Last Updated: May 4, 23:02
Sunday, May 4, 2025
ޚަބަރު

ރާއްޖެ-އެމެރިކާ ސިފައިންގެ ތަމްރީނުތަކެއް ފަށައިފި

ޔޫއެސް މޮންޓާނާ ނޭޝަނަލް ގާޑްގެ ސިފައިންނާއި ދިވެހި އަސްކަރިއްޔާއިން ގުޅިގެން ބާއްވާ އެކްސަސައިޒް "ބްލެކް މާލިން" ގެ 5 ވަނަ އެޑިޝަން މިއަދު ފަށައިފި އެވެ.

އެކްސަސައިޒް ފެށުމުގެ ގޮތުން ބަންޑާރަކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް މެރިން ކޯގެ ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް ޢަބްދުﷲ ޒުހުރީ އެވެ.

އެމްއެންޑީއެފުން ބުނީ މިއަދުން ފެށިގެން މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދަން ތާވަލުކޮށްފައިވާ އެކްސަސައިޒް "ބްލެކް މާލިން" ގެ މި އެޑިޝަންގައި ފަސް އެސްއެމްއީއީ ޕްރޮގްރާމް (ސަބްޖެކްޓް މެޓާ އެކްސްޕާޓް އެކްސްޗޭންޖް ޕްރޮގްރާމް) ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެތެރޭގައި، އިންޓެލިޖަންސް، ލޮޖިސްޓިކް، މެޑިކަލް، އީއޯޑީ، އަދި އިންފެންޓްރީއާ ގުޅުންހުރި އެސްއެމްއީއީ ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މި އެކްސަސައިޒް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެމެރިކާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިއުގޯ ޔޮންއާގެ އިތުރުން ޔޫއެސް މޮންޓާނާ ނޭޝަނަލް ގާޑުގެ އެޖުޓަންޓް ޖެނެރަލް، މޭޖާ ޖެނެރަލް ޕީޓާ ރޮނެކް އަދި އެމްއެންޑީއެފްގެ ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރެއިނިންގެ ޑައިރެކްޓަރ ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޙަސަން ޝާހިދުގެ އިތުރުން ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވި އެވެ.