މާލޭގައި ސިލްސިލާ ގޮތެއްގައި ޒުވާނުން ކުރަމުންދާ މުޒާހަރާގެ ތެރެއިން ރޭ ހައްޔަރުކުރި ދެ ޒުވާނުންނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ޅެމަކުން ހިތްވަރު ދެއްވައިފި އެވެ.
ފުލުހުން ހައްޔަރުކޮށްފައިވަނީ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި ދެ ޒުވާނުން ކަމަށްވާ މަޙްޒޫމް މާޖިދު (28އ) އާއި ޢާއިޝަތު ޝިމަން އަޙްމަދު (19އ) އެވެ. އެ ދެ ޒުވާނުންގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ތިން ދުވަސް ޖަހާފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވަނީ މި ދެ ޒުވާނުންނަށް ވެސް ޅެމަކުން ހިތްވަރު ދެއްވައިފަ އެވެ.
"މިތުރުންގެ ހިތަށް ދަތިކުރި ކަޅު ކޮންމެ ރެޔެއް ވެސް، ފިތުރަތުގެ އުސޫލުން ނިމިދަނީ ފަތިހަށެ އަމުދުން،" ނަޝީދުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
Shiman aai Mahzoom ah dhannavaalan othee:
Mithurunge hithah dhathikuri kalhu konme reyehvves, Fithurathuge usoolun nimidhanee fathihashe amdhun.
— Mohamed Nasheed (@MohamedNasheed) May 2, 2025
މަހްޒޫމް އާއި ޝިމަންގެ ތިން ދުވަހަށް ބަންދުކުރަން އަމުރުކުރިއިރު، މިއަދު އޮތް މުއްދަތު މަޖިލީހުގައި ފުލުހުންގެ ފަރާތުން އެދުނީ އެ ދެމީހުން 15 ދުވަހަށް ބަންދުކޮށްދިނުމަށެވެ.
ފުލުހުން ބުނީ މަޙްޒޫމް ހައްޔަރުކުރީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި ޝިމަން ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެ.
ސިލްސިލާ ގޮތެއްގައި ޒުވާނުން މާލޭގައި ކުރަމުންދާ މުޒާހަރާ އަކީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އުސް އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ކުރަމުންދާ މުޒާހަރާތަކެކެވެ.