ރައީސުލްޖުމްހުރިއްޔާ އަށް ހާއްސަކޮށްފައިވާ، ކ. އާރަށަށް ގިނައިން ވަޑައިގަންނަވަނީ ކުޅިވަރު ކުޅެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ފުޓްބޯޅަ ކުޅުމަކީ ވަރަށް ކުރާ ހިތްވާ ކަމެއް ކަމަށާއި އާރަށުގައި ރަނގަޅު ފެންވަރުގެ ފުޓްސަލް ދަނޑެއް އޮތުމުން ހަފްތާއަކު ތިން ދުވަހު އެ ރަށަށް ވަޑައިގަންނަވާ ކަމަށެވެ.
އަދި މާލޭގެ ފުޓްސަލް ދަނޑަކަށް ކުޅެން ވަޑައިނުގަންވަނީ ސެކިއުރިޓީއާ ޓްރެފިކާއި އެހެން ކަންކަމަށް ބަލާއިރު އާރަށަށް ވަޑައިގަތުން ރަނގަޅު ކަމަކަށްވުން ކަމަށް ރައީސް ވިދާޅުވި އެވެ.
ވެރިކަމަށް ވަޑައިގެންނެވި ފަހުން އާރަށަށް ވަޑައިގެންނެވީ 116 ފަހަރު ކަމަށާއި އޭގެތެރެއިން 85 ފަހަރު ވަޑައިގެންނެވީ ފުޓްބޯޅަ ކުޅުއްވުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އާއިލާއާއެކު 31 ފަހަރު އެ ރަށަށް ވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން އެމަނިކުފާނު އާރަށަށް ވަޑައިގަންނަވާތީ ރަސްމީ ލޯންޗުކޮޅުގެ އިތުރުން ސެކިއުރިޓީ ދެ ލޯންޗުކޮޅު ދަތުރުކުރާ ކަމަށާއި ލޯންޗުގެ ތެލުގެ ހަރަދަށް 8 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.