Last Updated: May 4, 10:04
Sunday, May 4, 2025
ޚަބަރު

ޝިމަން އާއި މަހުޒޫމް ބަންދުން ދޫކޮށްލައިފި

މާލޭގައި ސިލްސިލާ ގޮތެއްގައި ޒުވާނުން ކުރަމުންދާ މުޒާހަރާގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހުގެރޭ ހައްޔަރުކުރި ދެ ޒުވާނުން މިރޭ ދޫކޮށްލައިފި އެވެ.

ފުލުހުން ހައްޔަރުކޮށްފައިވަނީ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި ދެ ޒުވާނުން ކަމަށްވާ މަޙްޒޫމް މާޖިދު (28އ) އާއި ޢާއިޝަތު ޝިމަން އަޙްމަދު (19އ) އެވެ. އެ ދެ ޒުވާނުންގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ތިން ދުވަސް ޖަހާފަ އެވެ.

ނަމަވެސް އެ ދެ ޒުވާނުން މިރޭ ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފަ އެވެ.

ފުލުހުން ބުނީ މަޙްޒޫމް ހައްޔަރުކުރީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި ޝިމަން ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެ.

ސިލްސިލާ ގޮތެއްގައި ޒުވާނުން މާލޭގައި ކުރަމުންދާ މުޒާހަރާ އަކީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އުސް އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ކުރަމުންދާ މުޒާހަރާތަކެކެވެ.