Last Updated: April 26, 10:28
Friday, April 26, 2024
އައްޑޫ ބަހުން

އެންމެން އެކެއްތައް ނިކޭއި ދުވަހަކިއަސް ހޮސްޕިޓަލަށް ނިއެޑޭހެއް !

ފުޓްބޯޅަ މެޗެއް ބަލަން ގޮސް ތިބި ޒުވާނުންތަކެއް.

ސަރުކާރަތަކުން އައްޑޫ ބާކީ ކެރާ ވާހަކަ، އައްޑޫ އަށް ކަންތެތި ކޮށް ނިދޭ ވާހަކަ ދައްކާތާން މިކޯ ބައި ގަރުނު ވެގެ. އައްޑޫ އަށް ކަންތެތި ކޮށްދޭހެއް ކަމަށް ކޮންމި ސަރުކާރަކުނަސް ބޮޑޮތި ވަޢުދުތައް ވެއި. އެކަމަކި އެވެރިކަމަށް ނިމިގެން އެބޭ ކަލަކިއަސް ތަރައްޤީއަށް އެއްވިއެސް ކަމަށް ނިވެ.

އައްޑޫ މީހުންގެ ހުށިހެއި އަސް ވާހަކައަކީ ސަރުކާރުން ތަފާތު ކެރުންތައް ގިނި ވޭޑޭ ވާހަކަ. އެކަމަކި ހަމަ އެ އައްޑޫއަށް ނިސްބަތްވޭ ބައެއް މީހުން އަބަދަށަސް މަސައްކަތަކީ، ސަރުކާރުގެ ހެއު ވާހަކަ ދެއްކުން. ވަކި ސަރުކާރަށް ނުން، އެމްޑީޕީ އަސް އަދި ޕީޕީއެމް ސަރުކާރި އަސް ފެނެމުން އެނީ މި މަންޒަރަ.

2004 ވަނަ އަހަރަ އައްޑޫ 100 އެނދެ ހިންނެ ހޮސްޕިޓަލަށް އެޑާނެ އެންމެ ފެރެތުމާއް ދައްކާއް ފެއްޓި ލެކަށް އޭގެ 4 އަހަރަ ފަހުން ރައީސް މައުމޫނުގެ ވެރިކަން ނިމިގެން ގޭކަލަސް އެ ކަމަށް ނިވި. އެކަމަކި، އެ ކަމާއި ޝަކުވާ ނިކޮށް ރައީސް މައުމޫނުއަށް ސަނާ ކޭއް ތިބީ ހަމަ މި އައްޑޫ ރައްޔިތުންގެ މީހާ.

2008 ވަނަ އަހަރި ރައީސް ނަޝީދުގެ ވެރިކަން އާސްގެން، އައްޑޫ މީހުން ހުވަފެނުނަސް ނިދަކުނެ ވަރަ ރިވެރި ކޮންވެންޝަން ސެންޓަރަށް އެޑި އެތައް މަގަތަކަށް ހެދިގެންގެ. އެކަމަކި އެކަލަސް އެއްކަލަ 100 އެނދެ ހިންނެ ހޮސްޕިޓަލާއު ކޭފެއި ނަޝީދު އެކެހެ ވާހަކަ ދައްކާނެ އަގާއް ނެތް. މައުމޫނުގެ ވެރިކަމި ހޮސްޕިޓަލާއު ކޭފެއި ދިވި މީހުން، އެމްޑީޕީ ވެރިކަމި ބޮޑޮތި މަގާމްތަކަށް ގޮސް މުސާރަ ލިބެނެމެއި، ހޮސްޕިޓަލުގެ ވާހަކަ ދައްކާއް ބޭނުމަށް ނިވި.

ހަމަ އެގޮތަށް ނަޝީދުގެ ސަރުކާރި ހޮސްޕިޓަލް ނިއެޑިއައު ކޭފެއި އެއްތެތި ކީ މީހުން، އެވެރިން ހިތްއެދޭ ޕީޕީއެމް ވެރިކަމަށް އާމެއި ތިބެނީ، ސަރުކާރުން ހެދި ކޮންމި އެއްތަކަށް "ހާނ ހޫނ" ކޭފެއި ބޯ ޖަހަލާފެއި. 2015 ވަނަ އަހަރަ ނިމުމުގެ ކުރިން ހޮސްޕިޓަލި މަސައްކަތް ފަށާށި އައު ކޭފެއި އަޑަ ލަވަމުން ދިވި ފޭދޫ މެންބަރު އިބްރާހިމް ދީދީ އަސް މިކޯ އެހެނާއު އަސް ނިކެއި.
ދެން އޮތީ އެހެކާ އެނެހެކާއް ޒުވާބު ކެރުން. އެމްޑީޕީ މީހުން ހޮސްޕިޓަލި މައްސަލަ އެއި ޕެޓިޝަނަށް ހަދާއް ވިސްނަލީ ފެހޭ، ޕީޕީއެމް މީހުން ބެނަނީ އެކަން ކަމި ނިވޭށިއައު. ޕީޕީއެމް މީހުންގެ ފަހަތި އެކަން ކެރާކަށް އެމްޑީޕީ މީހުން ބޭނުމަށް ނިވެއި.

ހޮސްޕިޓަލި ވާހަކަ މެންބަރަކާ މަޖިލީހެ ލާއި ދައްކަލީ ފެހޭ އެއްބާކިންނަށް އޭ މައްސަލާއް. ސަރުކާރަށް ތުރާއު ކެރަނީ ކަމަށް ވޭހެއް. ދެން ޕާޓީއަކަށް ނިސްބަތް ނިވޭ ބާކިން ހޮސްޕިޓަލް މައްސަލަ އެއި އެއްތަކާއި ކޭ ކަލަކި، އެއްކަލަ ޕާޓީ ކުދިން ބެނާށިޔެ، ތޭ އަރަޅަށް ބަރަޅަށް ދެންނެ ބާކިން ނުނާއު.

އައްޑޫ މީހުން ގަބޫލު ކެރާއްޖެހޭ ހަގީގަތަކީ، ހިތަދޫ މީހުންނަށް ވަކި ގޮތަށް، މަރަދޫ މީހުންނަށް ވަކި ގޮތަށް، މަރަދޫ ފޭދޫ މީހުންނަށް ވަކި ގޮތަށް. އަދި ފޭދޫ އެއި ހުޅުމީދޫ މީހުންނަށް ވަކި ގޮތަށް ކޭގެން ދުވަހަކިއަސް މި ހޮސްޕިޓަލަށް ނިއެޑޭހެއް ކަން.

އައްޑޫ މީހުން ބައިބައިވެގެން އެހެކާ އެނެހެކާއް ނެތި ނިބެއި ކޭމުން ދިވާ ކޮންމި ދުވަހަކީ، އައްޑޫ ތަރައޤީއަށް ހެރެސް އެޑޭ ދުވަހަށް ކަން ވިސްނާއް ތެބެ ޖެހެއި. މީހާ ކޮންމި ލެހެކަށް ހިށަސް އެމީހާ ކެރާ މަސައްކަތަކީ އަފިރިން އެންމެންނަށް ފާއިދާ ހިށި ކަމަށް ފެހޭ އެކަމަށް އެއްބާރަލުން ދޭއް ވެނީ.
އެމީހާ އަތި ރިސޯޓަކާއި، ތިން ބައްތެލި އެއި ހަތެރެ ގޭވަޑަ ނެތަސް ނުންފެހޭ ބައްތިރީސް އިސްކޫލުން ނިކިޔަވައި ހިށަސް އެންމެންނަށް ފާއިދާ ހިށި ކަމަށް ފެހޭ އެކަން ކެރާއްވީ.

އަޑަގަދަ ވެގެން ރުއް ގިސް ގިނަވީ ޒަމާން އެބެގެ. އެހެކާ އެނެހެކާއް އިހްތިރާމްކޮށްގެން އައްޑޫ ތަރައްޤީ ކެރާއް އެއްބާރަލުން ދޭއްވެނީ. މި ނުން ގޮތަކަށް މިކަން ނިވޭހެއް. 50 އަހަރަ ވީކޯ މީހަކާއް ގޮތަށް ކޭގެން ތިބި ކަމުން ސަރުކާރަތަކުން އަފިރިންނާއި ދޭތެރެ ބޭނުން ގޮތަކަށް ހެދެނެއި. އެހެންވީމެއި ތަރައްޤީކެރާއް ބޭނުންފެހޭ އެންމެން އެކެއްތައް ކޭއް ތެބެވެއި.