Last Updated: May 5, 10:27
Monday, May 5, 2025
ޚަބަރު

ފަނޑިޔާރުންނާ ދެކޮޅަށް ހިންގީ ޖަރީމާއެއް

ކުރީގެ އުއްތަމަ ފަނޑިޔާރު - ފޮޓޯ: ރައީސް އޮފީސް

ސަސްޕެންޝަނުގައި މިވަގުތު ތިއްބެވި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރާއި ދެކޮޅަށް ހިންގީ ޖަރީމާއެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު، ޑރ. އަހުމަދު އަބްދުﷲ ދީދީ (ޑީޑީ) ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒުއާ ގުޅޭ ގޮތުން ޖޭއެސްސީން ބެލީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައެކެވެ.

އެ މައްސަލައިގައި ޖޭއެސްސީން އިއްޔެ ވަނީ އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ނިންމައި އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފަ އެވެ. އެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑީޑީ ވިދާޅުވީ ދިވެހި ދައުލަތުގެ އެންމެ އަސާސީ އެއް ރުކުން ކަމުގައިވާ ދިވެހި ރައްޔިތުންގެ ބާރު ގެއްލޭގޮތަށް، ޤާނޫނުއަސާސީއަށް ގެނެވުނު ބަދަލަކީ ގާނޫނު އަސާސީގައި ޤާއިމުވެފައިވާ އަސާސީ ސިފަތަކާއި މަބްދައުތަކާ ޚިލާފަށް ގެނެވުނު ބަދަލަކަށްވާތީ، އެ މައްސަލަ ސުޕްރީމް ކޯޓަށް ދުސްތޫރީ އަދި ޢާންމު މަޞްލަޙަތުގެ މައްސަލައެއްގެ ގޮތުގައި ހުށަހެޅި، އެ ކޯޓުގައި އެ މައްސަލަ ބަލަމުން ދަނިކޮށް، ކުއްލިއަކަށް އެ ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑްކޮށް، ތަޙްޤީޤު ހިންގައި، އަދި ވަކިކުރުމަށް ހުށަހެޅިގެން ދިޔައީ އިއްތިފާޤުން ކަމަށް ބަލަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އެއީ ކަނޑައެޅިގެން ޤާނޫނުއަސާސީގެ 41 ވަނަ މާއްދާގެ (ނ) އާއި (ރ) އާ ޚިލާފަށް އެ މައްސަލަ ކުރިޔަށް ގެންދިއުމަށް ހުރަސްއެޅުމުގެ ނިޔަތުގައި ހިންގާފައިވާ ޖަރީމާއެއް ކަމަށް ޑީޑީ ވިދާޅުވި އެވެ.

"އެޖަރީމާގެ އެންމެހައި ބައިވެރިން ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީ ވާންޖެހޭނެއެވެ. އަދި ޕީނަލް ކޯޑް ގެ 533 ވަނަ މާއްދާގެ ދަށުން ޖިނާއީ މަސްއޫލިއްޔަތުވެސް އުފުލަންޖެހޭނެއެވެ،" ޑީޑީ ވިދާޅުވި އެވެ.

ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު ވަކިކުރަން ނިންމައި މަޖިލީހަށް އެ މައްސަލަ ފޮނުވާފައިވާއިރު، މި ދެ ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލަން އިންސާނީ ހައްްގުތަކަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމިއްޔާ ހިއުމަން ރައިޓްސް ވޮޗުން ސަރުކާރަށް ދާދިފަހުން ވަނީ ގޮވާލައިފަ އެވެ.