Last Updated: May 4, 23:02
Sunday, May 4, 2025
ޚަބަރު

ޔުމްނުގެ ހާލު ސްޓޭބަލް، ބުރާސްފަތި ދުވަހު އިތުރު ސާޖަރީއެއް ކުރަނީ

މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު 21، ގެ ހާލު ސްޓޭބަލް ކަމަށާއި ބުރާސްފަތި ދުވަހު އިތުރު ސާޖަރީއެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޔުމްނުގެ އާއިލާއިން ބުނެފި އެވެ.

ޔުމްނުއަށް ލިބިފައިވާ އަނިޔާތަކާއި ގުޅިގެން އިތުރު ފަރުވާ އަށް މެލޭޝިއާގައި މިހާރު އަންނަނީ ފަރުވާ ހޯދަމުންނެވެ.

ޔުމްނުގެ އާއިލާގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދޭ މުހައްމަދު މުއުމިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޔުމްނު މިހާރު ހޭ އަރާފައިވާ ކަމަށާއި އަދި އޭނާގެ ހާލު ސްޓޭބަލް ކަމަށެވެ. ނަމަވެސް ޔުމްނު އަށް އަދިވެސް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށާއި އޭނާ އަދިވެސް އޮތީ ބޮޑު ޝޮކެއްގައި މުއުމިން ބުންޏެވެ.

ޔުމްނުއަށް ކާންދިނުމަށް ގުޅާފައިވާ ހޮޅި މިއަދު ނައްޓާލާފައިވާކަން ފާހަގަކުރަމުން މުއުމިން ބުނީ މިހާރު ހިމޫންކޮށްގެން ކާތަކެތި ކެވޭ ކަމަށެވެ. އަދި އަންނަ ބުރާސްފަތި ދުވަހު ޔުމްނުގެ އިތުރު ސާޖަރީއެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެއީ އުނަގަނޑާއި ކަނދުރާގެ ބައިތަކުގެ ސާޖަރީއެއް ކަމަށް އޭނާ ބުންޏެވެ.

ފުރާޅުމައްޗަށް ޔުމްނު ވެއްޓުނު މައްސަލައިގައި އެރޭ އޭނާއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލް، ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ބަންދަށް 10 ދުވަސް ވަނީ ޖަހައިފަ އެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، ޔުމްނު ވެއްޓުމުގެ ކުރިން ރައުދުއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގި ކަމަށް ރައުދު ބުނެފައިވާ ކަމަށް ފުލުހުން ކޯޓުގައި ވަނީ ބުނެފަ އެވެ. ނަމަވެސް އެއީ ކޮން ކަމަކާއި ގުޅިގެން ހިނގި ހަމަނުޖެހުންތަކެއް ކަމެއް ބުނެފައެއް ނުވެ އެވެ.

އަދި މި ހާދިސާއަށް ފަހު، އޭގެ މާ ގިނަ އިރުތަކެއް ނުވަނީސް ޔުމްނު ކޮބައިތޯ ސުވާލު ކުރުމުން ވީތަނެއް ނޭނގޭ ކަމަށާއި، ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ރައުދު މިހެން ބުނެފައިވަނީ ކާކު ގާތު ކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ.