Last Updated: May 4, 21:37
Sunday, May 4, 2025
ޚަބަރު

އަޒްމިރަލްދާ އާއި މަހާޒު ވަކިކުރަން ނިންމައިފި

ސަސްޕެންޝަނުގައި މިވަގުތު ތިއްބެވި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒުއާ ގުޅޭ ގޮތުން ޖޭއެސްސީން ބެލީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައެކެވެ.

އެ މައްސަލައިގައި ދެ ފަނޑިޔާރުން ހާޒިރުކޮށް ޖޭއެސްސީން ވަނީ ބަޔާން ވެސް ނަގައިފަ އެވެ. އަދި އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން އެ ދެ ފަނޑިޔާރުންގެ މައްސަލަ ބެލި ޖޭއެސްސީގެ ތަހުގީގު ކޮމިޓީން ވަނީ ނިންމާފަ އެވެ.

ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ ސުލޫކީ މައްސަލައިގެ ރިޕޯޓް ބަލައިގަނެ، އެ ރިޕޯޓުގައި ބަޔާންކުރާ ފިޔަވަޅު ފަނޑިޔާރުންގެ މައްޗަށް އެޅުމަށެވެ.

ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒް ވަކި ކުރަން ނިންމުމުން ދެން އެ މައްސަލަ ފޮނުވާނީ ރައްޔިތުންގެ މަޖިލީހަށެވެ. ފަނޑިޔާރުން މަގާމުން ވަކިވާނީ މަޖިލީހުން އެކަން ފާސް ކުރުމުންނެވެ.

މި ދެ ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލަން އިންސާނީ ހައްްގުތަކަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމިއްޔާ ހިއުމަން ރައިޓްސް ވޮޗުން ސަރުކާރަށް ދާދިފަހުން ވަނީ ގޮވާލައިފަ އެވެ.