Last Updated: May 4, 23:02
Sunday, May 4, 2025
ޚަބަރު

ތަމްރީނު ހަދަމުންދިޔަ ފުލުހެއްގެ ހާލު ސީރިއަސްވެ، ފަރުވާ ދެނީ

ފުލުހުންގެ މައި އިދާރާ

ދ. ވާނީގައި ތަމްރީނު ހަދަމުން ދިޔަ ރެކްރޫޓް ފުލުހެއްގެ ހާލު ދެރަވެގެން ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން ބުނީ މިއަދު ފަތިހު 04:21 އެހައިކަންހާއިރު، ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިން ސެންޓަރުގައި ކުރިއަށްދާ 40 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގެ ދަރިވަރުންނަށް ވޭކް-އަޕް ކޯލް ދިނުމަށް މުދައްރިބުން ދަރިވަރުންގެ ބެރެކްސްތަކަށް ވަދެ ދަރިވަރުން ހޭލައްވަމުން ދިޔައިރު 34 އަހަރުގެ ފިރިހެން ރެކްރޫޓެއް، ގޮވުމުންވެސް ހަބަރެއް ނުވެ ހަރަކާތެއްވެސް ނެތުމުން، 04:27 ގައި އޭނާ މެޑިކަލް ރޫމަށް ގެންގޮސް އަވަސް ފަރުވާ ދޭން ފަށާފައިވާ ކަމަށެވެ.

ޑޮކްޓަރުގެ ލަފާގެ މަތިން، 04:48 ގައި އިތުރު ފަރުވާއަށް ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށާއި އަދި އެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު، 13:22 ގައި އެއާ އެމްބިއުލާންސްގައި މާލެ ގެނެސް ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

މި ވަގުތު އެ ރެކްރޫޓަށް ފަރުވާ ދެމުން ގެންދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ވެންޓިލޭޓަރުގެ އެހީގައި ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.