ޕާޓީކުރިކަމަށް ތުހުމަތުވެ، ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާ ދާއޫދު އަހުމަދަށް ފިޔަވަޅު އެޅީ ފޮޓޯތަކެއްގެ މައްސަލައިގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދާއޫދަކީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެރޭ ހެންވޭރު ގެއެއްގެ ފުރާޅެއްގެ މަތީގައި ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުއާ އެކު އެ ރޭ އުޅުނު ފިރިހެން މީހާ ކަމަށްވާ ރައުދު އަހްމަދު ޒިލާލްގެ އެއްބަނޑުއެއްބަފާ ބޭބެ އެވެ.
ރައީސް މުއިއްޒުއަށް ޒުވާނުންގެ ކަންކަމުގައި މަޝްވަރާ އާއި ހިޔާލު އެރުވުމުގެ ގޮތުން އުފައްދާފައިވާ ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ ރައީސްކަމުން ދާއޫދު ވަކިކޮށްފައިވާއިރު، ރައީސް އޮފީހުގައި އޭނާ އަދާކުރަމުންދާ ވަޒީފާއިން ވަނީ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކޮށްފަ އެވެ.
މި ހާދިސާ ހިނގުމާއެކު ދާއޫދު އާއި އޭނާގެ ރައްޓެހިންތަކެއް ޕާޓީކުރާ ކަމަށް ބެލެވޭ ފޮޓޯތަކާއި ވީޑީއޯތައް ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާއިރު، ރައީސް މުއިއްޒު މިރޭ ވިދާޅުވީ ދާއޫދަށް ފިޔަވަޅު އެޅީ އޭނާ ފެންނަ ފޮޓޯތަކެއްގެ ސަބަބުން ކަމަށާއި އެ ފޮޓޯތަކުގެ ގޮތުން އެކަމަށް އަޅާނުލާ ދޫކޮށްލަން އުނދަގޫވީ ކަމަށެވެ.
"ދާއޫދު އަމިއްލަ އަށް އަޅުގަނޑު ގާތު ވިދާޅުވި އެއީ ތިމަންނަ ކުރީގައި ކިޔަވަން އުޅުނު ދުވަސްވަރު ތިމަންނަގެ ފޮޓޯތަކެކޭ. ތިމަންނަ އެކަމާ މިހާރު ރިގްރެޓް ކުރާ ލަނދުގަންނަ ފޮޓޯތަކެއް ކަމަށް،" ރައީސް ވިދާޅުވި އެވެ.
ޔުމްނު ވެއްޓުމުގެ ކުރިން ރައުދުއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގި ކަމަށް ރައުދު ބުނެފައިވާ ކަމަށް ފުލުހުން ކޯޓުގައި ވަނީ ބުނެފަ އެވެ. ނަމަވެސް އެއީ ކޮން ކަމަކާއި ގުޅިގެން ހިނގި ހަމަނުޖެހުންތަކެއް ކަމެއް ބުނެފައެއް ނުވެ އެވެ.
މި ހާދިސާއަށް ފަހު، އޭގެ މާ ގިނަ އިރުތަކެއް ނުވަނީސް ޔުމްނު ކޮބައިތޯ ސުވާލު ކުރުމުން ވީތަނެއް ނޭނގޭ ކަމަށާއި، ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ރައުދު މިހެން ބުނެފައިވަނީ ކާކު ގާތު ކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ.