Last Updated: May 3, 11:05
Saturday, May 3, 2025
ޚަބަރު

އެއްވުންތައް ރޫޅާލުމުގައި ސުލްހަވެރިކަން އިސްކުރަން ގޮވާލައިފި

އެއްވުންތައް ރޫޅާލުމުގައި ސުލްހަވެރިކަން އިސްކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

މާލޭގައި ސިލްސިލާ ގޮތެއްގައި ޒުވާނުން ކުރަމުންދާ އިހުތިޖާޖު ރޭ ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން ރޫޅާލާފަ އެވެ. އަދި މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި ދެ ޒުވާނަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ މަޙްޒޫމް މާޖިދު (28އ) އާއި ޢާއިޝަތު ޝިމަން އަޙްމަދު (19އ) އެވެ.

އެޗްއާރްސީއެމުން ނެރުނު ބަޔާނެއްގައި ބުނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގާ އެއްގޮތްވާ ގޮތުގެ މަތިން ސުލްހަވެރި އެއްވުންތަކާއި އަދި އެފަދަ އެއްވުންތަކުގައި ގިނަ ޒުވާނުންތަކެއް ބައިވެރިވެ އުޅުމަކީ އެ ކޮމިޝަނުން ބަލައިގަންނަ ކަމެއް ކަމަށެވެ.

އެގޮތުން މިފަދަ އެއްވުންތައް ބޭއްވުމުގައި ދަތުރުފަތުރުކުރާ މީހުންނާއި ހިނގާބިނގާވެ އުލޭ މީހުންނާއި އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކާއި އަދި ވިޔަފާރިތަަކަށް ދަތިނުވާނެ ގޮތަށް އެއްވުންތައް ހަަމަޖެއްސުމަށް މަސައްކަތް ކުރުމަށް އެޗްއާރްސީއެމްއިން ވަނީ އެދި ފައެވެ. އަދި މި ދުވަސްވަރަކީ ޖީސީއީ އޯލެވެލް އިމްތިހާން ދުވަސްވަރުކަމުން މަގުތަކުގައި އަޑުގަދަނުކޮށް، މިފަދަ އެއްވުންތަކުގައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ތެރެއިން ކުރިއަށް ގެންދިއުމާއި، އަދި އާންމު އިޖްތިމާއި މިންގަނޑާއި ހިލާފު ނުވާނެހެން މުޒާހަރާ ކުރިއަށް ގެންދިއުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެއިތުރުން މުޒާހަރާ ރޫޅާލުމުގައި ގާނޫނާއި ގަވާއިދުގެ ތެރެއިން އަމަލުތައް ބެހެއްޓުމަށާއި، އަދި އަމަލު ކުރަންޖެހޭ އިޖްރާތްތަކާއި އެއްގޮތަށް އަމަލު ކުރުމަށް ފުލުހުންގެ ކިބައިން އެ ކޮމިޝަނުން ވަނީ އެދިފައެވެ. އަދި މިފަދަ އެއްވުންތައް ރޫޅާލުމުގައި ސުލްހަވެރިކަން އިސްކުރުމަށް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.