދެއްކަމުގައިވާތީ، މާލޭގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ފުރުސަތު އިތުރަށް ފަހިކުރުމުގެ ގޮތުން، ފުލުހުން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނެ ސަރަހައްދުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އެ ސަރަހައްދުތަކަކީ:
1- ހެންވޭރު ކާނިވާ ސަރަހައްދު
2- ރަސްފަންނު ސަރަހައްދު
3- މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅި)
4- އުސްފަސްގަނޑު ސަރަހައްދު
ހޯމް މިނިސްޓްރީން މިގޮތަށް ސަރަހައްދުތަކެއް ކަނޑައަޅާފައިމިވަނީ ސިލްސިލާ ގޮތެއްގައި ޒުވާނުންތަކެއް ފުލުހުން ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް ހުންނަ ހެންވޭރު ޕޮލިސް ސްޓޭޝަން ކައިރީގައި މުޒާހަރާތަކެއް ބާއްވަމުންދާ ދަނޑިވަޅެއްގަ އެވެ.
ޒުވާނުން ކުރަމުންދާ އިހުތިޖާޖު ރޭ ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން ރޫޅާލާފަ އެވެ. އަދި މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި ދެ ޒުވާނަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ މަޙްޒޫމް މާޖިދު (28އ) އާއި ޢާއިޝަތު ޝިމަން އަޙްމަދު (19އ) އެވެ. އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ތިން ދުވަސް ޖަހާފަ އެވެ.